Advertisement

ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލި 2،100 މީހަކު އެމެރިކާއިން ހައްޔަރުކޮށްފި

އެމެރިކާގެ ޔުނިވާސިޓީތަކުން ފަލަސްތީނުގެ ދިފާއުގައި އިހުތިޖާޖުކުރި މީހުން ހައްޔަރުކުރުން: މިހާތަނަށް 2،100 މީހުން ވަނީ ހައްޔަރު ކޮށްފައި -- ފޮޓޯ: ރޮއިޓާސް


ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލި 2،100 މީހަކު އެމެރިކާއިން ހައްޔަރުކޮށްފި

ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ގުޅިގެން، ފަލަސްތީނުގެ ދިފާއުގައި އެމެރިކާގެ ޔުނިވާސިޓީތަކުގައި އިހުތިޖާޖުކުރި ދަރިވަރުންނާއި ޕްރޮފެސަރުން ހިމެނޭ ގޮތުން 2،100 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ ނޫސްތަކުން ބުނީ އެ ގައުމުގެ ޔުނިވާސިޓީތަކުގެ ކެމްޕަސްތަކުގައި ފަލަސްތީނުގެ ދިފާއުގައި އިހުތިޖާޖު ކުރަމުންދިޔައީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ގުޅިގެން ކަމަށެވެ.

އެ އިހުތިޖާޖުގެ ބައިވެރިންނާ އެމެރިކާ ފުލުުހުން ކުރިމަތިލީ ރަޔަޓް ގިޔަރުގައެވެ. ބައެއް ޔުނިވާސިޓީތަކުގައި އެތެރޭގައި ފުލުހުން ބާރުގެ ބޭނުން ވެސް ކުރި އެވެ.

ޔުނިވާސިޓީތަކުން ހައްޔަރުކުރި މީހުންނަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި އަންނަނީ ތައުރީފް ކުރަމުންނެވެ. އަދި އެމީހުން ދޫކޮށްލަން ވެސް އަންނަނީ ގޮވާލަމުންނެވެ.

އެމެރިކާގައި ފަލަސްތީނުގެ ދިފާއުގައި ކުރަމުން އަންނަ އިހުތިޖާޖުތައް ވަރުގަދަ ކުރަމުން އަންނައިރު، އެމެރިކާއިން ފަލަސްތީނާ އެއްކޮށް މަސައްކަތް ނުކުރާތީ އެ ގައުމުގެ ސަރުކާރަށް ވެސް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

ފަަލަސްތީނަށް އިޒްރޭލުން ދެމުން އަންނަ ހަމަލާގައި މިހާތަނަށް 34،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.