Advertisement

އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއަށް 195 މިލިއަން ރުފިޔާ

1 މޭ 2024 - 14:05 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރަ: ގިނަ ވިޔަފާރިތަކެއްގައި އެސްޓީއޯއިން މުހިންމު ދައުރެއް އަދާކުރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާއަށް 195 މިލިއަން ރުފިޔާ

1 މޭ 2024 - 14:05 0

ދައުލަތުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ހޯދައިފި އެވެ.

އެސްޓީއޯއިން އިއްޔެ އާންމުކުރި އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރިން 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

އެސްޓީއޯއަށް ލިބުނު އާމްދަނީގެ 83 ޕަސެންޓު (ގާތްގަނޑަކަށް 3.7 ބިލިއަން ރުފިޔާ) އަކީ އެ ކުންފުނީގެ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އެވެ. އެ ނޫން ވިޔަފާރިތަކުން ލިބުނީ 763 މިލިއަން ރުފިޔާ އެވެ.

މި އާމްދަނީން ވިޔަފާރި ކުރުމުގެ ހަރަދަށް ހިނގި 3.8 ބިލިއަން ރުފިޔާ ކެނޑުމުން 617 މިލިއަން ރުފިޔާގެ ޖުމްލަ ފައިދާއެއް ލިބުނެވެ.

އެސްޓީއޯގެ ފުރަތަމަ ކުއާޓަރު (2024) ގެ އުސްއަލިތައް

  • އާމްދަނީ - 4,493,873,297ރ.
  • ވިޔަފާރި ކުރުމުގެ ހަރަދު - 3,876,797,285ރ.
  • މާކެޓިން ހަރަދުތައް - 95,720,385ރ.
  • އިދާރީ ހަރަދުތައް - 240,785,523ރ.
  • ހިންގުމުގެ ފައިދާ - 307,576,103ރ.
  • ފައިނޭންސިން ހަރަދުތައް - 72,764,197ރ.
  • ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ - 234,811,906ރ.
  • އިންކަމް ޓެކްސް ހަރަދު - 39,793,570ރ.
  • ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާ - 195,018,336ރ.

މި އަހަރުގެ ފުރަތަމަ ކުއާޓަރާއި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައި ބަލައިއިރު އެސްޓީއޯގެ އާމްދަނީ އިތުރުވީ ނަމަވެސް އެ ކުއާޓަރަށް ވުރެ އެ ކުންފުނީގެ ޖުމްލަ ފައިދާ އާއި ހިންގުމުގެ ފައިދާ އާއި ސާފު ފައިދާ ވެސް މަދެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ ހުރިހާ ދާއިރާއަކުން ވެސް ކުންފުނީގެ ފާފޯމަންސް ރަނގަޅެވެ.

އެސްޓީއޯއިން ބުނީ ކުރީ ކުއާޓަރަށް ވުރެ އެ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅު ވެފައިވުމެވެ. އަދި ސާފު ފައިދާ އިތުރުވީ ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅު ކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައި ވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވުމުން ކަމަށެވެ.

އެސްޓީއޯއަކީ ދައުލަތުން 82 ޕަސެންޓު އަދި ބާކީ އާންމުން ހިއްސާވާ ޕަބްލިކް ކުންފުންޏެކެވެ. މި ކުންފުނިން ކުރާ ވިޔަފާރިތަކުގެ ތެރޭގައި ތެލާއި އިމްޕޯޓު މުދަލާއި ބޭހާއި މެޑިކަލް ސާމާނާއި ކޮންސްޓްރަކްޝަން ސާމާނު ވިއްކުން ހިމެނެ އެވެ.