Advertisement

ރޯދަ މަސް ނިމެން ފަސް ދުވަސް: ބާޒާރުގެ އަގުތައް އަދިވެސް މައްޗަށް

4 އޭޕްރީލް 2024 - 16:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުން މީހަކު ކަރައެއް ގަންނަނީ -- ފޮޓޯ؛ އަދަދު


ރޯދަ މަސް ނިމެން ފަސް ދުވަސް: ބާޒާރުގެ އަގުތައް އަދިވެސް މައްޗަށް

4 އޭޕްރީލް 2024 - 16:12 0

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތީގެ އަގު އިއްޔެއަށްވުރެ ވެސް މިއަދު ބޮޑުވެއްޖެ އެވެ.

މާރުކޭޓުގައި ކެރެޓް ކިލޯއެއް އިއްޔެ 60ރ. އަށް ހުރިއިރު، މިއަދު ވަނީ ކިލޯއެއްގެ އަގު 75ރ. އަށް ބޮޑުވެފަ އެވެ. އަދި އިއްޔެ 25ރ. އާއި 30ރ. އަށް ލިބެން ހުރި ކަރާ ކިލޯއެއްގެ އަގު ވަނީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގަކަށް އުފުލިފަ އެވެ.

މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތް ކުރާ ރިއްފަތު އަހުމަދު ބުނީ ކަރާގެ އަގަށް ބަދަލު އައިސްފައި ވަނީ ޑިމާންޑާ އެއްވަރަށް ކަރާ ނުލިބޭތީ ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތަނުގައި 35ރ. އަށްވުރެ ކަރާގެ އަގު މަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ދިވެހިން އަސްލު ބޭނުންވަނީ ދިވެހި އުފެއްދުންތައް. އިންޑިއާ ކަރާ މިތަނަށް ކިތަންމެ ގިނައިން ގެނެސްފައިވާ ނަމަވެސް، އަގުބޮޑަސް ދިވެހިން މި ގަންނަނީ ދިވެހި ކަރާ" ރިއްފަތު އަހުމަދު ބުނި އެވެ.

މީގެއިތުރުން ކިއުކަމްބާގެ އަގު 60ރ. އިން 70ރ. އަށް އުފުލިފައިވާއިރު، ލެޓިއުސް ކިލޯއެއްގެ އަގު މިހާރު ވަނީ އެވްރެޖުކޮށް 150ރ. އަށް އުފުލިފަ އެވެ. އަދި ކުރުނބައެއްގެ އަގު 100ރ. އިން 150ރ. އަށް އުފުލިފައިވާއިރު، ކުދި ކުރުނބާ 60ރ. އާއި 80ރ. އާ ދެމެދު އަގެއްގައި ލިބެ އެވެ.

ބާޒާރުގައި މިއަދު ކުރުނބާ މަދުވެފައިވާއިރު، ކުރުނބާ ފުޅިއެއްގެ އަގު ހުރީ 200ރ. ގަ އެވެ.

ބާޒާރަށް ކުރުނބާ ޝިޕްމަންޓެއް ލިބޭނީ ބޯޓުތައް އައުމުން ކަމަށާއި މާދަމާ ބޯޓުތައް އައިސްދާނެ ކަމަށް އަދި އެއާއެކު ކުރުނބާގެ އަގު ހެޔޮވާނެ ކަމަށްވެސް ބެލެވޭ ކަމަށް ބާޒާރުން ވާހަކަ ދެއްކި މީހަކު ބުނި އެވެ.

ރޯދަ މަސް ފެށުނުއިރު ކުރުނބާގެ އަގު 30ރ. އާއި 50ރ. އާ ދެމެދު ހުރިއިރު، ކެރެޓް ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ލެޓިއުސް ކިލޯއެއްގެ އަގު ހުރީ 60ރ. ގަ އެވެ.

މޭވާގެ ތެރެއިން އާފަލާއި، އޮރެންޖު، ގްރޭޕްސް އަދި އެހެނިހެން ބާވަތްތަކުގެ އަގުތައް ވެސް އެއް އަގެއްގައި ހިފެހެއްޓިފައިވާއިރު، ތަރުކާރީގެ ބައެއް ބާވަތްތައްވެސް ވަނީ އެއް އަގެއްގައި ހިފެހެއްޓިފަ އެވެ. ނަމަވެސް ކުރިން 40ރ. އަށް ހުރި ކެބެޖު ކިލޯއެއް މިހާރު ހުރީ 25ރ. އަށެވެ.

މިއަދު މަސް މާރުކޭޓުގައި ކަނޑު މަހާއި، ކަންނެލި މަސް ވެސް މަދުން ހުރިއިރު، ކަނޑު މަސް ކިލޯއެއްގެ އަގު ހުރީ 30ރ. އާއި 35ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ކަންނެލި ކިލޯއެއްގެ އަގު ހުރީ 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގަ އެވެ.