Advertisement

އައްޑޫން ހައްޔަރުކުރީ އައިސިސްއަށް ނިސްބަތްވާ ބައެއް

15 މޭ 2021 - 16:18 1

އައްޑޫގެ ހިތަދޫގައި އައިސިސްއަށް ތާއީދުކޮށް އިމާރާތެއްގެ ފާރުގައި ލިޔެފައި: ހައްޔަރު ކުރީ އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމުގައި އުޅޭ ބޮޑުންތަކެއް ކަމަށްވޭ -- ފޮޓޯ: ސޯޝަލް މީޑިއާ


އައްޑޫން ހައްޔަރުކުރީ އައިސިސްއަށް ނިސްބަތްވާ ބައެއް

15 މޭ 2021 - 16:18 1

އައްޑޫގައި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހިންގަމުން އަންނަ އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ ޓެރަރިސްޓު ޖަމާއަތް އައިސިސްއަށް ނިސްބަތްވާ ހަތް ދިވެހި ފިރިހެނުންކަން ކަށަވަރުވެއްޖެ އެވެ.

އެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކުރި ކަން ފިޔަވައި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް "އަދަދު" އަށް ޔަގީންވެފައިވާ ގޮތުގައި ހައްޔަރުކޮށްފައި އައްޑޫގައި އިސްކޮށް އުޅޭ، އައިސިސް އަށް ނިސްބަތްވާ ހަތް މީހުންނެވެ.

ހައްޔަރު ކުރި މީހުންގެ މައުލޫމާތު އެނގޭ މީހަކު ނޫހަގައި ނަން ނުޖެހުމަށް އެދި ބުނީ ހައްޔަރު ކުރި އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޓެރަރިސްޓު ޖަމާއަތް އައިސިސް އާއި އަލް-ގައިދާ އާއި އަލް-ނުސްރާ ފްރަންޓަށް ނިސްބަތްވާ ދިވެހިން ރާއްޖޭގައި އެ ޖަމާއަތްތަކުގެ ސެލްތަކެއް ހިންގަމުންދާ ކަމަށް މަރުތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ސެލްތަކުގެ ލީޑަރުންނާއި އެމީހުންނަށް ފައިސާ ހަރަދުކުރާ ބައެއް ފަރާތްތަކުގެ އިތުރުން ޓެރަރިސްޓުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގޮތް ވެސް މަރު ކޮމިޝަނުން އާންމު ކުރި ރިޕޯޓެއްގައި ހާމަކޮށްފައިވެ އެވެ.

ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް އައްޑޫގައި މި ކުރިއަށް ގެންދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ބޮމެއް ގޮއްވާލައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވަނިކޮށެވެ.

ރޭޒަރު ފުއްތަކެއް ލައިގެން ހެދި އައިއީޑީ މި މަހުގެ ހަ ވަނަ ދުވަހު ގޮއްވާލުމުން ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގު ހިނގާފައިފިޔަ ދިވެއްސެއް އަދި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ނަޝީދުގެ ގެކޮޅު ކެނެރީގެ އާއި މަޖީދީމަގާ ދިމާވާ ކަންމަތީގައި ހުރި ސައިކަލެއްގެ ހަރުކޮށްފައި އޮތް ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ ފާރަލައިގެން ބަލަން ހުރެ އެމަނިކުފާނާ ބޮމާ އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު އެވެ.

ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒަރު ފުއް ޑޮކްޓަރުން ނެގި އެވެ. އަދި ހަށިކޮޅުގައި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕުލާސްޓިކު ކޮޅެއް ވެސް ތާށިވެފައި އޮތެވެ.

އިތުރު ފަރުވާއަށް މި ބުރާސްފަތި ދުވަހު ނަޝީދު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފަ އެވެ.

މާލޭގައި ބޮމެއް ގޮއްވާލި ތަހުގީގާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ ކަަމަށެވެ. އަމިއްލަ އަށް ބޮން ހެދުމުގެ ގާބިލްކަން ހުރި އަދި އެފަދަ ތަކެތިން މީހުންނަށް ގެއްލުންދޭން ފަސްނުޖެހޭނެ ދަރަޖައަށް ފިކުރު ގޯސްވެފައިވާ ބަޔަކު މުޖުތަމައުގައި ތިބިކަން އެމްއެންޑީއެފުން ބުނެފައިވެ އެވެ.