މިއުނިކް (މެއި 5) - ޖަރުމަނު ލީގުގައި, ބަޔާން މިއުނިކުން ސްޓުޓްގާޓް އަތްދަށުވިއިރު, ބްރޫޝިއާ ޑޯޓްމަންޑުން ފަސޭހަކަމާ އެކު އޯސްބާގް ބަލިކޮށްފި އެވެ.
ރޭ ރަށުން ބޭރުގައި ބަޔާނުން ކުޅުނު މެޗުގައި ސްޓުޓްގާޓް އަތުން ބަލިވީ 3-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 29 ވަނަ މިނެޓުގައި ސްޓުޓްގާޓުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ލިއޮނިޑަސް ސްޓާޖިއޯ އެވެ. އެކަމަކު، މެޗުގެ 37 ވަނަ މިނެޓުގައި ބަޔާން އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ އިތުބާރު ފޯވާޑް ހެރީ ކޭން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނު ސްޓުޓްގާޓް އިން ދެ ވަނަ ފަހަރަށް ލީޑު ނެގީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ހުއްޓަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ވޫ-ޔޮންގް އެވެ. އަދި ސްޓުޓްގާޓްގެ ފަހު ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖަހާދިނީ ކަޓޮމްޕާ އެމްވޮމްޕާ އެވެ.
މީގެ އިތުރުން ރޭ ޑޯޓްމަންޑުން ކުޅުނު މެޗުގައި އައުސްބާގްގެ މައްޗަށް ކުރިހޯދީ 5-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ހަތަރު ވަނަ މިނެޓުގައި ޑޯޓްމަންޑުން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލް އެ ޓީމަށް ޖަހާދިނީ ޔޫސުފާ މޫކޯކޯ އެވެ. އޭގެ ފަހުން މެޗުގެ 20 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ފުޅާކޮށްދިނީ ޑޮންޔެލް މާލެން ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ޑޯޓުމަންޑުން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއީ މާކޯ ރެއުސް އެހީތެރިކަމާ އެކު މޮމޯކޯކޯ ޖެހި ގޯލެކެވެ.
އެކަމަކު އޭގެ ތިން މިނެޓު ފަހުން އައުސްބާގްގެ ރޫބެން ވާގަސް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ރެއުސް ވަނީ ގޯލު ޖަހާ ޑޯޓްމަންޑަށް ލީޑު ފުޅާކޮށްދީފަ އެވެ. ޑޯޓްމަންޑްގެ ފަހު ގޯލު މެޗުގެ 64 ވަނަ މިނެޓުގައި ޖަހާދިނީ ފީލިކްސް ސްމާކާ އެވެ.
މި ސީޒަނުގައި ޑޯޓްމަންޑް ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކުރި ފަހުން ރެއުސް ކުޅުނު ފުރަތަމަ މެޗުގައި އޭނާ އަށް ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ތަރުހީބުދީފަ އެވެ.
މި ނަތީޖާއާ އެކު ޑޯޓްމަންޑުން ލީގު ތާވަލުގެ ފަސްވަނައިގައި އޮތީ ކުޅުނު 32 މެޗުން ލިބުނު 60 ޕޮއިންޓާއެކުގަ އެވެ.
Comment