Advertisement

އަމާޒަކީ ކޮންމެ މަސައްކަތްތެރިއަކަށް ތަނަވަސް، ފާގަތި ދިރިއުޅުމެއް ހޯދައިދިނުން: ރައީސް

1 މޭ 2024 - 05:43 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާލޭގެ ބަނދަރުގައި އޮތް ދޯންޏަކުން ރޯމަސް މާރުކޭޓަށް މަސްތަކެއް ބާލައިގެން ގެންދަނީ. -- ފޮޓޯ: އަދަދު


އަމާޒަކީ ކޮންމެ މަސައްކަތްތެރިއަކަށް ތަނަވަސް، ފާގަތި ދިރިއުޅުމެއް ހޯދައިދިނުން: ރައީސް

1 މޭ 2024 - 05:43 0

މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ "ދިވެހި ކޮންމެ މަސައްކަތްތެރިޔަކަށް ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުތެރޭގައި ހޯދައި ދިނުމަށް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ނެރުއްވި ހިތާބުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ ހީވާގި މަސައްކަތްތެރީން ކަމަށާއި އެމީހުންގެ ރެޔާއިދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ ކަމަށެވެ.

މި ސަރުކާރުން ކުރަން ރާވާފައިވާ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މަސައްކަތްތެރިންނާ ގުޅޭ ގޮތުން ސަރުކާރުން ކުރަމުންދާ ކަންކަމުގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވީ މުސްކުޅިކޮށްފައިވާ ސިވިލް ސާވަންޓުން އަލުން ހިދުމަތް ކުރަން ފުރުސަތު ދިނުމާއި، ވަޒީފާއިން މުސްކުޅިކުރާ އުމުރު 75 އަހަރާ ހަމައަށް ހަމަޖެއްސުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާވިޔަނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު ހޯދައި ދިނުމެވެ.

"މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދޭނަމެވެ. ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރާނަމެވެ. ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކުން ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދޭނަމެވެ،" ހިތާބުގައި ވިދާޅުވި އެވެ.

ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން ފަށާފައިވާ ކަމަށާއި ނަމަވެސް އިގުތިސާދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫންކަން ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މުވައްޒަފުން ތަމްރީނުކުރުމާއި ބޯހިޔާވަހިކަމުގެ ސްކީމުތައް ތައާރަފުކުރުމާއި މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުމާއި މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުން މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ކަންކަން ސަރުކާރުން މިހާރު ވަނީ ފަށައިގެންފަ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް ކަނޑައަޅާފައި ވާއިރު، ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބިދޭސީންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ސަރުކާރާ ހަވާލުވިއިރު، އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން އޮތް ނުވަ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަންޏާއި، އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭވެސް އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި ހުރުންކަން ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން މިދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށެވެ. މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ގައުމުގެ އިގުތިސާދީ ލޭނާރު ހިމާޔަތް ކުރުމަށެވެ،" ހިތާބުގައި ވިދާޅުވި އެވެ.