Advertisement

ބައިނަލްއަގުވާމީ މުބާރާތް ގިނަކޮށް ފުރުސަތު އިތުރުކޮށްދޭން ބޭނުން: މިނިސްޓަރު

2 މޭ 2024 - 10:23 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،--- ފޮޓޯ: ރައީސް އޮފީސް


ބައިނަލްއަގުވާމީ މުބާރާތް ގިނަކޮށް ފުރުސަތު އިތުރުކޮށްދޭން ބޭނުން: މިނިސްޓަރު

2 މޭ 2024 - 10:23 0

ރާއްޖޭގައި ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ފަދަ ކާމިޔާބު އިތުރު ބައިނަލްއަގުވާމީ މުބާރާތްތައް ހޯސްޓްކޮށް، ރާއްޖެ އަށް މި ކަމުން ހޯދޭނެ ފުރުސަތުތައް އިތުރުކުރަން ބޭނުންވާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރާފިއު، މި ގޮތަށް ވިދާޅުވީ، ރޭ ބޭއްވި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ހަތް ގައުމަކުން ވާދަކުރި އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ޖުމްލަ 80 ކުޅުންތެރިން ވާދަކުރިއިރު، 150 އެއްހާ މެޗު ކުޅެވުނެވެ. ފަސް ދުވަސް ތެރޭގައި މި ވަރުގެ ބޮޑު މުބާރާތެއް ކާމިޔާބުކަމާ އެކު ނިންމާލެވުމުން، އެކަން މިނިސްޓަރު ރާފިއު ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ހަމަ ގައިމު ވެސް ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ މެހެމާންދާރީ އަދާކުރުމުގެ ރިވެތި ސިފަ ވެސް ހިމެނޭ ގޮތަށް، މި ފަދަ ފުރިހަމަ މުބާރާތެއް ބޭއްވުނީތީ ވަރަށް އުފާކުރަން، އަދި މި ކަމުގައި ޝާމިލުވި ފަރާތްތަކަށް ޝުކުރު އަދާކުރަން،" ރާފިއު ވިދާޅުވި އެވެ.

"ބޭނުންވަނީ ގިނަ ބައިނަލްއަގުވާމީ މުބާރާތްތަކެއް ރާއްޖޭގައި ހޯސްޓްކުރަން، މީގެއިން ރާއްޖެ އަށް ފައިދާކުރާނެ ހުރިހާ ގޮތެއް ބަަލައިގެން މަންފާ ވެސް ހޯދުން، އެއީ އަމާޒެއް،"

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ތެރެއިން، ކުޅިވަރުން ކުރިއަށްދާން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް އެވެ. އަދި އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް)ގެ ޖެނެރަލް ސެކްރެޓަރީ ވީއެސް ނަރަޔަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ .

ނަރަޔަން ވަނީ 10 އަހަރުގެ މެދުކެނޑުމަކަށް ފަހު، އޭޝިއާގެ ކެރަމް މުބާރާތް ބޭއްވުނުއިރު، މިހާ ފުރިހަމަކޮށް މުބާރާތުގެ ކަންކަން ހަމަޖެހިފައި ހުރުމުން، އެކަން ފާހަގަކޮށް، ރާއްޖެ އަށް އެކަމުގެ ޝުކުރު އަދާކޮށްފަ އެވެ.

ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާ ކުޅުންތެރިން ވާދަކުރި މި މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަނުން ވެސް ފެނިގެންދިޔަ އެވެ.

އޭޝިއާގެ ހަ ވަނަ ކެރަމް މުބާރާތުގައި، ރާއްޖެ އަށް ލިބުނީ ދެ ރިހި މެޑަލް އާއި އެއް ލޯ މެޑަލް އެވެ. ޓީމު އިވެންޓުން 21 އަހަރު ތެރޭ ފުރަތަމަ ފައިނަލު ކުޅެގެން، ފިރިހެން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ފައިނަލުން ބަލިވީ އިންޑިއާ އަތުންނެވެ.

އަންހެން ޓީމު ސެމީން ބަލިވިއިރު، ލޯ މެޑަލް ލިބުނެވެ. ދެން، ރާއްޖޭން މެޑަލް ހޯދީ، ފިރިހެން ޑަބަލްސްގަ އެވެ. އެއީ، އިސްމާއިލް އަޒްމީން އާއި ހަސަން ނާޒިމް (ނާނަ)ގެ ޕެއާ އިން ހޯދި މެޑަލް އެވެ.

މި ފަހަރުގެ މުބާރާތުގެ ގިނަ ކާމިޔާބީތަކެއް ހޯދީ އިންޑިއާ ކުޅުންތެރިންނެވެ.