Advertisement

ރަޝިއާއިން ސައިބާ އެޓޭކްތަކެއް ދިން ކަމަށް ޖަރުމަނުން ބުނެފި

ޖަރުމަނުގެ ފޮރިން މިނިސްޓަރު އެނަލީނާ ބެއާބޮކް -- ފޮޓޯ: ގެޓީ


ރަޝިއާއިން ސައިބާ އެޓޭކްތަކެއް ދިން ކަމަށް ޖަރުމަނުން ބުނެފި

ރަޝިއާއިން ސައިބާ އެޓޭކްތަކެއް ދީފައިވާ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު އެނަލީނާ ބެއާބޮކް ވިދާޅުވެއްޖެ އެވެ.

އެނަލީނާ ބެއާބޮކް ވިދާޅުވީ މިދިޔަ އަހަރު އެ ގައުމުގެ ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެސްޕީޑީ) ގެ މެންބަރުންނަށް ސައިބާ އެޓޭކް ދިނުމުގެ ފަހަތުގައި ވަނީ ރަަޝިއާކަން ތަހުގީގުން އެނގިފައިވާ ކަމަށެވެ.

އެސްޕީޑީއަކީ ޖަރުމަނުގައި މިހާރު އޮތް ކޯލިޝަން ސަރުކާރުގެ ލީޑްކުރާ ޕާޓީ އެވެ.

ރަޝިއާއިން ސައިބާ އެޓޭކްތައް ދިނުން ބަލައި ނުގަނެވޭނެ ކަމަށާއި، މިކަމުގައި ޖަރުމަނުން ރައްދު ދޭނެ ކަމަށް އެނަލީނާ ބެއާބޮކް ވިދާޅުވި އެވެ.

"ޖަރުމަން ސަރުކާރުން ކުރިއަށް ގެންދިޔަ ތަހުގީގުން ސައިބާ އެޓޭކްތައް ދިނީ ރަޝިއާގެ މިލިޓަރީ އިންޓެލިޖެންސް ސާވިސްއިންކަން ވަނީ ކަށަވަރު ކުރެވިފައި،" އެނަލީނާ ބެއާބޮކް ބުންޏެވެ.

ރަޝިއާއަށް ކުރެވިފައިވާ ތުހުމަތުތަކާއެކު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބައެއް ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ނަމަވެސް ރަޝިއާ ސަރުކާރުން ވަނީ ޖަރުމަނުގެ މި ތުހުމަތުތައް ދޮގުކޮށް، ސައިބާ އެޓޭކްތަކެއް ނުދޭ ކަމަށް ބުނެފަ އެވެ.