Advertisement

ޖިރޯނާ އިން ބާސެލޯނާ ބަލިކޮށްފި، ރެއާލަކީ ލީގު ޗެމްޕިއަން

4 މޭ 2024 - 23:44 0


ޖިރޯނާ އިން ބާސެލޯނާ ބަލިކޮށްފި، ރެއާލަކީ ލީގު ޗެމްޕިއަން

4 މޭ 2024 - 23:44 0

މެޑްރިޑް (މެއި 4) - ސްޕެނިޝް ލީގުގައި މިރޭ ޖިރޯނާ އިން ފަހަތުން އަރައި، 4-2 އިން ބާސެލޯނާ ބަލިކުރުމާ އެކު، ކަޑިޒް އަތުން 3-0 އިން މޮޅުވި، ރެއާލް މެޑްރިޑަށް ބާކީ ހަތަރު މެޗު އޮއްވައި، ލީގު ޗެމްޕިއަންކަން ޔަގީންވެއްޖެ އެވެ.

ރެއާލަަށް 34 މެޗުން 87 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ބާސެލޯނާ އަށް 34 މެޗުން ލިބިފައިވަނީ، 73 ޕޮއިންޓެވެ. ރެއާލަށް، 36 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ޔަގީންވީ، ބާކީ އޮތް މެޗުތަކުން މޮޅުވެގެން، ޖިރޯނާ އާއި ބާސެލޯނާ އަށް ރެއާލަށް ވުރެ ކުރިނުހޯދޭނެތީ އެވެ.

މިރޭގެ ނަތީޖާއާ އެކު، ޖިރޯނާ ވަނީ އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ޗެމްޕިއަންސް ލީގަށް ކޮލިފައިވެފަ އެވެ.

ޖިރޯނާ ދަނޑުގައި އަންދްރެއަސް ކްރިސްޓެންސަން ބާސެލޯނާ އަށް ލީޑުނަގައިދީފައިވަނިކޮށް، އާޓެމް ޑޮވްބީކް ވަނީ ޖިރޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ރޮބަޓް ލެވަންޑޯސްކީގެ ޕެނަލްޓީން ބާސެލޯނާ ފުރަތަމަ ހާފު ނިންމާލީ ލީޑުގަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ޖިރޯނާގެ ޕޯޓޫގެ މޮޅު ކުޅުމާ އެކު އެ ޓީމުން ނަތީޖާ އަނބުރާލި އެވެ.

ނުވަ މިނިޓް ތެރޭ ޖިރޯނާ އިން ޖެހި ތިން ގޯލުގެ ތެރެއިން، ދެ ލަނޑު ޕޯޓޫ ޖެހިއިރު، އަނެއް ލަނޑު ޖެހީ، ޕޯޓޫގެ މަސައްކަތާ އެކު، މިގޭލް ގުޓިއެރޭޒް އެވެ.

ސީޒަނުގައި ފުރަތަމަ ފަހަރަށް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ކުޅުނު މެޗުގައި، އެ ޓީމުން ކަޑިޒް ބަލިކުރީ ދެ ވަނަ ހާފުގައި ލަނޑުތައް ޖަހައިގެންނެވެ. ރެއާލުން ލީޑުނެގީ، 51 ވަނަ މިނިޓްގައި ބްރަހިމް ޑިއާޒް ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރިތާ އިރުކޮޅެއްގެ ތެރޭގައި ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ ޖޫޑް ބެލިންހަމް އެވެ. ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި ހޮސޭލޫ އެވެ.