Advertisement

އިޒްރޭލް ހަމަލާތަކުގައި ގާޒާގެ އެންމެ ތަޖުރިބާކާރު ދެ ޑޮކްޓަރުން މަރުވެއްޖެ

ގާޒާގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ އައިމަން އަބޫ އަލް އައުފް އާއި މޫއިން އަހްމަދު އަލް އަލޫލް އިއްޔެ ވަނީ މަރުވެފައި.-- ފޮޓޯ: އަލްޖަޒީރާ


އިޒްރޭލް ހަމަލާތަކުގައި ގާޒާގެ އެންމެ ތަޖުރިބާކާރު ދެ ޑޮކްޓަރުން މަރުވެއްޖެ

ގާޒާގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރުންގެ ތެރެއިން ދެ މީހަކު އިއްޔެ އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި މަރުވެފައި ވާތީ ސިއްހީ މަސައްކަތްތެރިންނާއި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެ މަރުވެފައިވަނީ ނިޔުރޮލޮޖިސްޓަކާއި ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަަލުގެ އެތެރެހަށީގެ ބަލިތަކުގެ ޑިޕާޓްމަންޓުގެ ވެރިޔާ އެވެ. އެ މީހުންގެ މަރާއެކު ބާރުބޮޑުވެފައިވާ ގާޒާގެ ސިއްހީ ހިދުމަތްތަކަށް އިތުރަށް އަސަރު ކުރާނެ އެވެ.

ހުރިހާ ފަރާތަކުން ގާޒާ ބަންދުކޮށްލާފައި ވާތާ 14 އަހަރުވެފައި ވާއިރު، އެ ތަނުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ ސާމާނު ވެސް އެކަށީގެންވާ މިންވަރަށް ނުލިބެ އެވެ. އޭގެ އިތުރުން ރަނގަޅު ތަމްރީނާއި ތަޖުރިބާ ހުރި ޑޮކްޓަރުން ވެސް މަދެވެ.

އަލް ޝިފާ ހޮސްޕިޓަލުގެ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. އައިމަން އަބޫ އަލް އައުފް މަރުވީ އިއްޔެ ހެނދުނު ގާޒާގެ އަލް ވެހްދާ ޑިސްޓިރިކްޓަށް ދިން މިސައިލް ހަމަލާއެއް ގަ އެވެ. އެ ހަމަލާގައި 33 އާއްމުން މަރުވި އެވެ.


އުމުރުން 66 އަހަރުގެ ސައިކިއެޓްރިކް ނިޔުރޮލޮޖިސްޓް ޑރ. މޫއިން އަހްމަދު އަލް އަލޫލް ވެސް މަރުވީ އަލް ވެހްދާ ޑިސްޓްރިކްޓަށް ދިން ހަމަލާގައި ގޭގައި ހުއްޓަ އެވެ. މިސްރާއި ފްރާންސުން ކިޔަވައިގެން ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރުމަށް ފަހު އެނބުރި ގާޒާއަށް ދިޔަ މޫއިން މަރުވިއިރު މަސައްކަތް ކުރަމުން ދިޔެއީ ސްޕެޝަލައިޒްޑް ކްލިނިކެއްގަ އެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅަށް ލިބުނު ޒަހަމްތަކަށް ދަނީ ފަރުވާ ކުރަމުންނެވެ.

މިދިޔަ ހޯމަ ދުވަހު އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށި ފަހުން މިހާތަނަށް 58 ކުޑަކުދިން ހިމެނޭހެން 200 އެއްހާ ވުރެ ގިނަ ފަލަސްތީނު މީހުން މަރުވެ، 1500 އަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ކުރަމުންނެވެ.


ކޮވިޑުގެ ބަލިމަޑުކަން ދިމާވުމުގެ ކުރިން ވެސް އެތައް ގޮންޖެހުންތަކާ ދިމާވެފައި އޮތް ގާޒާގެ ސިއްހީ ނިޒާމް މިހާރު ވަނީ ހުއްޓުމަކަށް އައުމާ ގާތްވެފަ އެވެ. ގާޒާގައި ޑޮކްޓަރުންނާއި ނަރުހުން މަދުވުމުން ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހެނީ އެހީދޭ ޖަމިއްޔާތަކުގެ ފަރާތްތަކުންނެވެ.

އޭގެ އިތުރުން އިއްޔެ އިޒްރޭލުން ވަނީ އަލް ޝިފާ ހޮސްޕިޓަލަށް ދެވެން އޮތް މައި މަގަށް ބޮން އަޅާ، އެ ހިސާބަށް ނުދެވޭނެ ގޮތް ހަދާފަ އެވެ. އެ ހޮސްޕިޓަލަކީ ގާޒާގައި އާއްމު ސިއްހީ ހިދުމަތްތަކުގެ 70 ޕަސެންޓު އަދި ސިއްހީ އެމެޖެންސީ ހިދުމަތްތަކުގެ 90 ޕަސެންޓު ފޯރުކޮށްދޭ ހޮސްޕިޓަލެވެ.