Advertisement

ޕީސީބީގެ ނައިބު ރައީސް، ޕީއެންސީ ކެމްޕެއިނުގައި އުޅޭ މައްސަލަ މަޖިލީހުން ބަލަނީ

29 އޭޕްރީލް 2024 - 16:36 1

ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒު. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޕީސީބީގެ ނައިބު ރައީސް، ޕީއެންސީ ކެމްޕެއިނުގައި އުޅޭ މައްސަލަ މަޖިލީހުން ބަލަނީ

29 އޭޕްރީލް 2024 - 16:36 1

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސް މުހައްމަދު ފިރާޒު، ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މައްސަލަ ބަލަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ނިންމައިފި އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުން ޕީސީބީގެ ރައީސް އާއި ނައިބު ރައީސް އަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެސް ނުހުރެވޭނެ އެވެ.

އެކަމަކު އިލެކްޝަންސް ޑޭޓާބޭސްން ދައްކާ ގޮތުގައި ފިރާޒު ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 11، ގައި ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ދަފުތަރުގައި ރަޖިސްޓްރީކޮށްފަ އެވެ. މާޗު 27 ގައި "އަދަދު" ނޫހުގައި ވެސް އެ ކަން ރިޕޯޓްކުރި އެވެ.

މަޖިލީހުގެ އެސްއޯއީން ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރި އެއް ކަމަކީ އެ މައްސަލަ އެވެ. ބައެއް މެންބަރުން ވަނީ އޭނާ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގައި ހަރަކާތްތެރިވަނިކޮށް ފެނުނު ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.

އެހެންވެ ކޮމިޓީން އެ މައްސަލަ ބަލައި ޔަގީން ކުރުމަށް ފަހު ގޮތެއް ނިންމުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ހުށަހެޅުއްވި އެވެ. އަފީފްގެ ހުށަހެޅުމާ އެކު ކޮމިޓީން ނިންމީ އީސީގެ ޑޭޓާބޭސްއިން އޭނާ އެއްވެސް ޕާޓީއެއްގެ ރަޖިސްޓްރީގައިވޭތޯ އާއި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކެމްޕެއިނުގެ އެއްވެސް ޕޯސްޓެއްކޮށްފައިވޭތޯ ބެލުމަށް ފަހު ދެން މައްސަލަ ގެންދާނެ ގޮތެއް ނިންމުމަށެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ސުވާލު ކުރުމުން، ފިރާޒު "އަދަދު" ނޫހަށް ވިދާޅުވީ އޮކްޓޫބަރު، 2022 އިން ފެށިގެން ސިޔާސީ ޕާޓީތަކުން ވަކިކޮށްދިނުމަށް އީސީގައި އެދިފައިވާނެ ކަމަށާއި، އެއްވެސް ސިޔާސީ ޕާޓީއެއްގައި އޭނާގެ ނަން ނެތް ކަމުގެ ލިޔުން އޭރު އީސީން ދިން ކަމަށެވެ.

އެއަށް ފަހު އެއްވެސް ސިޔާސީ ޕާޓީއަކަށް އޭނާ އަމިއްލަ އަށް ރަޖިސްޓްރީ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް، އަޅުގަނޑުގެ ސަމާލުކަމަށް ތިކަން [ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މިހާރު އޮތްކަން] އައިސްފައި އެބައިން. އެކަން ހިނގައިދިޔަ ގޮތް އަޅުގަނޑު އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.

ފިރާޒު ޕީސީބީ އަށް އައްޔަން ކުރީ އެމްޑީޕީގެ ވެރިކަމުގަ އެވެ. އޭނާ ފިޔަވައި ދެން އެ ބޯޑުގައި ތިއްބެވި މެމްބަރުން އައްޔަން ކުރެއްވީ މި ސަރުކާރުންނެވެ.