Advertisement

އައިޕީއެލް: ބެންގަލޫރަށް ތިން ވަނަ މޮޅު، ތަރިއަކީ ޖެކްސް

29 އޭޕްރީލް 2024 - 10:29 0

ބެންގަލޫރަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖެކްސް.


އައިޕީއެލް: ބެންގަލޫރަށް ތިން ވަނަ މޮޅު، ތަރިއަކީ ޖެކްސް

29 އޭޕްރީލް 2024 - 10:29 0

އިސްލާމްއާބާދު، އިންޑިއާ (އޭޕްރީލް 29) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވިލް ޖެކްސްގެ ސައްތައާ އެކު، ރޯޔަލްސް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ނުވަ ވިކެޓުން ގުޖުރާތު ޓައިޓަންސް ބަލިކޮށް، މި ސީޒަނުގައި ތިން ވަނަ މޮޅު ހޯދައިފި އެވެ.

މި ފަހަރުގެ މުބާރާތް ދަށް ރެކޯޑަކާ އެކު ފެށި ބެންގަލޫރު މި ވަގުތު ތާވަލުގެ ފުލުގައި އޮތްއިރު، މަޑުމަޑުން އެ ޓީމު އަންނަނީ ރަނގަޅު ޓްރެކަށް އެޅެމުންނެވެ. ބެންގަލޫރު މޮޅުވީ، ޕަންޖާބް ކިންގްސް، ސަންރައިޒާސް ހައިދަރުއާބާދު އަދި މި މެޗުގައި ގުޖުރާތު އަތުންނެވެ.

ބެންގަލޫރަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ. އެ ގޮތުން، ގުޖުރާތުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން، 200 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 84 ލަނޑު ހެދި ސައި ސުދަރްސަން އާއި 58 ލަނޑު ހެދި ޝާހްރުކް ހާން އެވެ.

ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރުން ވަނީ 16 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން، 201 ލަނޑާ އެކު މެޗުން މޮޅުވެފަ އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 41 ބޯޅައިން 100 ލަނޑު ހަމަކުރި ޖެކްސް އެވެ.

އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ޖެކްސް ވަނީ ރޭގެ މެޗުގައި، 10 ފަހަރު ހަޔަކަށް އަދި ފަސް ފަހަރު ހަތަރަކަށް ޖަހައިފަ އެވެ. ބެންގަލޫރުގެ ކެޕްޓަން ފާފް ޑު ޕްލެސިސް ނުބައިވީ، 12 ބޯޅައިން 24 ލަނޑު ހަދާފައިވަނިކޮށެވެ. އެ ޓީމުގެ ތަރި ވިރާތު ކޯލީ ވަނީ ނުބައިނުވެ، 44 ބޯޅައިން 70 ލަނޑު ހަަދައިފަ އެވެ.

ވިރާތަކީ، މި ފަހަރުގެ އައިޕީއެލްގައި 500 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

އައިޕީއެލްގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، ޗެންނާއި ސުޕަ ކިންގްސް އިން ވަނީ 78 ލަނޑުން ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށްފަ އެވެ.