Advertisement

ޗީފް އޮފް ޑިފެންސް ފޯސް، އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި

18 އޭޕްރީލް 2024 - 10:43 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޗީފް އޮފް ޑިފެންސް ފޯސް، އަބްދުއްރަހީމް ރިޓަޔާ ކުރައްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޑިފެންސް މިނިސްޓަރާއެކު - ފޮޓޯ: އެމްއެންޑީއެފް


ޗީފް އޮފް ޑިފެންސް ފޯސް، އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި

18 އޭޕްރީލް 2024 - 10:43 1

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، އަބްދުއްރަހީމް އަބްދުއްލަތީފް ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވައިފި އެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ 39 އަހަރުގެ ހިދުމަތަށް ފަހު އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށެވެ. މިކަމަށް ރޭ ސިފައިންގެ މައި މަރުކަޒުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ.

ރިޓަޔާ ކުރެއްވުމަށް ފަހު ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، ގައުމީ ހިދުމަތުގައި މިހާ ގިނަދުވަހު ދެމިހުރުމުގެ ހެޔޮ ނަސީބު މިންވަރު ކުރެއްވީތީ މާތްﷲ އަށް ހަމްދުކުރާ ކަމަށެވެ. އަދި މި ވެރިކަމުގައި ޗީފް އޮފް ޑިފެންސްގެ މަގާމު ދެއްވާ ސިފައިންގެއަށް ގެންނެވި ބަދަލުތަކާއި ކުރިއެރުމަށް އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.

އޭގެ އިތުރުން، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ސިފައިންގެ އިސްވެރިން އަދި ހުރިހާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށާއި ސިފައިންގެއަށް އެހީތެރިވި އެންމެނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ރޭގެ ހަފުލާގައި ޑިފެންސް މިނިސްޓަރު ގައްސާން ވަނީ، ރައީސް މުއިއްޒު ދެއްވި ހާއްސަ ސިޓީފުޅަކާއި އިހުލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު އަބްދުއްރަހީމަށް އަރުވާފަ އެވެ.

މީގެ ކުރިން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްއަށް ސިފައިންގެ ޗީފްގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ނޮވެމްބަރު 17، ގައި ރައީސް މުއިއްޒު އެވެ.

ސިފައިންގެއަށް 39 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ އަބްދުއްރަހީމް އެ ހިދުމަތާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 18، 1985 ގަ އެވެ. ސިފައިންގެ ހިދުމަތް އޭނާ ފެށްޓެވީ 'ސިގްނަލްސް' ޑިޕާޓްމަންޓުންނެވެ. އެ ދާއިރާއަށް ހާއްސަވެވަޑައިގެންނެވުމަށް އެމެރިކާއިން ރޭޑިއޯ ޓެކްނިކަލް ކޯހެއް ފުރިހަމަކުރެއްވިއިރު، އެ ކޯހުން އެއްވަނަ ހޯއްދެވި އެވެ.

އަބްދުއްރަހީމަކީ ސްރީލަންކާގެ ޑިފެންސް ސާވިސަސް އެންޑް ކޮމާންޑް ކޮލެޖުން ވެސް ގްރެޖުއޭޓް ވެވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ ހަވާއީގައި ހުންނަ އޭޝިއާ ޕެސިފިކް ސެންޓަ ފޯ ސެކިއުރިޓީ ސްޓަޑީސް އިން ވެސް ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ސިފައިންގެ ހިދުމަތުގައި އޭނާ ވަނީ 17 މެޑެއްޔަކާއި ކުލަ ހާސިލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޕްރެސިޑެންޝަލް މެޑަލް، ޑިސްޓިންގުއިޝްޑް ސާވިސް މެޑަލް، ލޯންގް ސާވިސް މެޑަލް އަދި ޑެޑިކޭޓެޑް ސާވިސް މެޑަލް ހިމެނެ އެވެ.