Advertisement

އެމެރީ ވިލާގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދީފި

23 އޭޕްރީލް 2024 - 17:39 0


އެމެރީ ވިލާގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދީފި

23 އޭޕްރީލް 2024 - 17:39 0

ބާމިންހަމް، އިންގްލެންޑް (އޭޕްރީލް 23) - އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށް އެ ޓީމުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދީފި އެވެ.

ކުރިން ސެވިއްޔާ، ވިޔަރެއާލް އަދި އާސެނަލަށް ކޯޗުކޮށްދިން އެމެރީ، 52، އެންމެ ފުރަތަމަ ވިލާއާ ހަވާލުވީ، 2022 ވަަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެއީ، ސްޓީވެން ޖެރާޑް އެ ޓީމުގެ ކޯޗުކަމުން ވަކިކުރުމަށް ފަހު އެވެ.

ވިލާ އިން އެމެރީއާ ޓީމު ހަވާލުކުރިިއިރު، އެ ޓީމު އޮތީ ލީގުގެ 16 ވަނައިގަ އެވެ. އޭނާ ވަނީ ވިލާ އަށް އެ ސީޒަނުގެ ލީގުގެ ހަތް ވަނަ ހޯދައިދީފަ އެވެ. އަދި އެ ނަތީޖާއާ އެކު، ޔުއެފާ ކޮންފަރެންސް ލީގަށް ވިލާ ކޮލިފައިކޮށްދީ އެ ޓީމު މި ސީޒަނުގައި ވަނީ އެ މުބާރާތުގެ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރެއްގައި އޮތް ވިލާ އަކީ، ޔޫރަޕްގެ މުބާރާތެއްގައި އޮތް ހަމައެކަނި އިނގިރޭސި ޓީމެވެ.

މި ހުރިހާ ކަމަކަށް ބަލައި، ވިލާ އިން ވަނީ 2027 ގެ ސީޒަނުގެ ނިޔަލަށް އެމެރީ ލައްވައި ކޮންޓްރެކްޓްގައި ސޮއިކުރުވައިފަ އެވެ.

ޕްރިމިއާ ލީގުގައި މީގެ ކުރިން އާސެނަލްގައި އެމެރީ ވަނީ 18 މަސް ދުވަސް ހޭދަކޮށްފަ އެވެ. އެ ޓީމުން އެމެރީ ވަކިކުރީ ނަތީޖާ ނުނެރެވޭ ކަމަށް ބުނެ އެވެ. އެކަމަކު، އާސެނަލް ދޫކޮށް، އެމެރީ ވަނީ ވިޔަރެއާލްއާ ހަވާލުވެ، އެ ޓީމަށް ޔޫރޮޕާ ލީގު ކާމިޔާބުކޮށްދީފަ އެވެ. މީގެ ކުރިން، ސެވިއްޔާ އަށް ޖެހިޖެހިގެން ތިން އަހަރު ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިން އެމެރީ ވަނީ އާސެނަލް ގޮވައިގެން ޔޫރޮޕާ ލީގުގެ ފައިނަލް ކުޅެ، ޗެލްސީ އަތުން ބަލިވެފަ އެވެ.

އެމެރީ، ވިލާއާ ހަވާލުވި ފަހުން، އެ ޓީމަށް ވުރެ ގިނައިން ޕްރިމިއާ ލީގުގައި ޕޮއިންޓް ހޯދީ މެންޗެސްޓާ ސިޓީ، ލިވަޕޫލް އަދި އާސެނަލް އެވެ.

ސާދަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވިލާ އަށް ޔޫރަޕް މުބާރާތަކުން ފުރުސަތު ހޯދައިދިން އެމެރީ މިހާތަނަށް އެ ޓީމަށް ކޯޗުކޮށްދިން 77 މެޗުގެ ތެރެއިން 44 މެޗުން ވަނީ މޮޅުވެފަ އެވެ. ސާދަ މެޗުން އެއްވަރުވިއިރު، 19 މެޗުން ވަނީ ބަލިވެފަ އެވެ.