Advertisement

ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވުންތައް އެބަހުރި: އެމްޑީޕީ

3 މޭ 2024 - 16:43 0

ނިމާ ހަސަން

ނިމާ ހަސަން

އެމްޑީޕީގެ އިސްވެރިން ނޫސްވެރިންގެ ބައްދަލުވުމެއް ދެއްވަނީ; ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލަން އެޕާޓީން ސަރުކާރަށް ގޮވާލި -- ފޮޓޯ: އަދަދު


ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވުންތައް އެބަހުރި: އެމްޑީޕީ

3 މޭ 2024 - 16:43 0

ރާއްޖޭގައި ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވުންތައް އެބަހުރި ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާއެކު އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާ ބައްދަލުކުރާއިރު, ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

ނޫސްވެރިކަމުގެ ކުރިމަގާ މެދު ކަންބޮޑުވާ އެއް ސަބަބަކީ އެމްޑީޕީގެ ބަޔާނުގައި ފާހަކުރި ގޮތުގައި ސަރުކާރަށް ފާޑުކިޔާ ދެ މޫހެއް ބްލޮކް ކުރުމެވެ. ރަސްމީ އިދާރާތައް މެދުވެރިކޮށް ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކުރުމާއި, ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް ކުއްލިއަކަށް އުސޫލު ބަދަލު ކުރިކުރުން ވެސް އެއީ ކަންބޮޑުވާ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރި އެވެ. ނޫސްތަކާއި ޓީވީ ސްޓޭޝަންތައް އަދި ވަކިވަކި ނޫސްވެރިންނަށް ބިރު ދައްކާ އިންޒާރު ދިނުން ވެސް އެ ބަޔާނުގައި އެފަދަ ސަބަބެއްގެ ގޮތުގައި ފާހަގަ ކުރި އެވެ.

އެމްޑީޕީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކޮށް, ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދުތަކާއެކު ކަމަށް ވިޔަސް, ސަރުކާރުން މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް, މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ.

ބަސް ބުނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ރައްޔިތުންނާއި ނޫސްވެރިންނާއެކު އެ ޕާޓީންކޮށްފައި ވަނީ ފަހުރުވެރިވާ ފަދަ މަސައްކަތްތަކެއް ކަމަށް ވެސް އެޕާޓީން ބުންޏެވެ

އެކަންކަމުގެ މައްޗަށް ބިނާކޮށް އެ ޕާޓީގެ ދެ ވެރިކަމުގައި ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދެވުނު ކަމަށް ވެސް ބުންޏެވެ.

ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް, ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔަތުގައި އެ ޕާޓީން ދެމިއޮންނާނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އަދާހަމަކުރާ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި މިއަހަރު ރާއްޖެ އޮތީ ހަ ދަރަޖަ ފަހަތަށް ޖެހިފަ އެވެ.

ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް މިއަދު އަދާހަމަކުރި އިރު ރާއްޖެ ރޭންކް ކޮށްފައި އޮތީ 106 ވަނައިގައި "ޑިފިކަލްޓް" [ނޫސްވެރިކަން ކުރަން އުނދަގޫ] ގައުމެއްގެ ގޮތުގަ އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ޖެއްސުމުގައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބެލި ސަބަބުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ސަބަބަކީ ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރުތައް ކޯޓުން އަމުރުކޮށްފި ނަމަ ހާމަކުރަން ލާޒިމުވާ ގޮތަށް މިދިޔަ އަހަރު ފާސްކޮށް ތަސްދީގުުކުރި ހެއްކާ ބެހޭ ގާނޫނެވެ.

އެއީ އެމްޑީޕީގެ ސުޕަ-މެޖޯރިޓީ އޮތް މަޖިލީހަކުން ފާސްކޮށް, އެ ޕާޓީގެ ސަރުކާރުގައި ތަސްދީގުކޮށްފައި އޮތް ގާނޫނެކެވެ.