Advertisement

އަހަރެމެން މަސައްކަތްތެރީން ވިސްނާށެވެ!


އަހަރެމެން މަސައްކަތްތެރީން ވިސްނާށެވެ!

މިދިޔަ ހަފުތާގެ ބުދަ ދުވަހަކީ، މަސައްކަތްކުރާ މީހުންނަށް ހާއްސަކުރެވިގެން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަސްކަމުން، މަސައްކަތްކުރާ އެންމެތަކުންނަށް އަޅުގަނޑުގެ ހިތުގެ ހެޔޮ އެދުންތަކާއި ވެދުންތައް ފޮނުވަމެވެ. އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައިވެސް ދައުލަތުގެ އެކިއެކި އިދާރާތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މީހުންނާއި އަމިއްލަ މީހުންގެ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތަކުގައި މަސައްކަތްކުރާ މީހުންނާއި އެކަނިމާއެކަނި އަމިއްލައަށް މަސައްކަތްކުރާ މީހުންވެސް އުޅޭކަމަށްޓަކައި މިދެންނެވި ދުވަހަކީ ހަމަ ޔަގީނުން މިއެންމެންގެ ދުވަހެއް ކަމާމެދަކަށް ޝައްކެތްނެތެވެ.

މަސައްކަތްކުރާ މީހުންނަކީ އެބައިމީހުންނަށް ނިކަން ގިނަގުނަ ހައްގުތަކެއް ލިބިފައި އޮންނަ އަދި އެބައިމީހުން ލައްވާ މަސައްކަތްކުރުވާ ފަރާތްތަކުން، އެކަންކަމުގެ މައްޗަށް ދީނީ ގޮތުން ބެއްޔަސް ޒިންމާވާން ޖެހޭނެ އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމެކެވެ. ކޮންމެއަކަސް މިހާރު އަހަރެމެން މިދެކޭ ޒަމާނަކީ ހައްގުތަކުގެ ޒަމާންކަމަށްވުމާއެކު، މަސައްކަތްތެރިންގެ ހައްގުތަކާމެދު ފަރުދުންނާއި ޖަމާއަތްތަކާއި ދައުލަތްތައް ހޭލުންތެރިވެފައިވާލެއް ބޮޑެވެ. އެފަދަ ކޮންމެ ކަމެއްގައި ދުނިޔޭގެ ތަހުޒީބު ވަރަށް ގިނަ ގައުމަތަކާ އެއްހަމައިގައި އުސޫލުތަކާއި ގާނޫނުތައް ގެންގުޅެމުން އަންނަ އަހަރެމެން ދިވެހިން މިކަމުގައި ވެސް އުޅެނީ ހަމަ ފިސާރި ކުރީގައިކަމުން، ދިވެހިރާއްޖެއަކީ މަސައްކަތްތެރިންގެ ހައްގުތައް ނިކަން ރަނގަޅަށް ލިބިދެވޭ އަދި ނުލިބިއްޖެނަމަ ހޯދައިގަނެވޭނެ ނިޒާމެއް ގާއިމުކުރެވިފައި އޮތް ގައުމެއްކަމުގައިވާނެ އެވެ.

އަޅުގަނޑަށް އެނގިހުރި މައުލޫމާތު ކުށް ކަމުގައިނުވާނަމަ، ދިވެހިންގެ ވަޒީފާއާބެހޭ ގާނޫނުގައި މުވައްޒަފުންގެ އެތަކެއް ހައްގުތަކެއް ކަށަވަރުކޮށްދީފައިވެ އެވެ. އަދި އެހައްގުތައް އުނިވާހިނދު އަދި ގެއްލިގެންދާހިނދު، އެކަންކަމުގެ މައްޗަށް ޝަރުއީ މަރުހަލާގެ ތެރެއިން ފަރުވާ ހޯދާނެ ގޮތްތައް ވެސް އެގާނޫނުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި ކޮންމެވެސް ވަޒީފާއަކުން ކޮންމެވެސް މީހަކު ވަކިކުރި ގޮތެއްގެ ސަބަބުން ނުވަތަ އެހެންވެސް ވަޒީފާގެ ހައްގަކާ ގުޅިގެން ވަޒީފާ އަނބުރާ އިއާދަކުރުމަށް ކޯޓަކުން އަންގައިގެން ނުވަތަ އެކަމާގުޅޭގޮތުން މުވައްޒަފަށް ބަދަލެއް ނަގައިދީގެން އެވާހަކަ ހަބަރުތަކުން އަޅުގަނޑުމެންނަށް ފެންނަނީ މަދެއްކޮށެއް ނޫނެވެ.

އާދޭހެވެ! އިހު އޮތް ތަނުގައި އޮތީ، މުވައްޒަފުގެ ވާޖިބާއި ބޮޑުމީހާގެ ހައްގެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެއްކޮޅަށް ބަރުވީ އެވެ. އަދި ހައްގުތަކެއްގެ ވާހަކަ މާބާރަށް ދުނިޔޭގައި ދެކެވެން ފެށުނު ސަބަބަކީ އެބީދައިން އެއްކޮޅަށް ބަރުވެގެންދިޔަ ދިއުންވެސްމެ އެވެ. އެކަމަކު މިހާރު މިއޮތީ އަނެއްކާ އަނެއްކޮޅަށް އެނބުރިފައި ނޫންބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. މުވައްޒަފުގެ ހައްގާއި ބޮޑުމީހާގެ ވާޖިބު ނޫން އެއްޗެއް މިހާރު އޮންނަކަމުގައި ނުފެންނާތީ އެވެ. މިދެންނެވި އެއްޗެއް އެންމެ ތިލަކޮށް ކައިރިން ފެންނާނީ ދައުލަތުގެ މުވައްޒަފުންނަށް ބެލީމަ އެވެ. ދައުލަތުގެ ބަޖެޓުން މުސާރަލިބޭ މަސައްކަތްތެރިންނަށް ނަޒަރުކުރީމަ އެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން، ދައުލަތުގެ އެންމެ ކުޑަ މުސާރައެއް ލިބޭ މީހާއަށްވެސް އެކަށީގެންވާ މުސާރައަކާއި، އެކި ބާވަތުގެ އެލެވެންސާއި ޗުއްޓީތައް ދިވެހިރާއްޖޭގައި ހަމަޖެހިފައި އޮންނަ ކަމާމެދަކަށް ދެބަސްވާންކެރޭނެ މީހަކު ނުހުންނާނެ އެވެ. އެބައިމީހުންގެ ބޮޑުމީހާއަކީ އަހަރެމެން ރައްޔިތުންނެވެ. ލިބޭނަމަ ހަމަ ކޮންމެ ވަޒީފާއަކާ ހަވާލުވުމާއި، އެކަމެއް ކުރަން ނޭނގުނަސް އަދި އެކަމެއްގައި ތިމާގެ އިލްމެއް ތަޖުރިބާއެއް ނެތަސް ހަމަޖެހިފައި އޮންނަ މިންވަރަށް ބިރެއް ލަދެއް ނެތި މުސާރަނެގުމާއި، ވަޒީފާގައި ތިމާގެ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޝަކުވާތައް އިންތިހާއަށް އޮންނައިރު، އެކަމާމެދަށް ހަމަ ފަރުވާލެއް ނެތި، ވަޒީފާގައި ލިބޭ އެންމެހާ ލުއިތަކެއް ހޯދައިގަންނަމުންދާދިއުމަކީ، މުވައްޒަފުގެ ހައްގާއި ބޮޑުމީހާގެ ވާޖިބުގެ ތެރެއިން އުފަންވެގެން އުޅޭ ކަންކަމެވެ.

މިއަށްވުރެ ހިތާމަހުރި ކަމަކީ، ދައުލަތުގެ ވަކިއިދާރާއެއް އިސްތިސްނާނުވާނެ ބީދައަކުން މިފަދަ ތަރައްގީއާއި ޓެކްނޮލޮޖީގެ ޒަމާނުގައި ހިދުމަތްތައް އާދަޔާ ހިލާފަށް ލަސްވުމާއި އިދާރީގޮތުން ހުރެގެންނުވާނެ ހަމަނުޖެހޭ ބާވަތުގެ ޕްރޮސީޖާތަކުގެ ތެރެއަށް ހިދުމަތްތައް ތާށިކޮށްފައި އޮންނަ އޮތުމާއި، އެތަންތަނުގައި މިއިންކަމެއްގެ ހައްލަށް ވާސިލުވުމަށް ހުންނަ މީހާގެ ފިކުރެއް ނުހުންނަކަމީ ދައުލަތުންދޭ ހިދުމަތުގެ އެވްރެޖްކަމުގައިވެފައިވުމެވެ. އެންމެ އިދާރާއެއް ނުވަތަ ތަނަކުން އޮފީހެއްގައި އާދަޔާ ހިލާފު ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ނުދޭ ވާހަކައެއް ނޫނެވެ. އެވްރެޖްކޮށް ކަން އޮތްގޮތުގެ ވާހަކަ އެވެ. މިހާރު މިއޮތް ސަރުކާރުގެ ވާހަކައެއް ނޫނެވެ. އިހު ނިމުނު އެކި ފިކުރުތަކުގެ ސަރުކާރުތަކާއެކުވެސް މިކަން ވަމުންދިޔައީ އިންތިހާއަށް ބޮޑެވެ. އަދި މިސަރުކާރުގައިވެސް، ކަމުގެ ފަންނީގޮތުން ދަށް އެތައް ބަޔަކަށް ވަޒީފާ ބަހަމުންދާތަން ފެންނާތީ އަޅުގަނޑު ހިތާމަކުރަމެވެ. ފެށުމުގައި ރަނގަޅުނުވި ކަމެއް ދެއަހަރު ފަހުން ރަނގަޅުވާނެކަމަށް އުންމީދުކުރުމަކީ އަޅުގަނޑުގެ ހަމައެއްކަމުގައި ނުވާތީ އެވެ.

މަސައްކަތްކުރާ މީހުން އެބައިމީހުންގެ ހައްގުތަކުގެ ބޭނުންހިފައި އެހައްގުތަކުން މަންފާލިބިގަތުމުގައި ފަހަރެއްގައިވެސް، އެބައިމީހުންގެ ވާޖިބުތަކުގެ މަތީން ހަނދާން ނެތިގެންނެއް ނުވާނެ އެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "ހަމަކަށަވަރުން ﷲ ތަޢާލާ ލޯބިވެވޮޑިގެންވަނީ ތިޔަބައިމީހުން ކުރެ މީހަކު މަސައްކަތެއް ކުރާނަމަ އެކަމެއް ފުރިހަމައަށް ކުރުމަށެވެ." ކަމެއް ފުރިހަމައަށް ކުރުމަކީ ކުރާ ކަމެއް ވަގުތުގައި ނިންމުމެވެ. އެކަމެއް ތިމާ ނުވަތަ އެހެން މީހަކުވިޔަސް އަލުން ކުރާން ނުޖެހުމެވެ. އެކަމެއްގެ މަންފާ ލިބެންހުރި ފަރާތުގެ ޝަކުވާއެއް ނޯންނާނެ ގޮތަކަށް އެކަމެއް ނިމިފައި އޮތުމެވެ. މިހެން މިކަން ކުރެވޭނީ ތިމާ ކޮނޑުގައި އަޅާ މަސްއޫލިއްޔަތަކީ ތިމާއަށް އެކަން އަދާކުރަން އެނގޭނެ ފަދަ ކަމުގެ އިލްމާއި ތަޖުރިބާހުރި ކަމެއްކަމުގައިވުމާއި، ތިމާގެ ކިބައިގައި އިހްލާސްތެރިކަމާއި ހީވާގިކަމާއި ކެރުން ހުރުމެވެ. އަދި މިސިފަތައް ހަމަނުވާނަމަ އެކަމަކާ އެކަށީގެންވާ ފަރާތަކަށް އެކަން ހަވާލުކުރުމުގެ ހިތްވަރު ވެރިންގެ ކިބައިގައި ހުރެފައި، އެޔަށް ލޯއަޅައިގެން ހުރި އަނެކާގެ ކިބައިގައި އެކަމަށް މަރުހަބާ ކިޔުމުގެ ހިތްވަރު ހުރުމެވެ. އަދި މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "މުސްލިމުންގެ ކަމެއްގައި ވެރިކަމެއް ހަވާލުވެއްޖެ މީހަކު، އެބައިމީހުންގެ ބޭނުންތަކާއި ހާޖަތްތައް ފުއްދައިދިނުމުން މަނާވެގެންފިނަމަ، ފަހެ އެމީހެއްގެ ބޭނުންތަކާއި ހާޖަތްތައް ފުއްދަވައިދެއްވުމުން ﷲ ތަޢާލާ މަނާވެވޮޑިގަންނަވާނެ އެވެ." މި ހަދީސް ބަސްފުޅަކީ އޮފީސް އޮފީހުގެ ކައުންޓަރުގައި އިންނަ މުވައްޒަފުން ފެށިގެން ދައުލަތުގެ އެންމެ މަތީވެރިޔާއާ ހަމައަށް އަބަދުމެ ހިތުގައި ހަނދާން އައުކޮށްކޮށް ބަހައްޓަންޖެހޭ ފަދަ ބަސްފުޅެއްކަމުގައި އަޅުގަނޑު ދެކެމެވެ.

މި ދެ ހަދީސް ބަސްފުޅު ހިތުގައި ހަރުލައްވައިގެން ނަފުސުގައި އަށަގަންނުވައިގެން މަސައްކަތްތެރިން އެބައިމީހުންގެ މަސައްކަތްތަކައިގެން އުޅެގެންފިނަމަ، އަޅުގަނޑުމެންގެ ދައުލަތަކީ ކުޑަ ދައުލަތަކަށްވިޔަސް، ދުނިޔޭގެ އެތައް ބޮޑު ދައުލަތެއް ފަހަތަށް ޖައްސާލާފައި އިސާހިތަކު ކުރިއަރައިގެންދާނެ ނަސީބުތަކާއި ފުރުސަތުތައް ލިބިއޮތް، ބުއްދިވެރި ރައްޔިތެއް ދިރިއޮތް ޖަމާއަތެއްކަމީ ޔަގީނުން ކަށަވަރުކަމެކެވެ.