Advertisement

12 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މުމްބައި ދަނޑުގައި ކަލްކަތާ އަށް މޮޅެއް

4 މޭ 2024 - 15:39 0

ވިކެޓެއް ނެގުމަށް ފަހު ސްޓާކް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


12 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މުމްބައި ދަނޑުގައި ކަލްކަތާ އަށް މޮޅެއް

4 މޭ 2024 - 15:39 0

މުމްބައި، އިންޑިއާ (މެއި 4) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ކަލްކަތާ ނައިޑްރައިޑާސް އިން 24 ލަނޑުން މުމްބައި އިންޑިއަންސް ބަލިކޮށް، އެ ޓީމުގެ ދަނޑު، ވަންކެޑޭ ސްޓޭޑިއަމްގައި 12 އަހަރު ތެރޭ ފުރަަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

ފަސް ފަހަރު އައިޕީއެލްގެ ޗެމްޕިއަންކަން ހޯދާފައިވާ މުމްބައި އަށް މިއީ ދަށް ސީޒަނެކެވެ. ކުޅުނު 11 މެޗުގެ ތެރެއިން އަށް މެޗުން ބަލިވުމާ އެކު، މުމްބައި ވަނީ ކަޓައިފަ އެވެ. ގަދަ ހަތަރެއްގައި ލީގު ބުރު ނިންމުމުގެ ދޮރު އެ ޓީމަށް ވަނީ ބަންދުވެފަ އެވެ.

ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން މުމްބައި އިން ނިންމީ ހޮވާށެވެ. އެ ގޮތުން، 19.5 އޯވަރުގެ ތެރޭގައި ކަލްކަތާގެ ހުރިހާ ކުޅުންތެރިން ނުބައިވިއިރު، އެ ޓީމަށް ހެދުނީ، 169 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ، 52 ބޯޅަ އަށް 70 ލަނޑު ހެދި ވެންކަޓޭޝް އައްޔަރު (ވެންކީ) އެވެ. އެ ޓީމުގެ މަނީޝް ޕާންޑޭ ވަނީ 42 ލަނޑު ހަދައިފަ އެވެ.

ކަލްކަތާގެ ފިލް ސޯލްޓް އާއި ސުނީލް ނާރައިންގެ ޕާޓްނާޝިޕް ދަށްކޮށް ދިއުމުން، ޕްރެޝަރުގައި ކުޅެން ޖެހުނަސް، އެ ޓީމުން ރަނގަޅު ސްކޯއެއް ހެދި އެވެ. މި އިނިންގްސްގައި، މުމްބައިގެ ނުވާން ތުޝާރާ އާއި ޖަސްޕްރީތު ބުމްރާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، މުމްބައި އަށް 18.5 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 145 ލަނޑެވެ. އެންމެ ގިނަ ލަނޑު ހަދައިދިނީ، 35 ބޯޅައިން 56 ލަނޑު ހެދި ސޫރްޔަކުމާރް ޔާދަވް އެވެ. މުމްބައިގެ ކުރީގެ ކެޕްޓަން، ރޯހިތު ޝަރްމާ ނުބައިވީ، 12 ބޯޅައިން 11 ލަނޑު ހަދާފައި ވަނިކޮށެވެ. އެ ޓީމުގެ މިހާރުގެ ކެޕްޓަން، ހާޑިކް ޕާންޑްޔާ ނުބައިވިއިރު، ހެދުނީ އެންމެ ލަނޑެކެވެ.

ކަލްކަތާ މޮޅުވުމުގައި ތަފާތު ދެއްކީ އެ ޓީމުގެ ބޯލަރު، މިޓްޗެލް ސްޓާކް އެވެ. ސްޓާކް ވަނީ 3.5 އޯވަރުގައި އުކައި، ހަތަރު ވިކެޓް ނަގައިފަ އެވެ.

މި މޮޅާ އެކު، ކަލްކަތާ ވަނީ އައިޕީއެލްގެ ތާވަލުގެ އެއް ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސްއާ ފަރަގު ކުޑަކޮށްފަ އެވެ. ރާޖަސްތާނަށް 10 މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ކަލްކަތާ އަށް ވަނީ 10 މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.

އައިޕީއެލްގައި މިރޭ ކުޅޭ މެޗުގައި، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ކުޅޭނީ، ގުޖުރާތު ޓައިޓަންސްއާ އެވެ.