Advertisement

ބާޒާރުން ކަރާ މަދުވެ، ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އުފުލިއްޖެ

7 އޭޕްރީލް 2024 - 15:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުގައި ކަރާ ވިއްކަން ބަހައްޓާފައި: ކަރާ ކިލޯއެއްގެ އަގު ވަނީ 40ރ. އަށް އުފުލިފައި -- ފޮޓޯ: އަދަދު


ބާޒާރުން ކަރާ މަދުވެ، ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އުފުލިއްޖެ

7 އޭޕްރީލް 2024 - 15:57 0

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ކަރާ ވަރަށް ބޮޑަށް މަދުވެ، ކަރާ ކިލޯއެއްގެ އަގު 40ރ. އަށް އުފުލިއްޖެ އެވެ.

ބާޒާރުގައި ބޮޑު ކަރާގެ އިތުރުން ކުޑަ ކަރާ ވެސް މިއަދު ހުރީ ވަރަށް މަދުން ކަމަށްވާއިރު، ކުޑަ ކަރާ ކިލޯއެއް ލިބެން ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކަރާގެ އަގު ރޯދަ މަސް ފެށުނުއިރު 15ރ. އާއި 20ރ. އާ ދެމެދު ހުރިއިރު، ފުރަތަމަ 15 ރޯދައަށްފަހު 25ރ. އަށް ވަނީ އަގު އުފުލިފަ އެވެ. އަދި ފަހު 10 ރޯދައަށް އަގު ވަނީ 30ރ. އަށް އުފުލިފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކަން ހުރި މީހަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ރަށްރަށުން ކަރާ ލިބުން ހުއްޓިފައިވާ ކަމަށާއި، ދެން ކަރާ ލިބޭނެ ކަމަށް ބެލެވެނީ އީދު ބަންދަށްފަހު ކަމަށެވެ.

"ބޯޓުތައް އައުން މިހާރު މިވަނީ ގާތްގަނޑަކަށް ހުއްޓިފައި. ކަރާ މިހާރު ލިބެނީ ވަރަށް މަދުން އަދި ލިބެނީ ވަރަށް އަގުބޮޑުކޮށް" ބާޒާރުން ވާހަކަ ދެއްކި މީހާ ބުނި އެވެ.

ބާޒާރުގައި މިއަދު ކުރުނބައެއް 30ރ. އާއި 80ރ. އާ ދެމެދު ހުރިއިރު، ދިވެހި ޖުމްހޫރީ މޭވާގެ އަގު ވަނީ 170ރ. އަށް އުފުލިފަ އެވެ. ނަމަވެސް ބޭރު ޖުމްހޫރީ މޭވާ ލިބެން ހުރީ 120ރ. އަށެވެ.

ކަނޑޫދޫ މިރުސް މިއަދުވެސް 100 ގްރާމު 15ރ. އާއި 25ރ. އާ ދެމެދު ހުރިއިރު، ކެރެޓް ކިލޯއެއްގެ އަގު ވަނީ 70ރ. އިން 50ރ. އަށް ވެއްޓިފަ އެވެ. އަދި ކެޕްސިކަމް ކިލޯއެއްގެ އަގު ވަނީ 70ރ. އަށް އުފުލިފަ އެވެ.

ލެޓިއުސް ކިލޯއެއްގެ އަގު 80ރ. އާއި 120ރ. އާ ދެމެދު ހުރިއިރު، އޮރެންޖެއް ލިބެން ހުރީ 6ރ. އަށެވެ. އަދި އާފަލެއް 7ރ. އާއި 8ރ. އަށް ހުރިއިރު، މެންޑެރިން ކިލޯއެއްގެ އަގު ހުރީ 70ރ. އަށެވެ.