Advertisement

އުމުރުފުރާތަކަށް ބަދަލު ގެނައުމަށްފަހު ހެލްތް ޗެކަޕްގެ ހިދުމަތް ފުޅާކޮށްފި

1 އޭޕްރީލް 2024 - 15:54 0

ނިމާ ހަސަން

ނިމާ ހަސަން

ފަރެސްމާތޮޑާ މަގުމަތިން ބަޔަކު ހިނގާފައި ދަނީ; 35 އަހަރުން މަތީގެ މީހުންނާއި ސްކޫލު ކުދިންނަށް ހެލްތް ޗެކަޕް ޕެކޭޖު ތައާރަފުކޮށްފި -- ފޮޓޯ: މިރާޝް/ އަދަދު


އުމުރުފުރާތަކަށް ބަދަލު ގެނައުމަށްފަހު ހެލްތް ޗެކަޕްގެ ހިދުމަތް ފުޅާކޮށްފި

1 އޭޕްރީލް 2024 - 15:54 0

ޕެކޭޖުތަކަށް ބަދަލު ގެނައުމަށްފަހު, އިތުރު އުމުރުފުރާތަކަށް ހެލްތް ޗެކަޕްގެ ހިދުމަތް ފުޅާކޮށްފި އެވެ.

ކުރިން ނިންމާފައި އޮތް ގޮތުން ނަމަ މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނާއި އުމުރުން 19 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށް, އާސަންދައިގެ ދަށުން ހެލްތް ޗެކަޕްގެ ހިދުމަތް ދޭނެ އެވެ.

އެހެން ނަމަވެސް, އާސަންދައިން ބުނި ގޮތުގައި ޖެނުއަރީގައި ތައާރަފުކުރި މެޑިކަލް ޗެކަޕް ޕެކޭޖުތައް ތަންފީޒު ކުރުމުގައި ކުރިމަތިވި ދަތިތަކާހެދި ޕެކޭޖުތަކާއި އުމުރުފުރާތަކަށް ވެސް ބަދަލުގެނެސްފައިވާ ކަމަށެވެ.

ބަދަލާއެކު, 19 އަހަރުން ދަށުގެ އުމުރުފުރާގެ ބަދަލުގައި މިއަދުން ފެށިގެން މެޑިކަލް ޗެކަޕް ހެއްދޭނީ ސްކޫލު ދަރިވަރުންނަށެވެ. އަދި އެ ކުދިންނަށް ހެއްދޭނީ އެ ކުއްޖަކު ހުންނަ ގްރޭޑަކަށް ކަނޑައަޅާފައިވާ ޓެސްޓުތައް ކަމަށްވާއިރު, ސަރުކާރު ހޮސްޕިޓަލްތަކުން މި ހިދުމަތް ފޯރުކޮށްދޭނީ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށެވެ.

ސްކޫލު ދަރިވަރުންގެ އިތުރުން މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހެލްތް ޗެކަޕްގެ ހިދުމަތް ދޭނެ އެވެ. އެ އުމުރުފުރާއަށް ހާއްސަކުރި ޕެކޭޖަކީ ދުރާލާ ކެންސަރު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ.

އާސަންދައިން ބުނީ އެ އުމުރުފުރާއަށް ކެންސަރު ސްކްރީނިން ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވައި އެހެން ޓެސްޓުތައް މި ޕެކޭޖުގެ ދަށުން އާސަންދައިން އަހަރަކު އެއްފަހަރު ހެއްދޭނެ ކަަމަށެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވައި އެހެން ޓެސްޓުތައް ވެސް ޑޮކްޓަރު ލަފާދެއްވައިފި ނަމަ އާސަންދައިގެ ދަށުން ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

މެޑިކަލް ޗެކަޕްގައި ހިމެނެނީ ލޭ، ކުޑަކަމުދާ ތަކެތި، ބޮޑުކަމުދާ ތަކެތީގެ ޓެސްޓުތައް އަދި އީސީޖީ އެވެ.

ޖެނުއަރީ މަހު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕްގެ ހިދުމަތް ތައާރަފުކުރީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ހުރިހާ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން ވެސް ހިލޭ މެޑިކަލް ޗެކަޕް ހެއްދެ އެވެ.

މެޑިކަލް ޗެކަޕްގެ ހިދުމަތް ހުޅުވާލިތާ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ހިދުމަތް ހޯދީ 1232 މީހުންނެވެ. އެއީ ޖެނުއަރީ މަހު 705 މީހުން އަދި ފެބްރުއަރީ މަހު 527 މީހުންނެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ކުރިން ވިދާޅުވި ގޮތުގައި ފުރަތަމަ 50 އަހަރުން މަތީގެ އުމުރުފުރާއަށް އެ ހިދުމަތް ތައާރަފު ކުރީ، ބޮޑެތި ބަލިތައް ތަހައްމަލުކުރާ ގިނަ މީހުންނަކީ އެ އުމުރުފުރައިގެ މީހުންނަށް ވުން ކަމަށެވެ.

އުމުރުން 35 އަހަރުން މަތީގެ މީހުންނަށް އަދި ސްކޫލު ދަރިވަރުންނަށް މިއަދު މި ހިދުމަތް ހުޅުވާލިއިރު, އާސަންދައިން ހާމަކުރި ގޮތުގައި ހުރިހާ އުމުރުފުރައަކަށް މި ހިދުމަތް ހުޅުވާލާނީ ޖުލައި, 1 ގަ އެވެ.