Advertisement

ޓޮޓެންހަމް އަތުން ލިވަޕޫލަށް މޮޅެއް، ޗެލްސީ އުންމީދުގައި

6 މޭ 2024 - 08:08 0


ޓޮޓެންހަމް އަތުން ލިވަޕޫލަށް މޮޅެއް، ޗެލްސީ އުންމީދުގައި

6 މޭ 2024 - 08:08 0

ލަންޑަން (މެއި 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން 4-2 އިން ލިވަޕޫލް މޮޅުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 5-0 އިން ކުރިހޯދައި، ޗެލްސީން ޔޫރަޕްގެ މުބާރާތެއްގެ އުންމީދު ދަމަހައްޓައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 36 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ އޮތީ 35 މެޗުން 82 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ފުރުސަތު ގެއްލިފައިވާއިރު، އެ ޓީމަށް 36 މެޗުން ލިބުނީ 78 ޕޮއިންޓެވެ. ހަތަރު ވަަނައިގައި އޮތް އެސްޓަން ވިލާ ވަނީ ރޭ 1-0 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. ވިލާ އަށް 36 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ފަސް ވަނައިގައި އޮތީ، 35 މެޗުން 60 ޕޮއިންޓާ އެކު އެވެ.

ހަ ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 35 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި ޗެލްސީ އޮތީ، 35 މެޗުން 54 ޕޮއިންޓެވެ. އަށް ވަނަ އަށް ވެއްޓުނު މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 34 މެޗުން 54 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީ އަށް ލަނޑުތައް ޖަހައިދިނީ، ނިކޮލަސް ޖެކްސަން ދެ ގޯލުގެ އިތުރުން، ކޯލް ޕާމާ އާއި ނޯނީ މަޑުއޭކޭ އަދި ކޮނާ ގެލަގާ، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި ޓޮޓެންހަމް ކައިރިން ހަތަރު ގޯލުގެ ލީޑެއް ނެގީ ކޮންމެ ހާފެއްގައި ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި ލިވަޕޫލްގެ ލަނޑުތައް ޖެހީ، މުހައްމަދު ސަލާހު އާއި އެންޑީ ރޮބަޓްސަން އެވެ. ސަލާހަކީ، ޕްރިިމިއާ ލީގުގެ ތާރީހުގައި ޖެހިޖެހިގެން ތިން ސީޒަނުގައި 10 ގޯލު ޖަހައި، 10 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ކުޅުންތެރިޔާ އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލްގެ ލަނޑުތައް ޖެހީ، ކޯޑީ ގަކްޕޯ އާއި ހާވީ އެލިއަޓް އެވެ.

ޓޮޓެންހަމް އިން ވަނީ ބަދަލުތަކެއް ކުރުުމަށް ފަހު ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމުން ލަނޑުތައް ޖެހީ، ބަދަލަކަށް ކުޅެން އެރި ރިޗާލިސަންގެ އިތުރުން ސޮން ހެއުން މިން އެވެ. މީގެ ތެރެއިން ސޮން ލަނޑު ޖެހީ ރިޗާލިސަން ދިން ބޯޅައަކުންނެވެ. މި މެޗުން ބަލިވެ، ޓޮޓެންހަމް ވަނީ ފާއިތުވި 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފަ އެވެ.