Advertisement

އަބްދުއްރަހީމް ވިދާޅުވަނީ ސަރުކާރުގެ ސިޔާސަތު ގަބޫލުކުރާ މީހުންނަށް ވަޒީފާ ދޭންޖެހޭ ކަމަށް

29 އޭޕްރީލް 2024 - 16:44 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މި ސަރުކާރުގެ އިސް ވަޒީރު، އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: އަދަދު


އަބްދުއްރަހީމް ވިދާޅުވަނީ ސަރުކާރުގެ ސިޔާސަތު ގަބޫލުކުރާ މީހުންނަށް ވަޒީފާ ދޭންޖެހޭ ކަމަށް

29 އޭޕްރީލް 2024 - 16:44 1

އިންތިހާބު ކައިރިވެފައި އޮއްވައި ވެސް ސަރުކާރު ވަޒީފާތައް ދިން ކަމަށް އިއުތިރާފުވެޑައިގެން، ސަރުކާރުގެ ސިޔާސަތު ގަބޫލު ކުރާ މީހުންނަށް ވަޒީފާ ދޭންޖެހޭ ކަމަށް އިސް ވަޒީރު، އަދި ލ. ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ވަޒީފާތަކަށް މީހުން ނެގި ދުވަސްވަރާ އިންތިހާބެއް ދިމާވުމަކީ އެއީ އިއްތިފާގެއް ކަމަށެވެ.

"ވަޒީފާ ދީފައި ހުންނާނެ. ވަޒީފާ ދޭން ދިމާވި އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ވެރިކަމާ ހަވާލުވެ، ހަތަރު މަސް ދުވަސް ތެރޭގައި އިންތިހާބެއް މި އައީ، އެހެންވީމާ އެބަ ޖެހޭތާ އަޅުގަނޑުމެންގެ ސިޔާސަތު ގަބޫލުކުރާ ބަޔަކަށް ވެސް ވަޒީފާ ދޭން،" އެ އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެ މޭރުމުން ވާހަކަދައްކަވާފައިވާއިރު، ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އިތުރުން ޓްރާންސްޕޭރެންސީއާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒުވާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ފަރާތުން ކެމްޕޭނު ތެރޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީގެ ކުރިން ވަނީ އެޗްއާރުސީއެމްއަށް ފާޑު ކިޔައިފަ އެވެ.

ސަން އޮންލައިންއަށް އަބްދުއްރަހީމް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި މީހުންނަށް ވަޒީފާ ދިން ނަމަވެސް އެއްވެސް މީހަކަށް ވަޒީފާގެ ބިރު ދައްކައި ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި "އިންތިހާބެއް ކުރިމަތިވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ވަޒީފާ ދިނުމަށް އޮތް ހުރަހެއް ކަމަށް ގަބޫލެއް ނުކުރަން،" ކަމަށެވެ.

"އެކަމަކު، އަޅުގަނޑު މި ދެންނެވީ ޖުމުލަކޮށް ސަރުކާރެއް އެކުލަވައިލަމުންދާ ދުވަސްވަރާ އިންތިހާބާ ދިމާވީމާ، އެ ވަޒީފާ ދޭ މީހުންނަކީ އިންތިހާބާ ގުޅިގެން ވަޒީފާ ދޭ މީހުންނެއް ނޫނޭ އެއީކީއެއް، އެއީ ސަރުކާރެއް އެކުލަވައިލުމުގެ ތެރެއިން ވަޒީފާ ދޭންޖެހޭތީ ދޭ ބައެކޭ،" އެ އިންޓަވިއުގައި އޭނާ ވިދާޅުވެފައިވެ އެވެ.