Advertisement

މޮޅަދޫގައި ކުނިން ހަދާފައިވާ ގެސްޓް ޝޮޕް

27 އޮކްޓޯބަރު 2021 - 09:16 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

ހއ.މޮޅަދޫ ބަގީޗާގެ ދޮރުމަތި --ފޮޓޯ ނަސްރާ އިބްރާހިމް


މޮޅަދޫގައި ކުނިން ހަދާފައިވާ ގެސްޓް ޝޮޕް

27 އޮކްޓޯބަރު 2021 - 09:16 0

މިއީ ހއ. މޮޅަދޫ ބަށިމާގެ އެވެ. ރަށަށް އަންނަ ކޮންމެ މެހެމާނަކަށްވެސް އެންމެ ހާއްސަ އެއް ގެ އެވެ. މުޅި ގޭގެ ބޭރު ޒީނަތްތެރި ކޮށްފައި އެވަނީ ގޮނޑުދޮށާއި މޫދުން އެއްކޮށްފައިވާ ކުނި ބުނިންނެވެ. ދެނީ މުހިންމު މެސެޖެކެވެ. އަހަރެމެންގެ ވެށި ހަޑި ކުރަނީ ހުދު އަހަރެމެން ކަމެވެ.

މި މަސައްކަތުގެ މޭސްތިރިއަކީ މިހާރު އުމުރުން 68 އަހަރުގެ އަބްދުއް ރަޝީދު މުހައްމަދު އެވެ. މިއީ މީގެ 12 އަހަރު ކުރިން ރިސޯޓެއްގެ ލޯންޗު ކައްޕިކަމުން ރިޓަޔާކުރުމަށްފަހު އެނބުރި ރަށަށް އައިސް އޭނާ ފެށި ކަމެކެވެ.

"ގާތްގަނޑަކަށް 18 އަހަރުކޮށްފައި ލާރިކޮޅެއް ދީފައި ކަނޑާލީމަ އަޅުގަނޑު ރަށަށް އައީ. ދެން ރަށަށް އައިސް މި ހުންނަނީ ފާޑެއްގެ ބިތެއް ޖެހިފައި. ދުއްވާލާނެ ދޯންޏެއް އެއްޗެއްވެސް އޮންނަނީކީ އެއް ނޫން. ދެން ހިތަށް އައި ވިސްނުމެއް މި،" މި މަސައްކަތް ފެށުނު ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

އަބްދުއް ރަޝީދު ބުނާގޮތުން އޭނާގެ އުމުރުގެ ފަހުގެ ގިނަ ހަނދާންތަކެއް ގުޅިފައިވަނީ ރިސޯޓުގައި ފަތުރުވެރިންނާ އެކުގަ އެވެ. ފަތުރުވެރިން ގޮވައިގެން އެކި ދަތުރުތައް ކުރެވިފައިވާއިރު އެމީހުންނާ ބެހެއްޓުނު ގާތްކަމާ އެކުވެރިކަން އެނބުރި ރަށަށް އައުމުންވެސް ވަރަށް ހަނދާންވެ އެވެ.

މިފަދަ ގޮތަކަށް އުކާލާ ތަކެތި އެއްކޮށްގެން ކަމެއް ކުރުމުގެ ހިޔާލު އޭނާއަށް އައީ ކައިރީގައި އޮތް މަނަފަރު ރިސޯޓުން ފަތުރުވެރިން މޮޅުދޫއަށް އަންނަން ފެށުމުންނެވެ. އަބްދުއް ރަޝީދުގެ އެންމެ ބޮޑު ބޭނުމަކަށްވީ ފަތުރުވެރިން އޭނާ ކައިރިއަށް އައިސް އެ ގާތްކަން ބެހެއްޓޭނޭ ގޮތެއް ހޯދުމެވެ. މިގޮތުން އައި އެންމެ މޮޅު ހިޔާލަކީ ތިމާވެއްޓާ ރަށްޓެހި ގޮތަަކަށް އުކާލެވޭ ތަކެތިން ކަމެއް ކުރުމެވެ.

ހއ.މޮޅަދޫ ބަގީޗާގެ ދޮރުމަތި --ފޮޓޯ:ނަސްރާ އިބްރާހިމް


ގޭގެ ވަށައިގެންވާ 30 އަކަށް ފޫޓުގައި ފެންނަންހުރި ހުރިހާ މަސައްކަތަކީވެސް ހުދު އަބްދުއްރަޝީދު އެކަނި ކޮށްފައިވާ މަސައްކަތެވެ. މިގޮތުން ޒީނަތްތެރިކުރާ ތަކެތި ހޯދުމަށް އެކަނިވެސް އެއް އަހަރު އޭނާ ހޭދަކުރި އެވެ.

"މި ކަންތައް ކުރަން ފެށީމަ މީހުން ބުނި ތި ކީއްކުރާ ކަމެއްހޭ ތީ . ކޯއްޗެއްހޭ ތީ. ބުނީމަ މަ ބުނިން މިއިން އަހަރެން ހިތުގައި އޮތް ކަންތައް ހާސިލްކުރީމަ ކަލޭމެންނަށް ފެންނާނޭ. ކެތްކޮށްލައިގެން ތިބޭށޭ،" ނިކަން މަޖާކޮށް އަބްދުއްރަޝީދު ބުންޏެވެ.

މޫދާއި އެއްގަމަށް ލައްގާފައިވާ އެކިބާވަތްތަކުގެ މިތަކެއްޗަކީ މޮޅަދޫގެ އިތުރުން ދުވާފަރާއި ތުރާކުނާއި ދަރަވަންދޫ އަދި ދިއްދޫ އިން އޭނާ ހޮވާފައިވާ ތަކެއްޗެވެ. ތަކެތި ސާފުކޮށް ރީތިކުރުމަށްފަހު ވަކި ތަރުތީބަކުން އެލުވަނީ އަމިއްލަ ހިޔާލާއި ފަރުމާއަށެވެ.

އަބްދުއް ރަޝީދުގެ ދެމަފިރިން-- ފޮޓޯ:އާއިލާ


ރަށަށް އަންނަ ފަތުރުވެރިންނާ، އެހެނިހެންވެސް އާންމުންނަށް ބަގީޗާގެ ވަރަށް ހާއްސަ އެވެ. އަލަށް މި މަސައްކަތް ފެންނަ ގިނަ މީހުން އަބްދުއްރަޝީދު ހޯދާ މިކަމާ ބެހޭގޮތުން އޮޅުން ފިލުވާ ކަމަށް އޭނާ ބުންޏެވެ.

އަދި ބައެއް ފަހަރު ފަތުރުވެރިން އައިސް އާޝޯހުވެ އެކި ވައްތަރުތަކުގެ ބޮއްޔާއި، މަދޮށި ފުޅިއާ ފްރޭމް ފަދަ ތަކެތި ގަނެފައި ވެސް އެބަހުއްޓެވެ.

އަބްދުއް ރަޝީދު ބުނާގޮތުގައި އަބަދުވެސް އޭނާއަށް ހުރެވެނީ މި ތަން ފުރިހަމަކޮށްލުމުގަ އެވެ. ހަރުކޮށްފައިވާ އެއްވެސް އެއްޗެއް މީހަކު ގަނެފިނަމަ ނުވަތަ ވެއްޓި ބޭނުން ނުކުރެވޭ ގޮތް ވެއްޖެނަމަ އަވަހަށް އެހެން އެއްޗަކަށް ބަދަލުކޮށްލަ އެވެ.

އުމުރުން އެހާ ދޮށިވެފައިވީ ނަމަވެސް އަބްދުއް ރަޝީދު މި ސާބިތުކޮށްދެނީ އޭނާގެ ހިތުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް އޮތް ލޯތްބާއި ތިމާވެއްޓަށް އޭނާ ކުރާ ގަދަރެވެ.