Advertisement

ރޫޔާ، 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

5 މޭ 2024 - 08:56 0


ރޫޔާ، 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

5 މޭ 2024 - 08:56 0

ހުނަރުވެރި އެތުލީޓު، މަރިޔަމް ރޫޔާ އަލީ، ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވަނީ މުގުރާލައިފި އެވެ.

މި ރެކޯޑް އެންމެ ފަހުން މުގުރާލީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި، އައިޝަތު ހިމްނާ ހަަސަން އެވެ. ހިމްނާ، އެ ރެކޯޑް މުގުރާލީ، 21 އަހަރު ވަންދެން އެ ރެކޯޑް އޮތް ސަމްހާ އަހުމަދުގެ ޓައިމިން އަށް ވުރެ އަވަހަށް ނިންމައިގެންނެވެ.

ކެނަޑާގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގައި ސަމްހާ ރެކޯޑް ހެދީ 12.27 ސިކުންތުން ރޭސް ނިންމައިގެންނެވެ. ހިމްނާ، މީގެ ދެ އަހަރު ކުރިން އެ ރެކޯޑް މުގުރާލީ، 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. އިއްޔެ، ޖެމެއިކާގައި ކުރިއަށްދިޔަ، ޖޭއޭއޭއޭ އޯލް ކަމާސް މީޓްގައި ވާދަކޮށް، ރޫޔާ، ވަނީ 100 މީޓަރު ރޭސް، 12.02 ސިކުންތުން ނިންމައި، ގައުމީ ރެކޯޑް ހަދައިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕްގެ ދަށުން ޖެެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ ރޫޔާ، މިދިޔަ އޭޕްރީލް މަހު ވަނީ، 100 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ބާވީސް އަހަރުވީ އެ ރެކޯޑް މުގުރާލީ، ޖެމެއިކާގެ ކިންގްސްޓަންގައި ކުރިޔަށް ދިޔަ "ވެލޯސިޓީ ފެސްޓް" މުބާރާތުގައި 12.21 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ވެސް ކުރިން އޮތީ ސަމްހާ އަތުގަ އެވެ.

މިންހާލް އާއި ޒިވާ އަށް ވެސް ރެކޯޑެއް

ޖެމެއިކާގައި ކުރިއަށްދިޔަ، ޖޭއޭއޭއޭ އޯލް ކަމާސް މީޓްގައި ވާދަކޮށް، މުހައްމަދު މިންހާލް ޝާމިން އާއި ޒިވާ މޫސާ ޝަފީއު ވެސް ވަނީ ރެކޯޑް ހަދައިފަ އެވެ.

އެ ގޮތުން، މިންހާލް ވަނީ 100 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފަ އެވެ. މިންހާލްގެ ޓައިމިން އަކީ، 10.73 ސިކުންތެވެ.

މި އިވެންޓްގެ ގައުމީ ޖޫނިއާ ރެކޯޑް ކުރިން ވެސް އޮތީ މިންހާލް އަތުގަ އެވެ. އެއީ، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ 100 މީޓަރު އިވެންޓުގައި ދުވެގެންނެވެ. މިންހާލްގެ އެ ފަހަރުގެ ޓައިމިން އަކީ، 10.82 ސިކުންތެވެ. އެހެންކަމުން، މިންހާލް މި ވަނީ މިވީ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ކުރިއެރުމެެއް ހޯދައިފަ އެވެ.

ޒިވާ، މުގުރާލައިފައިވަނީ، 200 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑެވެ. ޒިވާގެ ޓައިމިން އަކީ، 25.60 ސިކުންތެެވެ. މި ރެކޯޑް އެންމެ ފަހުން މުގުރާލީ، އަހްނާ ނިޒާރު އެވެ. އަހްނާ، މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި މި ރެކޯޑް ހެދީ، 25.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.