Advertisement

އެމްއެމްއޭއިން ވިއްކި ބިލިއަނެއްހާ ޑޮލަރުގެ ބޮޑު ބައެއް ސަރުކާރު ކުންފުނިތަކަށް

1 މޭ 2024 - 14:42 2

އަމަން ހަލީމް

އަމަން ހަލީމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިދާރާ: އެމްއެމްއޭއިން ޑޮލަރު ވިއްކަނީ އެކްސްޗޭންޖު ރޭޓު ހިފަހައްޓަން -- އަދަދު ފައިލް ފޮޓޯ


އެމްއެމްއޭއިން ވިއްކި ބިލިއަނެއްހާ ޑޮލަރުގެ ބޮޑު ބައެއް ސަރުކާރު ކުންފުނިތަކަށް

1 މޭ 2024 - 14:42 2

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ ތެރޭގައި ވިއްކި ޑޮލަރުގެ ބޮޑު ބައެއް ވިއްކީ ސަރުކާރު ކުންފުނި (އެސްއޯއީ) ތަކަށް ކަން އެ އޮތޯރިޓީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އެމްއެމްއޭން ހުސްވި އަހަރުގެ ތެރޭގައި 995.5 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މީގެ ތެރެއިން 69 ޕަސެންޓު ނުވަތަ 687.8 މިލިއަން ޑޮލަރު ވިއްކީ އެސްއޯއީތަކަށެވެ. މިއީ ތެލާއި އަސާސީ ބާވަތްތަކާއި ބޭހާއި މެޑިކަލް ސާމާނު އިމްޕޯޓުކުރާށާއި ކުންފުނިތަކުން ބޭރުގެ ބޭންކުތަކަށް އަދާކުރަން ޖެހޭ ދަރަނިތައް އަދާކުރުމަށް ވިއްކި ޑޮލަރެވެ.

އެމްއެމްއޭން ދެން ޑޮލަރު ވިއްކީ ބޭންކުތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ބޭންކުތަކަށް 307.6 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ އާންމުންގެ ބޭނުންތަކަށާއި ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް އެ އޮތޯރިޓީން ބޭންކުތަކަށް ވިއްކާ ޑޮލަރެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބޭސް ފަރުވާ އާއި ތައުލީމަށް ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ޑޮލަރު ފޯރުކޮށްދޭން 43.7 މިލިއަން ޑޮލަރު އަދި ބޭރަށް ދަތުރުކުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ފޯރުކޮށްދޭން 85.5 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބޭރަށް ފުރާ ދިވެހިންނަށް ވިއްކާ 500 ޑޮލަރު ފޯރުކޮށްދޭން އެމްއެމްއޭއިން މިދިޔަ އަހަރު ފޯރުކޮށްދިން ޑޮލަރު އޭގެ ކުރީ އަހަރަށް ވުރެ 40 ޕަސެންޓު އިތުރެވެ.

އެމްއެމްއޭއިން ބޭންކުތަކާއި އެސްއޯއީތަކަށް ވިއްކާ ޑޮލަރަކީ 15.42ރ. ގައި އެކްސްޗޭންޖު ރޭޓު ހިފެހެއްޓުމުގެ ބޭނުމުގައި އިގުތިސޯދުގެ ތެރެއަށް ޕަމްޕުކުރާ ޑޮލަރެވެ. މިހެން ނަމަވެސް މިހާރު ވެސް ގިނަ ދިވެހިން, އާންމުންނާއި ވިޔަފާރިވެރިން ވެސް ހިމެނޭހެން، ގިނައިން ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުން ރަސްމީ ރޭޓަށް ވުރެ މަތިންނެވެ.