Advertisement

ބަލި ކޮންޓްރޯލް ނުވާތީ ފިޔަވަޅުތައް އިތުރު 14 ދުވަހަށް

16 މޭ 2021 - 00:03 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކާފިއު ގަޑީގައި ބުރިޖު ހުރަސްކުރާ ވެހިކަލްތައް ޗެކު ކުރަން ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ބަލި ކޮންޓްރޯލް ނުވާތީ ފިޔަވަޅުތައް އިތުރު 14 ދުވަހަށް

16 މޭ 2021 - 00:03 0

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މި މަހުގެ ތިން ވަނަ ދުވަހު އެޅި ވަރުގަދަ ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް ދަންމާލައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 މި މަހުގެ ތިން ވަނަ ދުވަހު އެޅި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދަންމާލާފައިވާ ކަމަށެވެ.

އެއާއެކު، ސަރުކާރު އޮފީސްތައް ބަންދުކުރުމުގެ އިތުރުން، ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުމަށް އެޅި ފިޔަވަޅު އިތުރު ދެ ހަފްތާއަށް ވަނީ އިތުރުކޮށްފަ އެވެ.

އަދި ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުމާއެކު މިސްކިތްތަކުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން ވެސް އިތުރު ދެ ހަފްތާއަށް ވަނީ ދަންމާލައިފަ އެވެ.

އިތުރު ދެ ހަފްތާއަށް ދަންމައިލި ފިޔަވަޅުތައް

  • ސަރުކާރު އޮފީސްތައް ބަންދުކުރުން
  • ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުން
  • ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުން
  • މިސްކިތްތަކުގައި މާސްކު އެޅުމާއެކު ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން
  • ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން
  • ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން
  • އިންޑިއާ އިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހަށް ކަރަންޓީނުވުން

އޭގެ އިތުރުން، ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގައި ކާފިއު ހިންގާ ގޮތަށް އޭރު އެޅި ފިޔަވަޅު ވެސް މިރޭ ވަނީ އިތުރު ދެ ހަފްތާއަށް ދަންމާލައިފަ އެވެ.

ނަމަވެސް، ފިތުރު އީދާ ދިމާކޮށް، ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރަށް މިދިޔަ ބުދަ ދުވަހުން ފެށިގެން އެ ފިޔަވަޅުތައް ވެސް އިތުރަށް ހަރުކަށި ކޮށްފަ އެވެ.

މިގޮތުން، އަންނަ އަންގާރަދުވަހާ ހަމައަށް ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމުގެ އިތުރުން، ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު ފަތިހު ހަތަރަކަށް ބޭރަށް ނުކުތުން ވެސް އޮތީ މަނާކޮށްފަ އެވެ.

އަދި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ވެސް އަންނަ އަންގާރައާ ހަމައަށް ވަނީ މަނާކޮށްފަ އެވެ.

ސާމްޕަލްތަކެއްގެ ބެކްލޮގަކާއެކު ނަމަވެސް، މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ވަނީ ހާހަކަށް ވުރެ މަތިވެފަ އެވެ.

މިގޮތުން، ބެކްލޮގާއެކު މިއަދު ވެސް ބަލި ޖެހުނު މީހުންގެ އަދަދު ހުރީ 1،007 ގަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 793 މީހުން ހިމެނެ އެވެ.

ކުރިއާ ހިލާފަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ބަލި ފެތުރޭ މިންވަރު ވެސް އިތުރުވެފައިވާއިރު، މިހާރު ވެސް 50 އަށް ވުރެ ގިނަ ރަށް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

މިވަގުތު 260 މީހުން އެ ބަލީގައި އެޑްމިޓުކޮށްފައިވާއިރު ޕޮޒިޓިވިޓީ ރޭޓު މަތިވެ، ކޮވިޑަށް ފަރުވާދޭން ހުރި އެނދުތައް ފުރިގެން މިހާރު ވަނީ އެނދުތައް އިތުރު ވެސް ކޮށްފަ އެވެ.

މި ބައްޔަށް ފަރުވާދެމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހެން ހިދުމަތްތެރިންނަށް ވަނީ ބުރަ ބޮޑުވެފަ އެވެ. އެ މީހުންނަށް ނުތަކާ ވަރަށް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.