Advertisement

ހުލާސާކޮށް އިއްޔެ: މީޑިއާތަކަށް އިންޒާރު ދޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

1 މޭ 2024 - 06:09 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: މީޑިއާތަކަށް އިންޒާރު ދޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

1 މޭ 2024 - 06:09 0

ރާއްޖެ ޓީވީ އަދި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ އެ ދެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުށްވެރިކޮށްފައި ވާއިރު، އެ މައްސަލަތައް ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.

"މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި ޢަމަލު ކުށްވެރިކުރަން،" ރައީސް އޮފީހުން ބުންޏެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން މި މައްސަލަތައް ބަލަމުންދާ ކަމަށެވެ.

"މީހުންނާއި ތަކެއްޗަށް، ހާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއާތަކަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކަކީ މި ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ތަހުގީގުކުރަމުން ގެންދާ މައްސަލަ ތަކެއް،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަތައް ބަލަމުން ގެންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ސައިބާ ކްރައިމް ޑިޕާޓްމަންޓު ގުޅިގެންނެވެ.

ރާއްޖޭ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ، ލައިޝާ އަހުމަދުއަށް އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ މެސެޖުގައި ލައިޝާއަށް ނިސްބަތްކޮށް ވެސް "މިފަހަރު ހޭއަރުވައިލާނަން" ކަމަށް ލިޔެފައި އޮތެވެ.

ޗެނަލް 13 އަށް އިންޒާރު ދީފައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އާދީއްތަ ދުވަހު މީހަކު ދިން އިންޒާރުގެ ހަބަރު ތޭރަ އޮންލައިންގައި ޝާއިއު ކުރުމުން، އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓެއްގަ އެވެ.

މިކަމާ ގުޅިގެން ރާއްޖެ ޓީވީއިން ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އަށް ސިޓީއެއް ފޮނުވާ އެ މައްސަލަ ބަލައިދިނުމަށް އެދިފަ އެވެ. އަދި މީގެ 11 އަހަރު ކުރިން އެ ޓީވީ ސްޓޭޝަނުގައި ހުޅުޖެހިއުރު، އޭރު ފުލުހުންނަށް ކުރި ރިޕޯޓުތަކާމެދު އެކަށޭނަ ފިޔަވަޅެއް ނޭޅުނުކަންވެސް ރާއްޖެ ޓީވީން ފާހަގަކޮށްފައިވެ އެވެ.

"އެ ދުވަހު ވެސް ރާއްޖެ ޓީވީގެ ހިދުމަތް ދެމުންދިޔަ އިމާރާތުގައި ބަޔަކު ހުޅުޖަހާ ރޯކޮށްލީ ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ކުރިން އެފަދަ ކަމެއް މެދުވެރިދާނެ ކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ލިބުމާ ގުޅިގެން ރާއްޖެ ޓީވީގެ ފަރާތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވަނިކޮށް،" ރާއްޖެ ޓީވީއިން ބުނެފައިވެ އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލިކަމުގެ ދައުވާ ދައުލަތުން ކުރި، ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދެ އަހަރަށް ޖަލަށް ލުމަށް ވަނީ ޑިސެމްބަރު 16، 2021 ގައި ހުކުމް ކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު