Advertisement

ޓްރީޓޮޕުން ފޯރުކޮށްދޭ އައިޔޫއައި ހިދުމަތަށް އާސަންދަ ކަވަރޭޖް ހަމަޖެހިއްޖެ

ޓްރީޓޮޕް ހޮސްޕިޓަލް: އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އައިޔޫއައި ހިދުމަތަށް އާސަންދަ ކަވަރޭޖް ވަނީ ހަމަޖެހިފައި -- ފޮޓޯ: ޓްރީޓޮޕް


ޓްރީޓޮޕުން ފޯރުކޮށްދޭ އައިޔޫއައި ހިދުމަތަށް އާސަންދަ ކަވަރޭޖް ހަމަޖެހިއްޖެ

ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކުން ފޯރުކޮށްދެމުންދާ ދަރިމައިވުމުގެ ފަރުވާ، އިންޓްރަޔުޓަރިން އިންސެމިނޭޝަން (އައިޔޫއައި) ޕްރޮސީޖާއަށް އާސަންދަ ސްކީމްގެ ފުރިހަމަ ކަވަރޭޖް ހަމަޖެހިއްޖެ އެވެ.

ޓްރީޓޮޕުގެ އައިޔޫއައި ޕްރޮސީޖާއަށް އާސަންދައިން ކުރިން ލިބެމުންދިޔައީ ޕާޝަލް ކަވަރޭޖެކެވެ. މިހާރު އައިޔޫއައި ޕްރޮސީޖާއަށް އާސަންދައިގެ ފުލް ކަވަރޭޖް ލިބުމުން، ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކަށް އުފުލަން ޖެހޭ މާލީ ބުރަޔަށް ލުޔެއް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެގޮތުން ޓްރީޓޮޕުގެ ސީއީއޯ ޑރ. ސްރިދާރް ސްރިވަޓްސަން ވިދާޅުވީ އާސަންދައިން އައިޔޫއައިއަށް ފުލް ކަވަރޭޖް ލިބުމަކީ، އާއިލާއެއް ބިނާކުރުމުގެ މައަސަލަތައް ދިމާވެފައިވާ ގިނަ ފަރާތްތަކުގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް ޓްރީޓޮޕުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ފާޓިލިޓީ ސްޕެޝަލިސްޓެއްގެ ހައިސިއްޔަތުން މި ހަބަރު ލިބުމުން ވަރަށް އުފާވޭ. އާސަންދައިން އައިޔޫއައި ޕްރޮސީޖާތަކުގެ ފުރިހަމަ ކަވަރޭޖް ލިބުމުން އާއިލާއެއް ބިނާކުރަން ބޭނުންވެފައިވާ ފަރާތްތަކަށް މާލީ ގޮތުން އޮތް ބޮޑު ހުރަހެއް މިވަނީ ނައްތާލެވިފައި، އަދި މީގެ ސަބަބުން ގިނަ ފަރާތްތަކަށް މި ހިދުމަތް ލިބުމަށްމިވަނީ މަގުފަހިވެފައި،" ޓްރީޓޮޕްގެ ފާޓިލިޓީ ކްލިނިކްގެ އިސްވެރިޔާ ޑރ. އަނީތާ ގައުރު ބުންޏެވެ.

ދަރިމައިވުމާ ގުޅުންހުރި މައްސަލަތަކަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަހަރު ވަނީ ފާޓިލިޓި ކްލިނިކެއް ގާއިމްކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް އަދި އައިޔޫއައި ހިދުމަތް ދޭން ފަށާފަ އެވެ.

މިގޮތުން ކުޅަދާނަ ރިޕްރޮޑަކްޓިވް ސްޕެޝަލިސްޓުންނާއި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އެ ކްލިނިކުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްފޯރުކޮށްދޭ އެއް ހޮސްޕިޓަލެވެ.