ރާއްޖެއިން ފެންނަންވީ އިސްލާމްދީނެވެ. އިސްލާމީ ބޯޑުތަކެއް ނޫނެވެ.

މަގާމުތައް ހަވާލުކުރަންވާނީ އެކަމަށް އެކަށީގެންވާ ގާބިލް މީހުންނާ އެވެ.

މަގާމުތައް ހަވާލުކުރަންވާނީ އެކަމަށް އެކަށީގެންވާ ގާބިލް މީހުންނާ އެވެ.

އިސްލާމީ ގައުމަކަށް ކާފަރު ގައުމެއްގެ ބޭކަނބަލަކު ޒިޔާރަތެއް ކުރެއްވި އެވެ. މިކަމަނާގެ ޒިޔާރަތުގެ ތެރެއިން އިސްލާމީ ގައުމުގެ އިއްޒަތްތެރި ބޭފުޅަކާ ސަލާމްކުރެއްވުމަށް އަތްދިއްކުރެއްވި އެވެ. އިސްލާމީ ގައުމުގެ ބޭފުޅާ އެކަމަނާއާ އަތާއަތްޖޯޑުކުރެއްވުމުން މަނާވެވަޑައިގަތެވެ. އެއީ އިސްލާމްދީނުގައި ހަރާންކަމެއްކަމުގައި ބަޔާންކުރައްވަމުންނެވެ. މި މަންޒަރު ބަލަން ހުރި މީހަކު ބުނި ތާރީހީ ބުނުމެއް ލިޔުންތެރިންގެ އަތްއަތްމަތީން ނަގުލުވަމުން މިއަދާ ހަމައަށް އައިސްފައިވެ އެވެ.

އޭނާ ބުނިކަމުގައިވެ އެވެ. "ކަލޭމެން މުސްލިމުންނާ މެދު އަހަރެން އަޖައިބުވެ އަންތަރީސްވަމެވެ. ހިލޭ އަންހެނުންނާ ސަލާމްކުރުމަކީ ހަރާންކަމެއް ކަމުގެ ހުއްޖަތުގައި އެކަމުން މަނާވެގަތުމަކީ ތަގުވާވެރިކަމާއި ދީންވެރިކަންކަމުގައި ކަލޭމެން އެބަހިތަމު އެވެ. ކަލޭމެންގެ ދީނުގައި ވައްކަމާއި ފޭރުމާއި މީސްތަކުންގެ ހައްގުތަކަށް އަރައިގަތުން އެއީވެސް ބޮޑުވެގެންވާ ހަރާން ކަންކަމެވެ. އެކަމަކު އެކަންކަން ކަލޭމެންގެ އިސްލާމީ ގައުމުތަކުގައި ފެތުރި އާންމުވެފައިވަނީ އަޖައިބުވާ ދަރަޖައަށެވެ."

"އަހަރެން ޔޫރަޕުން އިސްލާމްދީން ދުށީމެވެ. އެކަމަކު މުސްލިމުންނެއް ނުދެކެމެވެ. އެނބުރި އަރަބި ކަރައަށް އައުމުން މުސްލިމުން ދުށީމެވެ. އެކަމަކު އިސްލާމްދީނެއް ނުފެނުނެވެ." މިއީ މަޝްހޫރު އިސްލާމީ ފިލޯސަފަރު އަދި އިލްމުވެރިޔާ އިމާމް މުޙައްމަދު ޢަބްދޫގެ ބަސްފުޅެކެވެ. އޭނާ އެ ވިދާޅުވާ އެއްޗަކީ މުސްލިމުން ހަގީގީ އިސްލާމްދީނާ ދުރުހެލިވެފައިވާ މިންވަރެވެ. މުސްލިމުންގެ ގޮތުގައި ތިބެ އިސްލާމްދީން ގެނެސްދިން މަތިވެރި އަހްލާގާއި ރަށްވެހިކަމުގެ އަސާސްތައް އަހަރެމެން ދޫކޮށްލާފައިވާ މިންވަރެވެ. އަދި މުސްލިމުންނަށް ވުރެ ގައިރު މުސްލިމް ގައުމުތައް ކުރިއަރާފައިވާއިރު، އެބައިމީހުންގެ ތަރައްގީއާއި ތަހުޒީބުގެ އަސާސްތަކުގެ ގޮތުގައި ދަމަހައްޓަމުން އަންނަ ކަންކަމަކީ އަހަރެމެންގެ ދީން އަހަރެމެންނަށް މާބޮޑަށް ގޮވާ ބާރުއަޅާފައި ހުރި ކަންކަމުގަ އެވެ.

މުޙައްމަދު ޢަބްދޫއަށް ފެނިވަޑައި އެގަތީ މާކުރީގައި މަޝްހޫރު ޢިލްމުވެރިޔާ އަލްޢައްލާމާ އިބްނު ތައިމިއްޔާ ވިދާޅުވެފައިވާ ބަސްފުޅުގެ ހަގީގަތެވެ. "އަދުލުވެރި ދައުލަތަށް މާތް ﷲ ކާމިޔާބުދެއްވަ އެވެ. އެއީ ކާފަރު ދައުލަތެއް ވިޔަސްމެ އެވެ. އަނިޔާވެރި ދައުލަތަކަށް މާތް ﷲ ކާމިޔާބެއް ނުދެއްވަ އެވެ. އެއީ އިސްލާމީ ދައުލަތަކަށް ވިޔަސްމެ އެވެ."

ދިވެހިރާއްޖެ އިސްލާމްވިތާ އެތައް ސަތޭކަ އަހަރެއް ފާއިތުވެފައިވާއިރު، މިއަންނަ އާދީއްތަ ދުވަހު އަނެއްކާ ވެސް ކުލަގަދަކޮށް ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރާނެ އެވެ. މަށަކީ މުސްލިމެކެވެ. އަދި މި ލިޔުން ކިޔަމުން މިދާ ތިޔަ އިއްޒަތްތެރި ކިޔުންތެރިޔާއަކީވެސް މުސްލިމެކެވެ. އަހަރެމެން ދިވެހިންނަކީ މުސްލިމުންނެވެ. އެކަމަކު އަހަރެމެންގެ ތެރެއިން އަހަރެމެންގެ ދިވެހިރާއްޖެއިން ފެންނަމުންދަނީ އިސްލާމްދީންތޯ މިއީ މިއަހަރުގެ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އަހަރެމެން ކޮންމެ މީހަކު އަމިއްލަ ނަފުސާ ކުރަން ރަނގަޅު ސުވާލެއްކަމުގައި އަހަންނަށް ފެނެ އެވެ.

2022 ވަނަ އަހަރުގެ ރާއްޖޭގެ ބޯހިމެނުން ދައްކާގޮތުން ރާއްޖޭގައި ވަޒީފާއަދާކުރާ ފަންސާސް އެކެއް އިންސައްތައަށްވުރެ ގިނަ މީހުން ތިބީ އެމީހުންގެ ތައުލީމީ ފެންވަރަށް ބަލާއިރު، ވަޒީފާއަދާކުރުމަށް އެމީހުންގެ ގާބިލުކަން ނެތް ވަޒީފާތަކުގަ އެވެ. މިހާރު މިއަހަރު ބަލައިފިއްޔާ މިއަދަދު އެޔަށްވުރެ މާމައްޗަށް އަރާނެކަން ވެސް ގައިމެވެ. ދައުލަތް ކުރިޔަށް ގެންދާން ސަރުކާރެއް ހިންގަން ތިބޭނީ މަގާމުތަކުގައި ތިބި މީހުންނާއި އެމީހުންގެ ދަށަށް ތިބި މުވައްޒަފުންނެވެ. ރާއްޖޭގައި ކިޔަވައިގެން ތިބި މީހުން ނެތީކީ ނޫނެވެ. ވަޒީފާ ބެހުމުގައި ވެސް ކޮރަޕްޝަން ބޮޑީ އެވެ.

އެ ވަޒީފާގައި ތިބި މީހުންގެ މުސާރަ ދީނީ ގޮތުން ހަލާލެއް ނުވާނެ އެވެ. އެޔަކީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އަދި އެ މުސާރަ އެހެން ދީދީ އެއީ ހަމަ އެއްވެސް ކަމެއް ނޫންކަމަށް ދެކެގެން އަހަރެމެންގެ އިސްވެރިން އެތިބޭ ތިބުމަކީ ވެސް ހަމަ ހަރާން ތިބުމެކެވެ. އެ ފާފައަކީ ހަމައެކަނި ފާފައެއް ނޫނެވެ. ރައްޔިތު އެންމެންގެ ހައްގަށް އަރައިގެނެވިގެންދާ އަދި ޤިޔާމަތް ދުވަހު ރައްޔިތު އެންމެންގެ މާފު އެޔަށް ލިބިގެން މެނުވީ ސަލާމަތް ނުވެވޭނެ ދަރަޖައިގެ ދީނީގޮތުން ބޮޑު ކަމެކެވެ.

ރާއްޖޭގެ އިގުތިސާދު އޮތް ހާލަތު އެންމެންނަށް އެނގެ އެވެ. ސަރުކާރަށް ޑޮލަރު މާރުކުރަންޖެހޭ އަދަދު މައްޗަށް ޖެއްސިޔަސް އެކަން ކުރުމަށް ވިޔަފާރިވެރިންގެ ފަހަތުފަހަޔަށް ބުރަވެފައި އެތިބީ ވެސް ސަރުކާރުގެ އަމާނާތްތެރިކަން ސަރުކާރު ހިންގަން ތިބި މީހުންނަށް ސާބިތުކޮށް ނުދެވޭތީ އެވެ. މަގާމުތަކުގައި ތިބި އެތައް ބަޔެއްގެ މައްޗަށް ތުހުމަތުކުރެވުނު އަދި ކުރެވޭ ވައްކަމުގެ އެތައް މައްސަލައެއް އެހެރީ ހުއްޓިފަ އެވެ. އެޔެއް ބެލޭނެ ގޮތެއް ނެތެވެ.

މިއިން އެއްވެސް ކަމަކީ ދީނީ ކަމަކަށް ނުވަނީތޯ އެވެ؟ މިކަންކަން ހައްލުކުރުމަކީ އިސްލާމްދީން ގޮވާ ކަމެއްގެ ގޮތުގައި ނުވިސްނެނީތޯ އެވެ؟ އަދި މިއިން ކަމެއް ހައްލުކުރަން މަސައްކަތްކުރުން އެއީ ދީނަށް ދެވޭ ނަސްރެއްގެ ގޮތުގައި ނުވާނީތޯ އެވެ؟ އަޅުގަނޑު ހަމަ އަޖައިބުވެ އެވެ. މިހުރިހާ ކަމެއް މިހެން ހުއްޓައި، އިސްލާމްދީނަށް ނަސްރުދިނުމަށް އިސްލާމީ ބޯޑުތަކެއް މަގުތަކުގައި ހަރުކުރުން އެއީ މާބޮޑު މުހިންމުކަމަކަށްވީމަ އެވެ. ދަރާ ހުސްވެ ބިކާރީވެފައި އޮތް ބައިތުލް މާލުން އެކަމަށް ހަރަދުކުރާން ގައުމުގެ ވެރިން ނިންމީމަ އެވެ.

މިހާތަނަށް ކަންހިނގާފައިވާ ގޮތަށްބަލާއިރު، ސަރުކާރުގެ އެތައް މުއައްސަސާތަކަކާއި ބޭކާރު މުވައްޒަފުންތައް ތިބިއިރުވެސް، އެއިން ތަނަކާއި ބަޔަކާ މިކަން ބެއްސުމުގެ ބަދަލުގައި، މި މަޝްރޫއު ހިންގާނެކަމަށް ބެލެވެނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެކަން ނިމޭއިރު، އެ ބޯޑުތަކަށް ހަރަދުކުރާން ނުޖެހޭ ވަރަށް ދިވެހި ބައިތުލްމާލުން އެތައް ފައިސާއެއްގެ އިސްރާފު ހަރަދުވެގެންދާނެކަމުގައި ބެލެވެ އެވެ. ދިވެހިން ތިބެންވީ އިސްލާމްދީނަށް ނަސްރުދޭތީ އަތްޖަހަންށެވެ. ދީނުގެ ނަމުގައި ކުރާ ކަމެއް ވީމާ އެކަމަށް އެއްޗެއް ބުނަން ތިބެންވީ ބިރުންނެވެ.

މުސްލިމުން ދުނިޔޭގެ އެހެން ބާރުތައް ޖެހިލުންވާ ފަދަ ބޮޑު ބާރެއްކަމުގައިވެ އިސްލާމީ ތަހުޒީބާއި ތަމައްދުން ދުނިޔެއަށް ތައާރަފުކުރީ ބޯޑު ހަރުކޮށްގެންނެއް ނޫނެވެ. އޭގެ ބަދަލުގައި އަހަރެމެންގެ ކާބަފައިން އެކަން ކުރީ ފުރިހަމަ މާނައިގައި އަދުލުވެރި އިންސާފުވެރި ދައުލަތެއްގެ މިސާލު ދުނިޔެއަށް ދައްކައިދީގެންނެވެ. އުފަން ދަރި ވައްކަންކުރިޔަސް އަތް ކެނޑުމުގެ ހަމަހަމަ އުސޫލު ދުނިޔެއަށް ސާބިތުކޮށްދީގެންނެވެ. އެވާހަކަ ބޯޑެއްގައި ލިޔެގެންނެއް ނޫނެވެ.

މިދަންނަވާ އެއްޗެއްގެ މިސާލެއް ދަންނަވާނަމަވެ. އެންމެ ގިނަ މީހުން ވަޒީފާ އަދާކުރުމަށް ދާ އެއްތަނަކީ ވެލާނާގެ އެވެ. އެގޭގެ ދޮރުކޮޅުމަތީގައްޔާއި، ކައިރި މަގުތަކުގައި ބޯޑުތަކެއް ހަރުކުރެވިދާނެ އެވެ. އެ ބޯޑުތަކުގައި އޮންނަންވީ މާތް ނަބިއްޔާގެ މިދަންނަވާ ހަދީސްފުޅެވެ.

"އަމާނާތްތެރިކަން ގެއްލިގެން ހިނގައްޖެނަމަ ދެން ތިޔަބައިމީހުން ގިޔާމަތް ދުވަހަށް އިންތިޒާރުކުރާށެވެ! ދެންނެވުނެވެ. އެކަން ގެއްލިގެން ދާނީ ކިހިނަކުން ހެއްޔެވެ؟ ހަދީސްކުރެއްވި އެވެ. ކަންކަން އެކަންކަމަށް ގާބިލުނޫން މީހުންނާ ހަވާލުވެއްޖެނަމަ ދެން ގިޔާމަތަށް އިންތިޒާރުކުރާށެވެ!"

މި ބޯޑު ބެހެއްޓީމާ އެންމެންވެސް މި ބޯޑު ކިޔާނެވެ. އެކަމަކު 2022 ވަނަ އަހަރުގެ ބޯ ހިމެނުން ދެއްކި ގޮތަށް ވަޒީފާ އަދާކުރާ މީހުންގެ ފަންސާސް އެއް އިންސައްތަ އެއީ ކަންކަމުގެ އަހުލުވެރިން ކަމުގައި މި ބޯޑު ބެހެއްޓުމަކުން ނުވާނެ އެވެ. އެކަން ކުރެވޭނީ މަގާމަށް ކުފޫ ހަމަ ނޫން މީހުން މަގާމުތަކުން ވަކިކޮށްގެންނެވެ. މަގާމުތައް ހައްގުވާ މީހުންނަށް މަގާމުތައް ދީގެންނެވެ. ބައިތުލްމާލުން ކުރާ އިސްރާފުތައް ހުއްޓާލައިގެންނެވެ.

އިސްލާމްވިތާ ނުވަސަތޭކަ އެތައް އަހަރެއް ވެފައިވާކަމަށް ބުނާ ދިވެހިރާއްޖެއިން ފެންނަންވީ އިސްލާމީ ބޯޑުތަކެއް ނޫނެވެ. އިސްލާމްދީނެވެ. އެދީން ގެނެސްދިން ފުރިހަމަ މަންހަޖެވެ. އެކަން އެހެންވީމާ އެނގޭނެ އެވެ. މީހުންގެ ޝަކުވާ ހުއްޓޭނެ އެވެ. އެންމެންގެ މޫނުމަތީން އުފާވެރިކަން ފެންނާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

Newsletter

Get the latest news delivered straight to your inbox