Advertisement

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކޮށް، 48 ގަޑިއިރުތެރޭގައި ޑިޕޯޓު ކުރަނީ

ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރަން މީގެ ކުރިން ހިންގި ޕްރޮގްރާމެއްގައި ފޯމު ހުށަހަޅަން ގޮސް ތިބި ބަޔަކު ކިއުގައި. ސައްހަ ލިޔެކިއުން ނެތް ބިދޭސީން ރާއްޖޭގައި ގިނަ. ފައިލް ފޮޓޯ/އަދަދު


ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކޮށް، 48 ގަޑިއިރުތެރޭގައި ޑިޕޯޓު ކުރަނީ

ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ބަންދުކޮށް 48 ގަޑިއިރުގެ ތެރޭގައި ޑިޕޯޓު ކުރަން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅިވެއްޖެ އެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލައަށް ހައްލެއް ލިބޭނީ ގިނަދުވަސްތަކެއް ވަންދެން، ހުއްޓުމެއް ނެތި ގާނޫނު ތަންފީޒު ކޮށްގެން ކަމަށެވެ.

"ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރުވަނީ ފަށައިގެންފަ، އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓު ކުރައްވާނެ ކަމަށް ރައީސް މިއަދު ވިދާޅު ނަމަވެސް، ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ތަފުސީލު މިދިޔަ ހޯމަ ދުވަހުގެ ރޭ އޮތް "އަހާ" ފޯރަމްގައި ހޯމް މިނިސްޓަރު، އިހުސާން އަލީ ދެއްވިއިރު، ޑިޕޯޓު ކުރުމުގެ ކުރިން ދޭނެ ފުރުސަތުތަކެއްގެ ވާހަކަ ފާހަގަ ކުރެއްވި އެވެ.

އެ ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ވަރަށް ބޮޑަށް ގަވާއިދާ ހިލާފުވެފައި ތިބޭ ބިދޭސީންނަށް ވެސް ގަވާއިދުގެ ތެރެއަށް އަންނަން "ފުރުސަތެއް" ދޭނެ ކަމަށެވެ. ޑީޕޯޓު ކުރާނީ އެ ފުރުސަތުގެ ބޭނުން ހިފުމަށް ދެކޮޅުހަދާ މީހުން ކަމަށް އިހުސާން ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފުރުސަތެއް ދޭން ނިންމައިފައި އޮތް ނަމަވެސް އެއީ، ކާކުކަން ދެނެނުގަނެވޭ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތުން ގެންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އެގޮތަށް ގެންދެވޭ މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް އެމީހަކު ނިސްބަތްވާ ގައުމެއްގެ އެމްބަސީއާ ގުޅިގެން ކުރިއަށް ގެންދާނީ ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކަމަށް އޭނާ އެރޭ ވިދާޅުވި އެވެ.

އަދި މާދަމާއިން ފެށިގެން ބިދޭސީ މަސައްކަތްތެރިންގެ މައަުލޫމާތު އެއްކޮް، އަދަދު ދެނަގަތުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އެ މަސައްކަތޔގެ ތެރެއިން ހޯދޭ މީހުން ރެކޯޓު ބަލަހައްޓާ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.