2 މޭ 2024 - 15:54 0
ރިވައިވަލް ސްޕޯޓްސް ކްލަބުން އޭދަފުށީގައި ބޭއްވި ޖޫނިއާ އޯޕަންގެ ތެރެއިން،--- ފޮޓޯ: އަދަދު
2 މޭ 2024 - 15:54 0
މި މަހު 20 ވަނަ ދުވަހު ބާއްވާ، "ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2024" ގައި ހާއްސަ ކެޓަގަރީއެއް، ސްޕެޝިއަލް އޮލިމްޕިކްސްގެ އެތުލީޓުންނަށް ކުރިއަށްގެންދަން ހަމަޖައްސައިފި އެވެ.
ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސްއާ ގުޅިގެން ރިވައިވަލް ސްޕޯޓްސް ކްލަބުން ނިންމާފައިވަނީ، މި މަހު 20-24 އަށް އޭދަފުށީގައި ކުރިއަށްގެންދާ ބެޑްމިންޓަން ޗެލެންޖް މުބާރާތުގައި ހުރިހާ ފަންތިއެއްގެ ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލުމަށެވެ.
އެ ގޮތުން، ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އިން ސިލެކްޓްކުރާ ހަަތަރު އަންހެން ކުޅުންތެރިންނާއި ހަތަރު ފިރިހެން ކުޅުންތެރިން ހާއްސަ ކެޓަގަރީއެއްގައި ވާދަކުރާ ގޮތަށް ރިވައިވަލް އިން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
"މީގެ އެންމެ މުހިންމު ބޭނުމަކީ، ހުރިހާ ލެވަލެއްގައި ވެސް ބެޑްމިންޓަނަށް ރިވައިވަލް އިން ދޭ އަހައްމިއްޔަތުކަން ދައްކައި، ބެޑްމިންޓަންގެ ޑިވެލޮޕްމަންޓްގައި މުހިންމު ކަންތައްތަކުގައި އިސްނެގުން،" ރިވައިވަލް އިން ބުނެފައިވެ އެވެ.
ރިވައިވަލްގެ މި ޗެލެންޖް މުބާރާތް ކުރިއަށް ދާނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ ޖޫނިއާ އަދި މާސްޓާސް އެވެ. ޖޫނިއާ ބައިގައި ކުރިއަށް ދާނީ 10, 12, 14, 16 އަދި 18 އަހަރުން ދަށުގެ ކެޓަގަރީ ތަކެވެ. ދެން އޮތް، މާސްޓާސް ޑިވިޝަނުގައި ކުރިއަށް ދާނީ 35 އަދި 45 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ މެޗުތަކެވެ.
ރިވައިވަލް އިން ވަނީ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފަ އެވެ. އެގޮތުން އިނާމުތަކުގެ ޖުމްލަ 60,000 ރުފިޔާ އަށް އަރާނެ އެވެ.
މިއީ، ރިވައިވަލް އިން މި އަހަރު ބާއްވާ ތިން ވަނަ މުބާރާތެވެ. މީގެ ކުރިން އެ ކްލަބުން ވަނީ، ޖޫނިއާ އޯޕަން މުބާރާތަކާއި އިންޓަ ރިސޯޓް މުބާރާތެއް ކާމިޔާބުކަމާ އެކު ނިންމައިލައިފަ އެވެ.
Comment