އޯޕަންއޭއައި އޮފީހުގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

Oct 14, 2026, 2:44 PM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ކެލިފޯނިއާގައި ހުންނަ އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ސައުދީ އަރަބިއްޔާގެ ރައްޔިތަކަށް ދައުވާ އުފުލައިފި ކަމަށް އެމެރިކާގެ ފެޑަރަލް ޕްރޮސެކިއުޓަރުން ހާމަކޮށްފި އެވެ.

އޯޕަންއޭއައިގައި އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރި އަބްދުއްރަހްމާން އަލްފައުޒާންގެ މައްޗަށް ފެޑަރަލް ކޯޓުގައި އުފުލާފައިވަނީ، އިލެކްޓްރޯނިކް ނުވަތަ މެކޭނިކަލް އާލާތެއް ބޭނުންކޮށްގެން ސިއްރުން މުއާމަލާތްތައް އަޑުއެހުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ސެން ފްރަންސިސްކޯގައި ހުންނަ އެ ކުންފުނީގެ އޮފީހުގެ ތެރޭގައި ފޮރުވާފައި ހުރި "ޒަމާނީ ރެކޯޑިން ޑިވައިސްއެއް" ފެނުމާ ގުޅިގެން އެކަން އެފްބީއައި އަށް ރިޕޯޓްކޮށްފައިވާ ކަމަށް އޯޕަންއޭއައި އިން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި، އެ ޑިވައިސް ހަރުކުރީ އެތަނުގެ މުވައްޒަފަކުކަން ދެނެގަނެފައިވަނީ ކުންފުނީގެ އަމިއްލަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތައް ބޭނުންކޮށްގެންނެވެ.

Advertisement

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ޓިޝޫ ކަރުދާހުން އޮޅާލާފައިވާ އެ ޑިވައިސް ފެނިފައިވަނީ އެގްޒެކެޓިވް ކޮންފަރެންސް ރޫމެއްގައި ހުރި ޓީވީއެއްގެ ފަހަތުގައި އިން ޔޫއެސްބީ ޕޯޓަކަށް ޖަހާފައި ހުއްޓަ އެވެ.

މަގުބޫލު ޗެޓްބޮޓް "ޗެޓްޖީޕީޓީ" އުފެއްދި އޯޕަންއޭއައި އިން ބުނީ، މި ހާދިސާގައި ކުންފުނީގެ ސޯސް ކޯޑް، މޮޑެލް ވެއިޓްސް ނުވަތަ ކަސްޓަމަރުންގެ އެއްވެސް މައުލޫމާތެއް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ނުވަތަ ވަގަށް ނަގާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މުވައްޒަފު މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހުށަހަޅާފައިވާ މައްސަލައިގައިވާ ގޮތުން އަލްފައުޒާން ވަނީ އޭނާ ވަޒީފާ އަދާކުރާ ކުންފުނީގެ އެގްޒެކެޓިވް ކޮންފަރެންސް ރޫމުގައި ސިއްރު ރެކޯޑިން ޑިވައިސްއެއް ފޮރުވައިގެން، ކުންފުނީގެ ނާޒުކު މުއާމަލާތްތަކެއް ސިއްރުން ރެކޯޑްކުރަން މަސައްކަތް ކޮށްފަ އެވެ.

ޕަޓޭލް ވިދާޅުވި ގޮތުގައި، މި އަމަލުގެ މަގްސަދަކީ ކުންފުނީގެ އޭއައި އުފެއްދުންތަކާ ބެހޭ މައުލޫމާތު ހޯދުމެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އަލްފައުޒާން އޯޕަންއޭއައިގައި އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.

އޯޕަންއޭއައިގެ މުވައްޒަފުންނަށް މި ޑިވައިސް ފެނިފައިވަނީ ސެޕްޓެމްބަރު 30 ގައެވެ. އެއީ ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އެ ޑިވައިސް ހަރުކުރިތާ ދެ ދުވަސް ފަހެވެ. އަދި އެ ޑިވައިސް ހުރީ އެންކްރިޕްޓްކޮށްފައި ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުންޏެވެ.

އޯޕަންއޭއައި އިން ބުނީ، އެ ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން އެ ޑިވައިސްއަކީ ކޮން އެއްޗެއްކަމާއި، އެއީ ކޮންތާކުން އައި އެއްޗެއްކަން ދެނެގަނެވުނު ކަމަށެވެ. އަދި އެއީ މީގެ ދުވަސްކޮޅެއް ކުރިން ވަކި މުވައްޒަފަކު ހަރުކުރި އެއްޗެއްކަން ވެސް އެ މޮޑެލްތަކުގެ އެހީގައި ކަށަވަރު ކުރެވުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފްބީއައި އިން ބުނާ ގޮތުގައި، ތުހުމަތު ކުރެވޭ މީހާ ވަނީ އޯޕަންއޭއައިގެ ތެރޭގައި ހުރި މުހިންމު ތަންތަނާ ބެހޭ މައުލޫމާތާއި، ސިއްރުން އޯޑިއޯ އިކުއިޕްމަންޓް ހަރުކުރާނެ ގޮތް ހޯދުމަށް "ޕްރޮޑަކްޓިވިޓީ ޓޫލް" އެއްގެ އިތުރުން "ޗެޓްބޮޓެއް" ބޭނުންކޮށްގެން ދިރާސާކޮށްފަ އެވެ.

އޭނާ ޗެޓްބޮޓް މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތުތަކުގެ ތެރޭގައި، ޑިވައިސްއެއް ތައްޔާރުކުރުމާއި، އޭގައި ބޭނުންވާ ބަދަލުތައް ގެނައުމާއި، ހަރުކުރުމާއި، އޯޑިއޯ ރެކޯޑްކުރުމާއި، ޓެސްޓްކުރުމާއި، ޑިވައިސް ފޮރުވުމުގެ އިތުރުން ދުރުގައި ހުރެގެން އެ ޑިވައިސް ބޭނުންކުރާނެ ގޮތް ހިމެނޭ ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތު ކުރެ އެވެ.

އަލްފައުޒާން އަންގާރަ ދުވަހު ކޯޓަށް ހާޒިރުކޮށްފައިވާ އިރު، މި ކުށް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން 250,000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox