Advertisement

"ވެރިންގެ ސަމާލުކަން ލިބެނީ ތެޅިފޮޅި އަޑުގަދަކޮށް އުޅުނީމަ އެވެ."

1 މާރިޗު 2024 - 09:46 2

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


"ވެރިންގެ ސަމާލުކަން ލިބެނީ ތެޅިފޮޅި އަޑުގަދަކޮށް އުޅުނީމަ އެވެ."

1 މާރިޗު 2024 - 09:46 2

ސިޔާސީންގެ ބޮޑުންނާއި، އެފާޑުގެ މަސައްކަތް ކޮށްއުޅޭ އެންމެންނަކީ ގޮތްފޮތް ނެތް ބައެއްކަމަށް ދުށުމަކީ އާންމު ގަބޫލުކުރުމަކަށް ވެއްޖެތާ ޒަމާންގަނޑެއް ފާއިތުވެއްޖެ އެވެ. މީހުން އެވެރިންނަށް އިހަށް ކުޅަ އިހުތިރާމު ގެއްލި ދިޔައީ އެކުލައިގެ ބަޔަކަށް އުޅެވިފައި ހުރި ފާޑުގެ ސަބަބުން ތޯއްޗެކެވެ. ސިޔާސީ މަސައްކަތްތަކަކީ ޝަރަފުވެރި މަސައްކަތެއްގެ ގޮތުގައި ދެކޭ މީސްތަކުންގެ އަދަދު މިހާރު މަދުވެއްޖެކަން ޔަގީނެވެ.

ގިނަ ބަޔަކު އެގޮތަށް ދެކޭއިރުވެސް އެ މަސައްކަތް ކުރާ މީހުންގެ އަދަދު މަދުވަނީކީވެސް ނޫނެވެ. އެ 'ހަޑި މަސައްކަތުގައި' ބައިވެރިވާން ވެއްޖެކަމަށް ސިކުނޑި ބުނެދިން ސަބަބުގެ ހުއްޖަތުން ތަސައްލީއެއް ހޯދައިގެން އެކަމުގައި ޝާމިލުވެ އުޅެތެވެ. މިހެން އުޅޭއިރު އެކަމުގައި އުޅޭ އެހެން މީހުންގެ ނިޔަތާއި ކުރާ މަސައްކަތަށް ހަޖޫ ޖެހުންވެސް އޮތީ ހަމަ އެގޮތުގަ އެވެ. އަޖައިބު ކަމެއް ނަމަވެސް މިއީ މިކަން އޮތްގޮތެވެ.

މިދުވަސްވަރު ކުރިއަށް މިދާ ފޯރިގަދަ ކެމްޕޭނުގައި މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި މަޑު ދުވެލީގައި އަޑުގަދަކޮށް ލަވަޖަހަމުން ދުއްވާފައިދާ ޕިކަޕެއްގެ އުނދަގުލުގެ ވާހަކަ ދައްކާންތިބި ކޮފީ މޭޒެއްގައި އަޅުގަނޑަށް އިށީނދެވިއްޖެ އެވެ. ރުޅިގަދަވެފައި އިން ބޭބެއަކު ބުނެ އެވެ. ޔަގީނެވެ. އެ ޕިކަޕުގަނޑު އޮންނަނީ މަ ގެއިން ނުކުންނާނެ އިރެއް ބަލަބަލަ އެވެ. މަޑު ދުވެލީގައި މަގޭ ކުރިމަތީގައި އޮވެގެން މަ އަޅަން ގަސްތުކުރާހާ މަގަކުން އަޅަމުން ދުއްވާތާ މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސްވީ އެވެ. އެ ޖަހާ ލަވައެއް ވެސް މިހާރު ހިތުދަހެވެ. ކަންފަތުގެ ކޮރުވަޅުގައި އެ ލަވައިގެ އަޑު ހަރުލައި ނުފިލައި އެބަހުރެ އެވެ.

އެ ވާހަކައަށް އެހެން މީހަކު ބުންޏެވެ. ބަލަ އަޑުގަދަ ނުކޮށް ކުރެވޭނޭ ހަމަ އެއްކަމެއްވެސް މިހާރަކު ނޯންނާނެ އެވެ. ވޯޓުދޭން ތިބި ބަޔަކަށް ތިޔަ މީހަކު އެނގި ފާހަގަވާނީ އެގޮތަށް އަޑުގަދަކޮށް އުޅެގަތީމަ އެވެ. އެއީ އެހެންވެގެން ކުރާ ކަމެކެވެ. ޝަމްސުއްދީން ރަދުންނާ ބައްދަލުވޭތޯ އުޅުނު މީހާ އެ ރަދުންނަށްވެސް ފެނިވަޑައިގަތީ އޭނާ ތެޅިފޮޅި އަޑުގަދަކޮށް އުޅެގަތީމާ ނޫންހެއްޔެވެ.

އެ ބުނި ވާހަކަވީ އަޅުގަނޑުގެ ސަމާލުކަން ދަމައިގަތް ވާހަކައަކަށެވެ. އެއީ ކޮން ވާހަކައެއްތޯ ތިޔަ ވާހަކައެއް ކިޔައިދީބަލާށޭ ބުނުމުން އެ ވާހަކައިގެ ތަފުސީލެއް ނޭނގޭކަމަށް އޭނާ ބުންޏެވެ. އެކަމަކު ތިމަންނާމެން ކުޑައިރު ކަމަކަށް އެދިގެން މާ ހަލަނިކޮށް އުޅެގަތީމާ 'ހިރިހަމައިދި ކަލޭފާނުންގެ މޫސާދީދީ އުޅުނުހެން ނޫޅުނަސް މަށަށް ކަލޭ އެބަފެނެޔޭ' ތިމަންނާގެ ބައްޕަމެން ކިޔައިއުޅޭތީ ހަނދާން ވެއެވެ. ތަފުސީލު ހޯދާލުމަށް މި މިންވަރު ފުދުނެވެ. ކުޑަ މަސައްކަތެއް ކޮށްލަނިކޮށް ހުސައިން ސަލާހުއްދީންގެ ދިވެހިންގެ ވާހަކަ ފޮތުން މި ވާހަކައެއް ފެނިއްޖެ އެވެ.

އެ ވާހަކައަކީ، ފުވައްމުލަކު ހިރިހަމައިދި ކަލޭފާނުންގެ މޫސާދީދީގެ ވާހަކަ އެވެ. އެ ދީދީއަކީ މާކުރިއްސުރެ ޝަމްސުއްދީން ރަދުން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މާލެ އާދެވޭ ކޮންމެ ފަހަރަކު މުލީގެޔަށް ގެންގޮސް ޝަމްސުއްދީން ރަދުން ވަރަށް ހާއްސަކަން ބެހެއްޓެވި މީހެކެވެ. އެއްފަހަރަކު މި ދީދީ ޒަމާންގަނޑެެއް ކޮށްފައި މާލެ އައީ ޝަމްސުއްދީން ރަދުން ރަސްކަމަށް އިސްވި ފަހުންނެވެ. އޭރު އެރަދުން ހުންނަވަނީ ބޮޑުގަނޑުވަރުގަ އެވެ. އެތަނަކީ ކޮންމެ ކޮންމެ މީހަކަށް ވަދެ އުޅެވޭ ތަނެއް ނޫނެވެ. މީނާ މާލެ ފައިބާ ހުރި ހަބަރު ރަދުންނަށް ފޮނުވާނޭ ގޮތަކާމެދު ފިކުރުކޮށް، އެކަމަށް މަސައްކަތްކޮށް އެއްގޮތަކަށް ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

ރަދުންގެ ފައިންޕުޅު ފެނޭތޯ ގަނޑުވަރު ކައިރިންނާއި، ދަހަރާގޭދޮށުން ދެއަތަށް ކުރުކާލިކަނޑަނިކޮށް މަތިގޭ ކައިރީ ފާރުމަތީގައި ރަދުން ހުންނަވަނިކޮށް ފެނިއްޖެ އެވެ. ބަނިޔާދަންކަމާއެކު އެމަގުން ދެއަތަށް އެތައް ބުރެއް ޖެހިއްޖެ އެވެ. ރަދުންނަށް މި ދީދީ ފެނިވަޑައިގަތް ކަމަކަށް ނުވި އެވެ.

ދެން ދިމާކުރީ ރަދުން އަސްގާޑިޔާކޮޅުގައި މާލެތެރެެއަށް ނުކުމެވަޑައިގަންނަވާ ދުވަހާ އެވެ. މިގާޑިޔާކޮޅު ދުއްވާހާ މަގެއްގައި މީނާ ހަށަމަށް އަތްއަރުވައިގެން އަދަބުތައުޒީމުގައި އެބަހުރެ އެވެ. ފެނިވަޑައެއް ނުގަތެވެ. ދީދީގެ ކެތްތެރިކަން ކޮޅުންލީ އެވެ.

ރަދުން އަސްގާޑިޔާކޮޅުގައި ނުކުމެ ވަޑައިގަތް ދުވަހެއްގައި މީނާ އެ މަންޒަރު ދެކޭން ގޮސްފި އެވެ. ހެދި ގޮތަކީ ރަދުންގެ އަސްގާޑިޔާކޮޅު މީނާއާ އަރާ ހަމަވި ވަގުތު ބަލާފައި ކައިރީގައި ހުރި ޓިނުޖަހާފައި ހުރި ބިތެއްގައި މީނާގެ އަތުންނާއި ފައިން ބާރަށް ތަޅައި، މޫނަށް ވައްތަރުތަކެއް ޖައްސައި އަޑުގަދަކޮށް އުޅެގެންފި އެވެ. މިފަހަރު ރަދުންނަށް މި ދީދީ ފެނިވަޑައިގެން މިއީ ކާކުކަން ދެނެވަޑައިގެންފި އެވެ. އަދި މީނާ މިހެދި އެއްޗެއް ހެދި ބޭނުމަކީވެސް ރަދުންގެ ސަމާލުކަން އަތުލެއްވުންކަން ދެނެވަޑައިގެން ވަރަށް ހިނިފުޅުވަޑުވާފައި އަރިހުގައި އިންނެވި ކޮއްކޯފުޅު އާގަނޑުވަރު މަނިއްޕުޅަށްވެސް މި ދީދީ ދައްކަވައިފި އެވެ.

އެ ކުޅިވަރު ނިމުމުން މޫސާ ދީދީ އޭނާގެ އެކުވެރިންނާ ބައްދަލުކޮށް ކިޔަ އެވެ. މިއައީ މިވެނިއެވެނިހެން ހަދާފަ އެވެ. މިރޭ ރަދުން ތިމަންނާ ބަލާ ފޮނުއްވާނޭކަން ގައިމެވެ. އަދަބު ތައުޒީމުގައި މަޑުމަޑުން ހުރެގެން ފެނިވަޑައިނުގަތީވިއްޔާ ތެޅިފޮޅި އުޅެގަތީމާ ފެނިވަޑައިގެންފާނެ އެވެ. ކަންވީ މީނާ ހީކުރި ގޮތަށެވެ. އެރޭ ގަނޑުވަރުން މީހަކު އައިސް މޫސާދީދީ ގަނޑުވަރަށް ގެންގޮސްފި އެވެ.

ހިރިހަމައިދި ކަލޭފާނުންގެ މޫސާދީދީ އެހެން އެ އުޅެގަތީ އެއީ ރަދުން ދެނެވަޑައިގަންނަވާ މީހަކަށް ވީތީ އެވެ. އޭނާ މާލެ ފައިބާ ހުރިކަން ރަދުންނަށް އެންގޭނޭ އެ ނޫން ގޮތެއް ނެތީ އެވެ. ޓެލިފޯނަކުން މެސެޖަކުން އެނގޭނީ މިޒަމާނުގައި ނަމަތާ އެވެ. އޭރަކު އެ ފަސޭހައެއް ނެތެވެ.

މިހާރުވެސް ކަންހުރި މަގަކީ އެއީ އެވެ. ބަނިޔާދަންކޮށް ތިބެއްޖެ ބަޔަކީ ވެރިންގެ ސަމާލުކަން ލިބޭ ބައެއް ނޫނެވެ. ސަމާލުކަން ލިބެނީ އަޑެއް އޮވެގެންނެވެ. ޒަމާނީ ޑިމޮކްރެސީގެ އަސާސީ ކިލާހުގައި ދަސްކޮށްދޭ ފިލާވަޅަކީ 'ހައްގަކީ ދޮލަނގެއްގައި ވެދުން ކުރެވޭނޭ އެއްޗެއް ނޫނޭ ހައްގު ޖެހޭނީ ހޯދައިގަންނާށޭ' އެވެ. އެ ވާހަކައެއް ބުނި އެދުރަކު ފަންޑިތަ ބަހެއްކަމުގައި ހިތައި ލައިދިން މި ނަސޭހަތުގެ ސަބަބުން ކަންވީ ގޮތަކީ ހައްގު ދޭންތިބި މީހުންގެ އިހުމާލަށްވެސް ހުއްޖަތެއް ލިބުމެވެ. ހައްގެއް އޮތް ބައެއްކަން ރެޔަކާލަނީ ގަދަ އަޑެއް އިވިގެންނެވެ. މިއީ އަދަބުތައުޒީމާއި ހިމޭންކަމާއި މަޑުމައިތިރި ކަމަކީ ގޮފަޅުކަން ކަމުގައި ދެކޭ ޒަމާނެކެވެ.