Advertisement

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ޖޫން 15 ގައި

29 އޭޕްރީލް 2024 - 19:09 0


ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ޖޫން 15 ގައި

29 އޭޕްރީލް 2024 - 19:09 0

ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ ޖޫން މަހު 15 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު ކުޅެން ނިންމައިފި އެވެ.

ކްލަބްތަކުގެ ލަފާ ހޯދަން އެފްއޭއެމް އިން ފުރަތަަމަ އެކުލަވާލި ޑްރާފްޓް ކަލަންޑަރުގައިވާ ގޮތުން، ޗެރިޓީ ޝީލްޑް މެޗު ތާވަލުކުރީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ. އެކަމަކު، ކްލަބްތަކުން އެކަށީގެންވާ ޕްރީ ސީޒަނެއް ނެތި، އަމުދުން މާލީ މައްސަލަތަކަށް ހައްލެއް ވެސް ނުލިބި އޮތުމުން، އެހާ އަވަސް އަރުވާލައިގެން ސީޒަން ފަށަން ބޭނުމެއް ނުވި އެވެ.

އެހެންވެ، ކްލަބްތަކުން އެދުނީ ފުޓްބޯޅަ ސީޒަން ފެށުން ޖޫން އަށް ލަސްކުރާށެވެ. އެފްއޭއެމް އިން މިހާރު އެ ގޮތަށް ނިންމައި، ސީޒަން ކަަލަންޑަރު ވަނީ ފައިނަލް ކޮށްފަ އެވެ. މީޑިއާ އަށް ސީޒަން ކަލަންޑަރު ހިއްސާކޮށްފައިނުވި ނަމަވެސް، ކްލަބްތަކަށް ވަނީ ފޮނުވައިފަ އެވެ. އެ ގޮތުން، އެ ކަލަންޑަރު ކްލަބްތަކުން ވަނީ "އަދަދު" އަށް ހިއްސާކޮށްފަ އެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެ ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފަ އެވެ. އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ މަސް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް އޮތް އަށް ކްލަބެވެ. މިދިޔަ ސީޒަނުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން، ލީގުން ވަކިވި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާގެ ތެރެއިން، ވެެލެންސިއާ މި ވަގުތު އޮތީ އެފްއޭއެމްގެ ސަސްޕެންޝަންގަ އެވެ. އެއީ، އިދާރީ މައްސަލައެއް ކަމަށް ބުނެ، އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް އެ ކްލަބަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

ކްލަބްތަކަށް އެފްއޭއެމް އިން ދީފައިވާ ކަލަންޑަރުގައިވާ ގޮތުން، ފުޓްބޯޅަ ސީޒަން ފަށާ މެޗު، ޗެރިޓީ ޝީލްޑް މެޗުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗު އޮންނާނީ ޖޫން 15 ވަނަ ދުވަހު އެވެ. ޖޫން 22 ގައި ފަށާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް އޮތީ ޖުލައި 22 އަށް ތާވަލުކޮށްފަ އެވެ.

ދިވެހި ޕްރިމިއާ ލީގު ފަށަން ތާވަލުކޮށްފައި އޮތީ އޮގަސްޓް 1 ވަނަ ދުވަހު ފަށާ ގޮތަށެވެ. އެއީ، އަންނަ އަހަރުގެ ޖެނުއަރީ ނުވަ ވަނަ ދުވަހާ ހަމައަށެވެ. އޮކްޓޫބަރު 28 ގައި ފަށާ އެފްއޭ ކަޕްގެ ފައިނަލް ކުޅެން އޮތީ ޖެނުއަރީ 20 ގަ އެެވެ.

އެފްއޭއެމް އިން ކްލަބްތަކަށް ކަލަންޑަރުގެ މުހިންމު ތާރީހުތައް

(މެއި 20) 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް

(ޖޫން 15) ސީޒަން ހުޅުވާ މެޗު

(ޖޫން 22) ޕްރެޒިޑެންޓްސް ކަޕް

(ޖުލައި 1) 17 އަހަރުން ދަށުގެ ޔޫތު ކަޕް

(އޮގަސްޓް 1) ދިވެހި ޕްރިމިއާ ލީގު

(އޮގަސްޓް 12) 14 އަހަރުން ދަށުގެ ޔޫތު ލީގު

(އޮކްޓޫބަރު 7) ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

(އޮކްޓޫބަރު 28) އެފްއޭ ކަޕް

(ޑިސެމްބަރު 5) ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ގައުމީ ޓީމުތަކަށް ވެސް މުހިންމު އަހަރެއް

ކްލަބްތަކަށް ދީފައިވާ ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން، ގައުމީ ޓީމުތަކަށް އޮތް މުބާރާތް/ މެޗުތަކުގެ ތެރޭގައި ކަލަންޑަރު ކޮށްފައިވަނީ ޖޫން މަހުު ތެރޭގައި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށާއި އޮގަސްޓް މަހު ސާފް 20 އަހަރުން ދަށުގެ މުބާރާތާއި ސެޕްޓެމްބަރު މަހު އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިން އާއި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު ސާފް ވިމެން ޗެމްޕިއަންޝިޕް އޮތްއިރު، އޭޝިއަން ކަޕް ކޮލިފައިން އޮތީ ސެޕްޓެމްބަރު މަހު އެވެ.

ރާއްޖޭގެ ކްލަބްތަކުން، މި ސީޒަނުގައި ކުޅެން ޖެހޭ އޭއެފްސީ ޗެލެންޖާސް ލީގުގެ ކޮލިފައިން އޮތީ ޖުލައި/އޮގަސްޓްގަ އެވެ. ޗެލެންޖާސް ކަޕް ކުޅެނީ ލީގު ޗެމްޕިއަން، މާޒިޔާ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު އިންވިޓޭޝަނަލް ކަޕް އެއް ކުޅެން ވަނީ ޑްރާފްޓް ކަލަންޑަރުގައި ހިމަނައިފަ އެވެ.

ނޯޓް:

މި ހަބަރުގައި ފުރަތަަމަ ޕްރެޒިޑެންޓްސް ކަޕް ފަށާ ތާރީހުގެ ގޮތުގައި 18 ޖޫން ހިމެނިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. ޝެޑިއުލްގައި ފުރަތަމަ ވެސް މުބާރާތް ފަށާ ތާރީހަކަށް ޖަހާފައިވަނީ، ޖޫން 22 އެވެ.