Advertisement

މަސައްކަތު ގަޑި ދިގުވުމުން އަހަރަކު 745،000 މީހުން މަރުވޭ

އަންހެނަކު މަސައްކަތް ކުރަމުން ފިކުރު ބޮޑުވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް


މަސައްކަތު ގަޑި ދިގުވުމުން އަހަރަކު 745،000 މީހުން މަރުވޭ

ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ޖެހުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު މަރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

މިއީ މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތާއި މީހުންގެ ސިއްހަތަށް ކުރާ އަސަރާ ގުޅޭ ގޮތުން ހެދި ފުރަތަމަ ދިރާސާ އެވެ. ދިރާސާއިން ދެއްކި ގޮތުގައި މަސައްކަތުގެ ވަގުތު ދިގުކަމުން ސްޓްރޯކް އާއި ހިތުގެ ބަލިތައް ދިމާވެ 2016 ވަނަ އަހަރު އެކަނިވެސް 745،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައި ވަނީ ދެކުނު އިރުމަތީ އޭޝިއާ އާއި ހުޅަނގު ޕެސިފިކް ސަރަހައްދުތަކުގެ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށެވެ.

ޑަބްލިއުއެޗްއޯގެ ރިޕޯޓުގައި ބުނީ ކޮވިޑުގެ ބަލިމަޑުކަމާ ހެދި މި މައްސަލަ އިތުރަށް ބޮޑުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ދިރާސާއިން ދެއްކި ގޮތުގައި ހަފްތާއަކު 55 ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު 35 ޕަސެންޓަށް އަދި ހިތުގެ ބަލީގައި މަރުވުމުގެ ފުރުސަތު 17 ޕަސެންޓަށް އިތުރުވެ އެވެ.

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާ ގުޅިގެން ހެދި ދިރާސާއިން އިތުރަށް ދެއްކީ މަރުވި މީހުންގެ ތިންބައި ކުޅަ އެއްބައި މީހުންނަކީ މެދު އުމުރުގެ އަދި މުސްކުޅި ފިރިހެނުން ކަމަށެވެ.

ބަލިމަޑުކަމުގެ ތެރޭގައި މަސައްކަތުގެ ވަގުތަށް އައި ބަދަލު ދިރާސާ ކުރެވިފައު ނުވި ނަމަވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ބުނީ ރިމޯޓުކޮށް މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން މަސައްކަތަށް ހޭދަކުރަން ޖެހޭ ވަގުތު އިތުރުވެފައިވުން އެކަށީގެންވާ ކަމަށެވެ.

"ކޮންމެވެސް ވަރެއްގެ ހެކި އެބަ ހުރި، ގައުމުތައް ލޮކްޑައުން ކުރުމުގެ މަސައްކަތަށް ހޭދަކުރާ ވަގުތު 10 ޕަސެންޓު އިތުރުވާ ކަމުގެ،" ޑަބްލިއުއެޗްއޯއިން ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ވަޒީފާ ދޭ ފަރާތްތަކުން މަސައްކަތުގެ މާހައުލުގައި ސިއްހަތަށް ދިމާވެދާނެ ނުރައްކަލާ މެދު ވިސްނާއިރު، މި ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެސެސްމަންޓް ހެދުމަށް ލަފާ ދޭ ކަމަށެވެ.

އޭގެ އިތުރުން މަސައްކަތުގައި ހޭދަކުރެވޭނެ އެންމެ ގިނަ ވަގުތެއް ކަނޑައެޅުމަކީ އުފެއްދުންތެރިކަން ރަނގަޅުވާ ކަމެއް ކަމަށް ދިރާސާއިން ދައްކާފައި ވާތީ އެކަމަށް ސަމާލުކަން ދިނުމަށް ވެސް ޑަބްލިއުއެޗްއޯއިން ލަފާ ދެ އެވެ.