Advertisement

ވާގޮތް: އުކުނޑި ކޮއްޓާ ސަބަބާއި ހައްލު

31 މާރިޗު 2023 - 08:39 1

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: އުކުނޑި ކޮއްޓާ ސަބަބާއި ހައްލު

31 މާރިޗު 2023 - 08:39 1

ކޮންމެ މީހެއްވެސް ހަޔާތުގަ އެއް ފަހަރު ނަމަވެސް ކޮށްފައިވާނެ ތަޖުރިބާއެކެވެ. ފުރަތަމަ ފަހަރުވުމުން މަޖަލެވެ. ދެވަނަ ފަހަރުވުމުން ކައިރި ތިބި މީހުން ހިނގަނޑެއް ޖަހާލާ ސަމާސާ ރާގަކަށް އެއްޗެއް ބުނެފާނެ އެވެ. އެކަމު އެއަށް ވުރެ އިތުރަށް މިކަންވެ ބުރައަކަށް ވެދާނެ އެވެ. ދިރިއުޅެން ދަތިވާހެން ވެސް ހީވެދާނެ އެވެ. މިކަމުން ސަލާމަތްވާނީ ކޮންއިރަކުބާއޭ ހިތަށް އަރައިފާނެ އެވެ. މި ދައްކަނީ އުކުނޑި ކޮއްޓާ ވާހަކަ އެވެ. މިއީ އެންމެ ތުއްތު ކުދިންނުން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށްވެސް ކުރިމަތިވާ ކަމެކެވެ. އެކަމު މި މަޖާ، އަޑުހުރި، ލަކިޖަހާ، ބައެއް ފަހަރު ބުރައަކަށްވާ ކަމުގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

މިކަމުގެ ހަގީގަތް ހޯދާލަން އިންސާނާގެ ހަށިގަނޑަށް ކަޅިއެއް އެއްލާލަމާ ހެއްޔެވެ. ބަނޑާއި މެޔާ ވަރަށް ރަނގަޅަށް ކިޔުންތެރިންނަށް އެނގޭނެ އެވެ. ބަނޑަށް ދަނީ ކާ އެއްޗެއްސެވެ. މެޔަށް ދަނީ ނޭވާ އެވެ. ނަމަވެސް މި ދެ ގުނަވަން ދޭތެރޭގައި އިންނަ ބައެއް އެނގޭ ހެއްޔެވެ؟ މި ބަޔަކީ "ޑަޔަފްރާމް" އެވެ. މިއީ އަހަރުމެން ނޭވާ މޭ ތެރެއަށް ދަމާލުމާއި ބޭރުކުރުމުގެ އެންމެ އިސް ރޯލު އަދާކުރާ ބައެވެ. ހަމައެޔާ އެކު އެކުނޑި ކޮއްޓުމުގެ ޒިންމާވެސް ނަގަނީ ޑަޔަފްރާމެވެ.

އުކުނޑި ކޮއްޓަނީ ޑަޔަފްރާމްއަށް އުނދަގުލެއްވެ ކުއްލި ކުއްލިއަށް "ލަކި" ޖަހަން ފެށުމުންނެވެ. މިހެން ވުމުން އަހަރުމެންގެ ބާރަކާއި ނުލާ ކުއްލިއަކަށް އެތެރެއަށް ވައި ދަމައިގަންނަ ގޮތްވެ އެވެ. ނަތީޖާއަކީ ވައި ވަންނަ ވަގުތު އަޑުފޮށީގައި ޖެހި، އަޑުފޮށި ބަންދުމުވުމެވެ. އުކުނޑި ކޮއްޓާ އިރު ގޮވާ އަޑަކީ އަޑުފޮށި ބަންދުވާ ވަގުތު ގޮވާ އަޑެވެ.

އުކުނޑި ކޮއްޓާ އިރު ގޮވާ އަޑަކީ އަޑުފޮށި ބަންދުވާ ވަގުތު ގޮވާ އަޑެވެ.


ކުރިން ބުނި ފަދައިން ޑަޔަފްރާމަށް އުނދަގުލެއް ވަނީ ސިކުނޑިއާއި ޑަޔަފްރާމާއި ދެމެދު ހުންނަ ނާރުތައް ދަތުރުކުރާ މަގުތަކުން މަގަކަށް ބުރޫއެއް އެރުމުންނެވެ. އެތައް ސަބަބަކާއި ހުރެ މިފަދަ ބުރޫއެއް އަރާފާނެ އެވެ. އޭގެތެރޭ ގިނަ އަދަދެއްގެ ވައި ދިރުވާލެވުން، މާ ގިނަ އެއްޗެއްހި އަވަސް އަވަހަށް ކެއުން، ބިރު ނުވަތަ އުފާވެރިކަން މާބޮޑަށް އިހުސާސްވުން، ކާބަނޯޓެޑް ބުއިންތައް މާގިނައިން ބުއިން އަދި ކުއްލިއަކަށް ފިނިހޫނުމިން ބަދަލުވުން ހިމެނެ އެވެ.

ތުންތުން މަތިން އަޑު އިވޭ އުކުނޑި ކޮއްޓުމުގެ ބައިވަރު ހައްލުތައް އެބަހުއްޓެވެ. މީގެ ތެރޭ ސިއްސުވާލުން ނުވަތަ ފެންތައްޓެއް އެއް ނޭވާއިން ބޯލުމަކީ ކިޔުންތެރިންނަށް މަދުން ނަމަވެސް އަޑު އިވިފައި ހުންނާނެ "ފަރުވާ" ތަކެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ ސައިންޓިފިކް އެއްވެސް ހެއްކެއް ނެތް ކަންކަމެވެ. އަދި ޑޮކްޓަރުން ވެސް އެކަމަށް ބާރުދޭ ކަންކަމެއް ނޫނެވެ.

ނަމަވެސް ސިއްހީ ދާއިރާގެ ބައެއް ބޭފުޅުން ބުރަވާ ހައްލުތަކަށް ބަލާލަމާހެއްޔެވެ. ފުރަތަމަ ކަމަކީ ފުން ނޭވާއެއް އެތެރެއަށް ލުމަށްފަހު 10 ވަރަކަށް ސިކުންތު ނޭވާ ހިފަހައްޓާލުމެވެ. އެއަށްފަހު ވަރަށް ލަސްލަހުން ނޭވާ ދޫކޮށްލުމެވެ. ދެވަނަ ކަމަކީ ކަރުދާސް ކޮތަޅެއް އަނގަޔާއި ނޭފަތް މަތީ އަޅާ، އެ ކޮތަޅަށް ނޭވާލަމުން ދިޔުމެވެ.

މި ދެ ކަންކުރުމުން ވެސް މޭތޭރޭ ކާބަންޑައިއޮކްސައިޑް އިތުރުވެގެން ދެ އެވެ. އަދި ކާބަންޑައިއޮކްސައިޑް އިތުރުވުމުން ޑަޔަފްރާމް ހަމަޔަކަށް އެޅި އުކުނޑި ކޮއްޓުން ހުއްޓެ އެވެ. އެންމެ ތަފާތު ފަރުވާއަކަށް ޑޮކްޓަރަކު ފާހަގަކޮށްފައިވަނީ އާންމުކޮށް ފެން ބޯ ފަރާތް ނޫން އަނެއް ފަރާތުން ފެން ތައްޓެއް ބޯލުމެވެ. އެއީ މޫނު ތިރިކޮށްލައިގެންނެނެވެ.

އުކުނޑި ކޮއްޓުމަކީ އާންމުކޮށް އެއްވެސް ފަރުވާއަކާއި ނުލާ އަމިއްލައަށް ރަނގަޅުވާ ކަމެކެވެ. ނަމަވެސް އުކުނޑި ކޮއްޓުން ދެ ދުވަހަށް ވުރެ އިތުރުވެއްޖެ ނަމަ ނުވަތަ އެކަމުގެ ސަބަބުން ކެއުމާއި ނިދުމާއި އާންމު ދިރިއުޅުމަށް އުދަނގޫ ވާނަ ސިއްހީ ފަރާތްތަކުގެ އެހީ ހޯދުން މުހިންމެވެ.