Advertisement

ހަރުކަށި ފިކުރުގެ ސަބަބުން ރައްޔިތުން ވަނީ ނުރައްކަލެއްގެ ތެރޭގައި: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ބޮން ހަރުކޮށްފައި ހުރި ސައިކަލް ފުނޑުފުނޑުވެފައި -- ފޮޓޯ: އަދަދު/ހުސައިން ފިޔާޒު މޫސާ


ހަރުކަށި ފިކުރުގެ ސަބަބުން ރައްޔިތުން ވަނީ ނުރައްކަލެއްގެ ތެރޭގައި: މަޖިލިސް

ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ އަމަލުތައް ކުށްވެރިކުރާ ކަމަށާއި މިފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާތީ ކަންބޮޑުވާކަމަށް، ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެ މަނިކުފާނަށް މިހާރު ޖަރުމަނުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

މަޖިލީހުން ނެރުނު ބަޔާން


އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ޒަހަމްތައް އާންމުކުރުމުގެ ކުރިން ނެރުނު މި ބަޔާނުގައި ބުނީ ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއިން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އައި ކަމުގައި ވީނަމަވެސް، އެމަނިކުފާނުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލައިނުދާ ކަމަށެވެ.

"މި ފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފާޅުގައި ވާހަކަ ދައްކަވަމުން ގެންދެވި ނަޝީދަށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ.

އެ ހަމަލާއާ އެކު އެމަނިކުފާނު ބިން މައްޗަށް ވެއްޓިވަޑައިގަތީ ސީރިއަސް ޒަހަމްތަކަކާ އެކުގަ އެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ކްރިޓިކަލް އެވެ. ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެފައި ހުއްޓެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރި އެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ވެސް ސިފައިންނާއި ފުލުހުން ގުޅިގެން އަންނަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު މި ނޫހަށް އެނގިފައިވާ ގޮތުގައި އެއީ އައިއެސް ޖަމާއަތަށް ނިސްބަތްވާ ބައެކެވެ.

ޓެރަރިސްޓު ޖަމާއަތް އައިސިސް އާއި އަލް-ގައިދާ އާއި އަލް-ނުސްރާ ފްރަންޓަށް ނިސްބަތްވާ ދިވެހިން ރާއްޖޭގައި އެ ޖަމާއަތްތަކުގެ ސެލްތަކެއް ހިންގަމުންދާ ކަމަށް މަރުތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.