Advertisement

އޭޝިއަން އޭޖް ގްރޫޕް މުބާރާތުގައި ރާއްޖެ އަށް ގިނަ ގައުމީ ރެކޯޑްތަކެއް

29 ފެބުރުވަރީ 2024 - 10:03 0


އޭޝިއަން އޭޖް ގްރޫޕް މުބާރާތުގައި ރާއްޖެ އަށް ގިނަ ގައުމީ ރެކޯޑްތަކެއް

29 ފެބުރުވަރީ 2024 - 10:03 0

ފިލިޕީންސްގެ ނިއުކްލާކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން މިހާތަނަށް ގިނަ ގައުމީ ރެކޯޑްތަކެއް މުގުރާލައިފި އެވެ.

މި މުބާރާތުގައި ދިވެހި ފެތުންތެރިން ނުވަ ގައުމީ ރެކޯޑެއް ވަނީ އާ ކޮށްފަ އެވެ. އެ ގޮތުން އެންމެ ފަހުން އާ ކުރި ރެކޯޑްތަކަށް ބަލާއިރު، ޓައިމިންތަކަށް ވަނީ ރަނގަޅު ކުރިއެރުންތަކެއް އަތުވެފަ އެވެ.

ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަތު ޢުލްޔާ ޝާއިޤް އާކޮށްފައިވަނީ 00.29.29 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޢުލްޔާ އެވެ. އެއީ މި މަހުގެ 17 ވަނަ ދުވަހު ގަތަރު ދޯހާ ގައި ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގެ އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ހީޓްގައި ވާދަކޮށް، 00.29.47 އިން ރޭސް ނިންމައިގެންނެވެ.

ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު އާން ޙުސައިން އާކޮށްފައިވަނީ 4 ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގައި 100 މީޓަރު ފްރީސްޓައިލްގެ ފުރަތަމަ ލެންތު 00:55.11 އިން ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް އެންމެފަހުން އާކޮށްފައިވަނީ ވެސް އާން އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސްގައި 00:55.49 އިން ފުރިހަމަ ކޮށްގެންނެވެ.

ލޯންގްކޯސް 4 ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 04.12.35 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް އާކުރި ޓީމުގައި ހިމެނެނީ، އާން، ޢަލީ އިމްޢާން، ޢުލްޔާ، އަދި ޢާއިޝަތު ޢައިނީ އަބްދުލް ހަމީދު އެވެ. މިރެކޯޑް އެންމެފަހުން އާކޮށްފައިވަނީ 04.14.17 އިން ރޭސް ފުރިހަމަކޮށްގެން މި ފަހުން ބޭއްވި ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގަ އެވެ. އެ ފަހަރުގެ ޓީމުގައި ހިމެނުނީ ޢުލްޔާ، މުބާލް ޢައްޒާމް އިބްރާހިމް ގެ އިތުރުން މުޙައްމަދު ރިހާން ޝިހާމް އަދި ޙަމްނާ އަހުމަދު އެވެ.


ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް ރިޙާން އާކޮށްފައިވަނީ 02:05.91 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ރިޙާން އެވެ. އެއީ މި މަހު ކުރިއަށްދިޔަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 02.06.32 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ލޯންގްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ލޫޠު މުޙައްމަދު ޙުސައިން ވަނީ އާ ކޮށްފަ އެވެ. އެ ރެކޯޑް އެންމެ ފަހުން އޮތީ، 2006 ވަނަ އަހަރު ބޭއްވުނު 10 ވަނަ ސާފް ގޭމްސްގައި ވާދަކުރި ޙަސަަން އަޝްރަފް އަތުގަ އެވެ. އަަޝްރަފް އެ ފަހަރު، ރެކޯޑް ހެދީ، 02:52.44 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ލޫޠު، އާ ކުރީ، 02.49.19 އިން ރޭސް ނިންމައިގެންނެވެ.

ލޫތު އަތުގައި މި ރެކޯޑް މާ ގިނަ ދުވަހެއް ވަންދެން ބޭއްވޭ ގޮތެއްނުވި އެވެ. މި އިވެންޓްގެ ރެކޯޑް، މިހާރު އޮތީ، އިފްޒާލް އިބްރާހީމް މަޙްފޫޠު އަތުގަ އެވެ. އިފްޒާލް މި އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައިވަނީ 02:45.81 އިން ރޭސް ނިންމައިގެންނެވެ.

މިއީ ލޫތު އާއި އިފްޒާލްގެ ފުރަތަމަ ގައުމީ ރެކޯޑެވެ.