Advertisement

އައްޑޫގައި ހިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި

15 މޭ 2021 - 13:16 3

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ސިފައިން މަގުތަކުގައި ހަތިޔާރާ އެކު ހަރަކާތްތެރިވަނީ: އައްޑޫގައި ޓެރަރިޒަމާ ދެކޮޅަށް އަންނަނީ އޮޕަރޭޝަނެއް ހިންގަމުން. -- ފޮޓޯ / އަދަދު


އައްޑޫގައި ހިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި

15 މޭ 2021 - 13:16 3

އައްޑޫގައި ކުރިއަށް ގެންދާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއްގައި މިއަދު ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

"އަދަދު" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫގައި ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ ފުލުހުންނާއި ސިފައިން ގުޅިގެން ކަމަށެވެ. އެ ހަރަކާތުގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.

ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް އައްޑޫގައި މިއަދު މި ކުރިއަށްގެންދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ބޮމެއް ގޮއްވާލައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވަނިކޮށެވެ.

ރޭޒާ ފުއްތަކެއް ލައިގެން ހެދި އައިއީޑީ މި މަހުގެ ހަ ވަނަ ދުވަހު ގޮއްވާލުމުން ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގު ހިނގާފައިފިޔަ ދިވެއްސެއް އަދި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ނަޝީދުގެ ގެކޮޅު ކެނެރީގެ އާއި މަޖީދީމަގާ ދިމާވާ ކަންމަތީގައި ހުރި ސައިކަލެއްގެ ހަރުކޮށްފައި އޮތް ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ ފާރަލައިގެން ބަލަން ހުރެ އެމަނިކުފާނާ ބޮމާ އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު އެވެ.

ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒާ ފުއް ޑޮކްޓަރުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕުލާސްޓިކު ކޮޅެއް ވެސް ހަށިކޮޅުގައި ތާށިވެފައި އޮތެވެ.

އިތުރު ފަރުވާއަށް މި ބުރާސްފަތި ދުވަހު ނަޝީދު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފަ އެވެ.

މާލޭގައި ބޮމެއް ގޮއްވާލި ތަހުގީގާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ ކަަމަށެވެ. އަމިއްލަ އަށް ބޮން ހެދުމުގެ ގާބިލްކަން ހުރި އަދި އެފަދަ ތަކެތިން މީހުންނަށް ގެއްލުންދޭން ފަސްނުޖެހޭނެ ދަރަޖައަށް ފިކުރު ގޯސްވެފައިވާ ބަޔަކު މުޖުތަމައުގައި ތިބިކަން އެމްއެންޑީއެފުން ބުނެފައިވެ އެވެ.