Advertisement

ޝާޒިންގެ އާޓުން ފެންނަ ހިތްގައިމުކަމާއި ޖާދޫ

7 މާރިޗު 2022 - 09:19 0

ނ.ވެލިދޫ

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ޝާޒިން: އޭނާ އަކީ ތަފާތު މީޑިއަމްތަކުގެ އާޓް ތައްޔާރުކުރާ މީހެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޝާޒިންގެ އާޓުން ފެންނަ ހިތްގައިމުކަމާއި ޖާދޫ

7 މާރިޗު 2022 - 09:19 0

ނ.ވެލިދޫ

އަހުމަދު ޝާޒިންގެ އިންސްޓަގްރާމް އެކައުންޓުން ފެންނަ، އަމިއްލަ ޑިޒައިންތަކުގެ ކައިވެނީގެ ރަނުގެ އާޓް ކްރާފްޓުތަކުގައި ހާއްސަ ކަމެއްވެ އެވެ. އެތަކެތި ހުށަހަޅައިދީފައި ހުންނަ ގޮތުގެ މޮޅު ކަމެވެ. ޝައުގުވެރި ކަމެވެ. ހިތްގައިމު ކަމެވެ. އެއިން ކޮންމެ އާޓް ޕީސް އަކުން ހިތެއް އަތުލައިގަނެ އެވެ.

އެކަމަކު 24 އަހަރުގެ މިޒުވާނަކު ނ. އަތޮޅު ވެލިދޫ އިން ފެނި، ފުރަތަމަ ވާހަކަ ދައްކަން ފެށި އިރު އަހަރެން ހީކުރީ އޭނާ އަކީ ހަމަ އެކަނި ކްރާފްޓް މަސައްކަތަށް ހާއްސަ މީހެއް ކަމަށެވެ. ވާހަކައިގެ ތެރެއަށް ފުނަށް ދިޔަ ވަރަކަށް މި ޒުވާނެއްގެ ހުނަރުވެރިކަމާއި ނޫނު އަތޮޅުގެ ރަށެއްގައި ހުރެގެން މުޅި ރާއްޖޭގެ ސަމާލުކަން ހޯދަމުން ވިޔަފާރި ފުޅާކުރަމުން އަންނަ ގޮތް އެނގި، އިތުރަށް އެނގެން ޝައުގުވެރިވި އެވެ.

އެހެންވީމާ ޝާޒިންގެ އިތުރު ވާހަކަތަކަށް ދިއުމުގެ ކުރިން، ފެށުމުގައި ދީފައި އެ އޮތް އޭނާގެ ތައާރަފު ފަސޭހައިން ހަނދާނަށް ގެނެވޭ ވަރަށް ތިލަކޮށްދޭނަމެވެ.

މިއީ ދާދި ފަހުން، ލޮކްޑައުން ތެރޭގައި މަޝްހޫރުވެގެން އައި މޮނޮޕޮލީ ގޭމުގެ ދިވެހި ވާޝަން، "މޯލްޑިޕޮލީ" ގެ ފަހަތުގައިވާ ތޫނުފިލި މޫނެވެ. އޭނާ އަކީ ތަފާތު މީޑިއަމްތަކުގެ އާޓް ތައްޔާރުކުރާ މީހެކެވެ. ޕެއިންޓް ކުރުމާއި ވަކަރުން ތަކެތި ހެދުމާއި އެންގްރޭވް ކުރުމާއި ގަލުގައި ކަނޑައި ނެގުން ފަދަ އެތައް ކަމެއް ޝާޒިންގެ "ކޯޓެކްސް" ކުޑައިގެ ދަށުން ކޮށްދެ އެވެ. އެ މަސައްކަތުން ހިތްހަމަ ޖެހޭ ވަރެއްގެ އާމްދަނީ އެއް ވެސް ހޯދަ އެވެ. ރަށުންނާއި ރަށުން ބޭރުން އޯޑަރުތައް ލިބެ އެވެ.

ޝާޒިންގެ އޭނާގެ އަމިއްލަ އުފެއްދުމަކާއެކު: އޭނާ އަކީ ތަފާތު މީޑިއަމްތަކުގެ އާޓް ތައްޔާރުކުރާ މީހެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


"ރަށުގައި ހުއްޓަސް، ތަފާތުކޮށް ކަމަށް ޝައުގުވެރިވެގެން ކުރާނަމަ އެމީހެއްގެ ލިމިޓަކީ ވަރަށް އުސް އެއްޗެއް. މިހާރު އަހަންނަށް އާދެވިފައި ހުރި ހިސާބުން އެ ޔަގީން ކަން ލިބޭ. އަހަރެންގެ ހިޔާލުގައި ކުރެހުމެއް އޮވެއްޖެނަމަ އެ އަސްލަށް ގެނައުމުގައި އުނދަގޫ ކަމެއް ނުހުރޭ. ނަފްސަށް އެ އިތުބާރު ވެސް އެބައޮތް،" ޝާޒިން ކިޔައިދިނެވެ.

ފަންނުވެރި އާއިލާ އަކަށް އުފަން ޝާޒިން ސްކޫލުގައި އުޅެމުން މީހުންނަށް އާޓް މަސައްކަތްތައް ކޮށްދޭން ފަށައިފި އެވެ. އެކަމަކު އޭރު ކުރާ މަސައްކަތަށް އަގު ނަގަން ނުކެރޭ ކަމަށް ބުންޏެވެ.


"އޭރު ވަރަށް ސެލްފް ކޮންފިޑެންސް ދަށް ވާނެ. ހިތަކަށް ނާރާ އަގު ކިޔައިގެން ކަމެއް ކޮށްދޭ ވަރަށް ހުނަރުވެރި ކަމަކަށް. އެކަމަކު އާއިލާގެ ސަޕޯޓް ވަރަށް ބޮޑު. ވަރަށް ހިތްވަރުދޭނެ. ކްރާފްޓް މަސައްކަތްތައް އަގަށް ކޮށްދޭން ފެށީ އެމީހުންގެ ހިއްވަރުން ހިތްވަރު ހޯދައިގެން،" ޝާޒިން ކިޔައިދިނެވެ.

ރަށުގައި ހުރި އޭނާގެ ހިތްގައިމު ކުޑަ އާޓް ޝޮޕް ގައި ހިތްގައިމު އެތަކެއް އާޓް ކްރާފްޓެއް ޝޯކޭސް ކޮށްފައި ވެ އެވެ. އެކަމަކު އެންމެ ހާއްސައީ ފާރުގައި އަޅުވަން، ކޮމްޕަސް ޑިޒައިން އަކާ އެކު ވަކަރުން ހަދާފައިވާ ރާއްޖޭގެ ޗާޓު ކަމަށް ޝާޒިން ބުންޏެވެ.

ޝާޒިންގެ އޭނާގެ އަމިއްލަ އުފެއްދުމަކާއެކު: އޭނާ އަކީ ތަފާތު މީޑިއަމްތަކުގެ އާޓް ތައްޔާރުކުރާ މީހެއް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


"އެންމެ ބޮޑު ޑިމާންޑެއް އޮތީ ކައިވެނީގެ ރަނަށް މި ހަދައިދޭ ކްރާފްޓު ތައް. މީހުންނަށް ވަރަށް ކަމުދޭ ޝާޒީން އެކަހަލަ ކްރާފްޓް ހަދާއިރު ގެންގުޅޭ ވިސްނުން،" އޭނާ ކިޔައިދިނެވެ.

ޝާޒިން ބުނީ، ހަދައިދޭ ކޮންމެ ކްރާފްޓެއްގައި އަމިއްލަ ހާއްސަ ގޮތްގަނޑެއް ގެންނަން މަސައްކަތް ކުރާ ކަމަށެވެ. ކޯޓެކްސް އިން ހަދާ ގާތްގަނޑަކަށް ހުރިހާ ކްރާފްޓް މަސައްކަތްތަކަކީ އެ ތަނުގެ، އޭނާގެ އޮރިޖިނަލް މަސައްކަތް ކަމަށެވެ. އޭނާގެ ކާމިޔާބީގެ އެންމެ ބޮޑިު ސިއްރަކީ ވެސް އެ އަމިއްލަވަންތަ ފާޑުވެރިކަމެވެ.