Advertisement

ނަފުރަތު އުފެއްދުން ކުށަކަށް ހަދަނީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު: މިއަދު ވަނީ ގާނޫނަށް އިސްލާހު ގެންނަން ދެ ބިލެއް މަޖިލީހަށް ހުށަހަޅައިފައި-- ފޮޓޯ: މަޖިލިސް


ނަފުރަތު އުފެއްދުން ކުށަކަށް ހަދަނީ

ނަފުރަތު އުފެއްދުން ގާނޫނީ ކުށަކަށް ހެދުމަށް ނިންމައި ބިލެއް އެޓާނީ ޖެނެރަލް އޮފީހުން މިއަދު ރައީސް އޮފީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށާއި މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި، ހިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ދެ ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.

ރިފްއަތު ކުރެއްވި ޓްވީޓް


އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެ ދެ ބިލް ހުށަހަޅާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މިމަހުގެ ހަ ވަނަ ދުވަހު ޓެރަރިސްޓް ހަމަލާއެއް ދީފައިވަނިކޮށެވެ. އެމަނިކުފާންގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ.

މި ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރި ކަމާ މެދު ސުވާލު އުފައްދަމުންދާއިރު، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ސޯޝަލްމީޑިއާގައި ހިތްވަރު ދިން މައްސަލަތަކެއް ފުލުހުން އަންނަނީ ބަލަމުންނެވެ.

ނަޝީދަށް ހަމަލާދިން މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުން ތިބިއިރު އެ ހަމަލާއަށާއި ޓެރަރިޒަމްގެ ހަމަލާތަކަށް ހިތްވަރުދޭ މައްސަލަ ބޮޑުވެ ފުލުހުން ވަނީ އެފަދަ ކަންކަން ބަލަން ފަށައިފަ އެވެ. ދީނާ ދުރުބައެއްގެ ގޮތުގައި މީހުން ލޭބަލްކޮށް ސޯޝަލްމީޑިއާގައި އިންޒާރު ދިނުމަކީ އާއްމު ކަމެކެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް އެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ދައުލަތުން މިހާރު ހަމަޖައްސައިދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެކެވެ. މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގެކޮޅުގަ އެވެ.