މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ ހައްގުގެ ފަލްސަފާ ދެނެގަތުން

މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ ހައްގުގެ ފަލްސަފާ ދެނެގަތުން މުހިއްމު

މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ ހައްގުގެ ފަލްސަފާ ދެނެގަތުން މުހިއްމު

'ދައުލަތުގެ އިދާރާއެއް' ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ސިޔާސީ ލީޑަރަކާ ދާދި މިދާދުވަހަކު ޝައުގުވެރި ބަހުސެއް ކޮށްލެވުނެވެ. ހަމަ ދެންމެ ދެންމެ ލަޑާފާނެޔޭ ހީވާވަރަށް ހޫނުވެގެން ދިޔަ އެ ބަހުސްގެ މައުލޫއަކީ މަނާކޮށްފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ފަލްސަފާ އެވެ.

ވީގޮތަކީ، މި ދެންނެވި 'ދައުލަތުގެ އިދާރާ'އިން މާބޮޑު ނިންމުމެއް ނިންމީ އެވެ. 'ދައުލަތުގެ އިދާރާ' އެކޭ މި ދަންނަވަނީ މާލިއްޔަތު ގާނޫނުގައި ދައުލަތުގެ އިދާރާއަށް ދީފައިވާ މާނަކުރުމުގެ ތަރަހައިގެ ތެރޭގަ އެވެ. ކޮންމެޔަކަސް، މިބަޔަކު މި ނިންމުމެއް ނިންމީމާ އަޅުގަނޑު މިވެރިންގެ މައިގަނޑު ގަވާއިދޭ ކިޔައިގެން އުޅޭ ބޮޑު ފޮތް ބަލާލިއިރު، އެކަން ކުރުމުގެ ބާރު އެވެރިންނަށް ލިބޭ ހަމަ އެންމެ މާއްދާއެއް ވެސް އެ ފޮތަކު ނެތެވެ. އަޅުގަނޑަށް މިއީ ބޮޑު ކަމަކަށް ވެއްޖެ އެވެ. ވަގުތުން މި ދެންނެވި ސިޔާސީ ލީޑަރަށް މެސެޖެއް ކޮށްލީމެވެ. އެވެނިމިވެނި ކަމެއް ހިނގާފައި އެއޮތީ ގަވާއިދާ ހިލާފަށެވެ. އެކަމަކު އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފެންނަނަމަ އެކަން ކުރުމަށްޓަކައި އެ ގަވާއިދަށް ބަދަލު ގެނައުމަކީ އޮތް ހައްލެއް ކަމަށް ވެސް ދެންނެވީމެވެ. މާ ލަހެއް ނުވެ ލިބުނު ކުރު ޖަވާބުގައި އިނގިރޭސި ބަހުން އޮތީ 'އަހަރުމެން އެއޮތީ އެހެން ނިންމާފައި' ކަމަށެވެ. ދެން ލަލަލާ އެހެން ނޫންތޯ އެވެ.

އަޅުގަނޑު ނިންމީ އެކަމުގައި ދެން އިތުރަށް އެއްޗެއް ނުދަންނަވާށެވެ. އޭގެ ފަހުން އެހެން ރައްޓެއްސަކާ ބައްދަލުކޮށްލާން އެބޭފުޅާގެ އޮފީހަށް އަޅުގަނޑު ގޮސް އުޅުނު ވަގުތެއްގައި މި ދެންނެވި ބޭފުޅާ ވެސް ހަމަ ކުއްލިއަކަށް އެތަނަށް ވައްޓާލައިފި އެވެ. ވަޑައިގެންފާނޭކަން އަޅުގަނޑަށް ކުރިން މޭރުންވެފައި އޮތްނަމަ އެދުވަހު އެތަނަކަށް ނުދިޔައިމުހެވެ. މި ބޭފުޅަކު ވަޑައިގަތުމާއެކު އެ މަޖިލީހުގައި ތިބި އެންމެން އިހުތިރާމަށް ތެދުވެލައި ފަހަރަކު ބޭފުޅަކު އަރިހަށް ޖެހިވަޑައިގެން މެދުހަށިން ކުޑައިކޮށް ލަންބާލުމާއެކު އެ ބޭފުޅާއާ ސަލާމަށް އަތްދިށްކޮށްލަވަ އެވެ. އަޅުގަނޑު ވެސް ހަމަ އެކަން އެގޮތަށް ނަކަލުކޮށް އެ ބޭފުޅާއާ ސަލާމަށް އަތް ދިށްކޮށްލީމެވެ. ނުހަނު ބޮޑު ހިނިތުންވުމަކާއެކު އަސްތާއޭ ވިދާޅުވެ އަޅުގަނޑާ ސަލާމްކޮށްލެއްވި އެވެ. އަޅުގަނޑުމެންނަށް އެކަކު އަނެކަކު މި ފެނުނީ ޒަމާންގަނޑެއް ކޮށްލާފަ އެވެ. އެ ބޮޑު ހިނިތުންވުމަކީ އެހެންވެގެން ވިދާޅުވި މަރުހަބާއެކޭ ހިތަމެވެ.

Advertisement

އޭގެ ފަހުން އިށީނދެވަޑައިގަންނަވަމުން 'ކީކޭތޯ މަހަފޫޒު.. ގަވާއިދާ ހިލާފޭތޯ.." އޭ ވިދާޅުވެ ފެށްޓެވީ އެއްކަލަ އަޅުގަނޑު ދޫކޮށްލާފައި އޮތް މައުލޫ އެވެ. އަޅުގަނޑަށް ވެސް ޖެހުނީ އަނެއްކާ ވެސް އެ މައުލޫ ނިއުޅުވާލާށެވެ. ދެންނެވީމެވެ. ތިޔަ ކުރެއްވި ކަމެއް ކުރެއްވޭ ގޮތަކަށް ގަވާއިދުން ހުއްދަ ދީފައެއް ނެތެވެ. އެ ބާރު ލިބޭނޭ ގޮތް ގަވާއިދަށް އިތުރުކުރައްވައިގެން ނޫން ގޮތަކަށް ތިޔަކަމެއް ކުރެއްވުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި ގަވާއިދާ ހިލާފު ގޮތެކެވެ. އެހެން ދެންނެވުމާއެކު ކުޑަކޮށް ވިސްނަވާފައި، އާންމުކޮށް އެ ވާހަކަ ދައްކަވާ ޖޯޝުހުރި އަޑުފުޅުން ނިކަން ހަރުކޮށް ވިދާޅުވި އެވެ. 'އެކަން ކަނޑައެޅިގެން މަނާކޮށްފައި އެބައޮތްތޯ ގަވާއިދުގަ؟.. ނެތިއްޔާ ހުއްދަ ވާނެ ނޫންތޯ؟ ބަލަގަ އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި ގާނޫނީ ފަލްސަފާގައި އެންމެ އަސާސީ އެއް ވިސްނުމަކީ ވަކިކަމެއް މަނާކޮށްފައި ނެތިއްޔާ އެކަމެއް ކުރެވޭނެޔޭ. އެއީ ވަރަށް އަސާސީ ވިސްނުމެއް ނޫންތޯ؟ އަޅުގަނޑު ދެން ހީކުރީ މަހަފޫޒު ދެން ކިޔަވައިވިދާޅުވެގެން ވަޑައިގެންނެވީމާ ދެން ތިޔަށްވުރެ ތަންކޮޅެއް ވިސްނުން ރަނގަޅު ވާނެ ކަމަށޭ' ވިދާޅުވެ އަޅުގަނޑު ހާރުވަން ވެސް އުޅުއްވައިފި އެވެ.

އަޅުގަނޑު ދެންނެވީމެވެ. މަނިކުފާނަށް ތިޔަ ފަލްސަފާ ފިލާފައި ތިޔަ އޮތީ މުޅީން ގޯސްކޮށެވެ. އޮތޯރިޓީއަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ކުރެވޭނީ އަސާސީންނާއި އެބައެއްގެ ގަވާއިދުން ކަނޑައެޅިގެން ހުއްދަކުރާ ކަންކަމެވެ. މަނާނުކުރާ ކަމެއް ކުރުމުގެ ހައްގަކީ އާންމުންނަށް އޮތް ހައްގެކެވެ. އެކަމަކު އެމީހުންނާމެދު ކަންކަން ނިންމާ ބާރުވެރި ފަރާތްތަކުން ނިންމާ ކޮންމެ ކަމަކީ ގަވާއިދުން ކަނޑައެޅިގެން ހުއްދަކޮށްފައި އޮތް ކަންކަމަށް ވާންޖެހޭނެ އެވެ.

އަޅުގަނޑު މިހެން ދެންނެވީމާ އެ މަނިކުފާނަށް ވެސް އެކަން ހަމަ ރަނގަޅަށް ވިސްނިވަޑައިގަތްކަން މޫނުފުޅުމަތިން ފެނުނެވެ. އެހެންނަމަވެސް އެ އިންނެވީ އަޅުގަނޑާ ދެބަސްވެވަޑައިގަންނަވާށެވެ. އަމުދުން އަޅުގަނޑު ކަހަލަ ކުޑަކުޑަ މީހަކާ ކުރާ ޒުވާބަކުން ބަލިވެވަޑައިގެން ވެސް ނުވާނެތާ އެވެ. އެހެންވެ ލައްކަ އިރަކު އެގޮތަށް އެ ޒުވާބު ކުރެއްވި އެވެ. އަޅުގަނޑު ވެސް ހަމަ ފަށެއް ވެސް ދޫނުކޮށް އަޅުގަނޑުގެ ގޮތުގައި ހިފަހަށްޓާލީމެވެ. ވަރަށް ހިތްހަމަޖެހުނެވެ. މިކަހަލަ ޒުވާބުތަކުން އަޅުގަނޑަށް ލިބެނީ ކިހައިބޮޑު އުފަލެއްކަން އެނގޭ މީހަކު އަޅުގަނޑާ އެކަހަލަ ޒުވާބެއް ނުވެސް ކުރާނެ އެވެ.

އެ ވާހަކައެއް ދެކެވެމުން ދިޔައިރު ސިކުނޑީގައި ހުޅުވިފައި ހުރި އެހެން ސަފުހާއެއްގައި މުޅީން އެހެން ހިޔާލެއް ހިނގަމުން ދިޔަ އެވެ. 'މަނާ ނުކުރާ ކަންކަން ކުރުމުގެ ހައްގު' މިއީ ގޯސް ގޮތަކަށް މާނަކޮށްފިނަމަ ހައުދަހައި ނުރައްކާތެރި މާއްދާއަކަށް ވެދާނޭކަމުގެ ބިރުވެރި ހިޔާލެވެ.

ގާނޫނުއަސާސީގެ 19 ވަނަ މާއްދާގައި އެއޮތީ ނިކަން ޝައުގުވެރި ވާހަކައެކެވެ. ހަގީގަތުގައި އެ މާއްދާގައި، ސާފު ދިވެހި ބަހަށް ތިރިކޮށްލައިފައި އެއޮތީ އަދާލަތުގެ އިލްމުގައި މަތީ ދަރަޖައިގެ ފަލްސަފީ ވިސްނުމެކެވެ. 

އެ މާއްދާގެ އިބާރާތުގައި އޮންނަނީ "އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ސާފުކޮށް މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެން ވެ އެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކު ވެސް ހުރަސް އަޅައި ހުއްޓުވައިގެނެއް ނުވާނެ އެވެ." މިހެންނެވެ.

މި މާއްދާގެ މަގުސަދާއި މާނަ ދެނެގަތުމަކީ ހަގީގަތުގައި އުނދަގޫ ކަމެއް ނޫނެވެ. މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ ހައްގު، އަސާސީ ހައްގެއްގެ ގޮތުގައި ލިބެނީ ކޮން ބަޔަކަށްކަން އެ މާއްދާގެ އިބާރާތުގައި އެއޮތީ އެވެ. އެއީ ރައްޔިތުންނެވެ. ރައްޔިތަކު ކުރާ ކޮންމެ ކަމަކަށް ދައުލަތުގެ ހުއްދައެއް ބޭނުމެއް ނުވެ އެވެ. ނަމަވެސް، ރައްޔިތަކު ކުރާ ކަމެއް ހިފަހައްޓާން ދައުލަތުން ބޭނުންވާ ނަމަ، އެކަމަށް ގާނޫނީ ބިނާއެއް އޮންނަން ޖެހެ އެވެ. ސާދާ ބަހުން ބުނާނަމަ، މާދަމާ އަހަރެން ރަތް ކުލައިގެ ގަމީހެއް ލާން ނިންމައިފި ނަމަ، އެކަން ކުރުމުގެ ހުއްދަދޭ ގާނޫނީ ހުއްޖަތެއް ހޯދާކަށް ނުޖެހެ އެވެ. އެކަމަކު، އަހަރެން އެ ގަމީސް ލުން ދައުލަތުން މަނާކުރަން ބޭނުންވާ ނަމަ، އެކަން ކުރުމުގެ ގާނޫނީ ބާރު ދައުލަތަށް ލިބިދޭން ޖެހެ އެވެ.

އެ މާއްދާއިން ކަށަވަރުކޮށްދޭ މިނިވަންކަމަކީ އެއީ އެވެ.

މިހައި ސާފުކޮށް އޮތް މައްސަލައެއް ނަމަވެސް، 19 ވަނަ މާއްދާއާ ގުޅުވައި، މިކަލަކަށް އައިސް އައު މާނަކުރުމެއް އުފެދެމުން އެބަދާ ކަމަށް ފެނެ އެވެ. މި މާނަކުރުމުގެ ދަށުން، ގާނޫނުއަސާސީއެއްގައި، ގާނޫނެއްގައި، ގަވާއިދެއްގައި ނުވަތަ އެނޫންވެސް، ހިންގާ ލިޔުމެއްގައި ކަމެއް ސާފުކޮށް މަނާކޮށްފައި ނެތް ނަމަ، އެކަމެއް ކުރުމުގެ އިހުތިޔާރު އޮންނާނޭ ކަމަށް ކަމަށް ބައެއް ބޭފުޅުން އެބަ ދެކެވަޑައިގަންނަވަ އެވެ. މިގޮތަށް މި މާއްދާ މާނަކުރީމާ ނުކުންނަނީ ހައުދަހައި ނުރައްކާތެރި ނަތީޖާ ތަކެކެވެ.

މިސާލަކަށް، ގާނޫނުއަސާސީން މީހަކަށް ނުވަތަ ބަޔަކަށް ވަކި މަގާމެއް ފުރުމަށް ދީފައި އޮތީ ފަސް އަހަރުގެ ދައުރެއް ކަމަށް ބަލަމާ ހިނގާށެވެ. އެ ފަސް އަހަރު ހަމަވުމުން، ދައުރު އިތުރުކުރުމުގެ ބާރު އެބަޔަކަށް އޮތްތޯ ނުވަތަ ނެތްތޯއާމެދު ގާނޫނުއަސާސީގައި ވަކި އެއްޗެއް ބުނެފައި ނެތީ އެވެ. ކުރިން މި ދެންނެވި ގޮތަށް އެއްކަލަ ފަލްސަފާ މާނަކުރީމާ، 'ނުކުރެވޭނޭ ކަމަށް ބުނެފައި ނެތީތީ' އެ މުއްދަތު އިތުރުކުރުމުގެ ހުއްދަ ވެސް ލިބުނީ އެވެ.

މި އުސޫލު އެހެން ކަންކަމަށް ވެސް ފެއްތިދާނެ އެވެ. މިސާލަކަށް ލައިސަންސް ދޫކުރުމުގެ ބާރު ގާނޫނަކުން ވަކި އިދާރާއަކަށް ދީފައިވާއިރު، ޕާސްޕޯޓް ދޫކުރުން ސާފުކޮށް މަނާކޮށްފައި ނެތް ނަމަ، ފަހަރުގައި ޕާސްޕޯޓް ދޫކުރުމަކީވެސް އެ އިދާރާގެ ބާރެއް ކަމަށް ބެލިދާނެ އެވެ. އަދި އިންތިހާބީ މަގާމެއްގެ ދައުރު ކަނޑައެޅިފައި އޮތަސް، މުއްދަތެއް ނެތް ގޮތަށް އެ މަގާމުގައި ދެމިނުހުރެވޭނެ ކަމަށް ސާފުކޮށް ބުނެފައި ނެތް ނަމަ، ފަހަރުގައި އިންތިހާބު ބޭއްވުމަކީވެސް އިހުތިޔާރީ ކަމަކަށް ވެދާނެ އެވެ.

މި މާނަކުރުމުގައި ހުރި މައްސަލަތައް ފާހަގަވަނީ މި ހިސާބުންނެވެ. ގާނޫނުއަސާސީގެ 19 ވަނަ މާއްދާއަކީ ހަގީގަތުގައި ރައްޔިތުންގެ މިނިވަންކަމާ ގުޅޭ މާއްދާއެކެވެ. އެއީ މުއައްސަސާތަކަށް ބާރުތައް އުފައްދައިދޭ މާއްދާއެއް ނޫނެވެ. ރައްޔިތަކު ކަމެއް ކުރުން މަނާކޮށްފައިވޭތޯ ސުވާލުކުރުމާއި، ދުސްތޫރީ ނުވަތަ ގާނޫނީ ބާރުތަކެއް ބޭނުންކުރާ ފަރާތަކަށް ކަމެއް ކުރުމުގެ ހުއްދަ އޮތްތޯ ސުވާލުކުރުމާ ދެމެދު އަސާސީ ތަފާތެއް ވެ އެވެ. އެ މާއްދާއިން ކުރާ ކަމަކީ އެ ފަލްސަފާ ބުނެދިނުމެވެ.

ރައްޔިތަކަށް ހައްގު ގޮތުގައި ކުރެވިދާނެ ސުވާލަކީ؛

"މިކަން އަހަންނަށް ނުކުރެވޭނެ ކަމަށް އޮތީ ކޮން ގާނޫނެއްގައި ހެއްޔެވެ؟"

ނަމަވެސް، ވަކި ބާރެއް ބޭނުންކުރާ މުއައްސަސާއަކުން ޖަވާބުދާރީވާން ޖެހޭނީ މި ސުވާލަށެވެ؛

"މިކަން ކުރުމުގެ ހުއްދަ ތިޔަ މުއައްސަސާއަށް އޮތް ކަމަށް ގާނޫނުގައި އޮތީ ކޮންތާކު ހެއްޔެވެ؟"

މި ދެ ސުވާލު އޮޅުވާލައިގެން ނުވާނެ އެވެ. އޮޅުވާލައިފިނަމަ 19 ވަނަ މާއްދާއަކީ ފަރުދީ މިނިވަންކަން ހިމާޔަތްކޮށްދޭ މާއްދާއެއްގެ ބަދަލުގައި، މުޅިން ތަފާތު އެއްޗަކަށް ވެގެންދާނެ އެވެ. އަދި އެއީ މުއްސަސާއަކަށް ލިބިދޭ ބާރުގެ ތެރޭގައި ހުންނަ ހުސްތަންތަން ފޫބެއްދުމަށް ބޭނުންކުރާ، ފަސޭހަ ދުސްތޫރީ ވަސީލަތަކަށް ވެގެން ހިނގައިދާނެ އެވެ.

ކޮންމެޔަކަސް އަޅުގަނޑުމެންގެ ބަހުސް ނިމުނީ އަޑުގަދަ މީހާ ރުށްގިނަވެގެންނެވެ. އަޅުގަނޑު ބަލިވީ އެވެ. އަޅުގަނޑުގެ ކޮޅުގައި އޮތީ ގާނޫނުއަސާސީއާއި، 19 ވަނަ މާއްދާގައި އެ ބަޔާންކުރާ ދުސްތޫރީ ފަލްސަފާ އެވެ. އެ ލީޑަރުގެ ކޮޅުގައި ތިއްބެވީ ވިދާޅުބަސްފުޅަށް އާނހޫނ ވިދާޅުވާނޭ ވަރަށް ބައިވަރު ކުދި ލީޑަރުންނެވެ. އެހެންވީމާ، ގާނޫނީ ބަހުސެއްގެ ނަތީޖާ ބުރަވީ ރުށްގިނަ ކޮޅަށެވެ. އަޅުގަނޑަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އޭގެ ފަހުން ދެން އަޅުގަނޑަށް ދައުވަތު ދެއްވީ މެންދުރުގެ ކެއުމަށެވެ. އޭ.. ދެން އަޅުގަނޑުމެންނާއެކީ ކޭންބައްލަވައިގެން ނޫނީ ވަޑައިގެން ނުވާނެޔޭ ވިދާޅުވެ އަޅުގަނޑު ގޮވައިގެން ގޮސް ނިކަން ރަނގަޅަށް ކާންދީ ބޯންދީ ހެއްދެވި އެވެ. އެ ސުފުރާގައި އިނދެގެން، ހުރި އެއްޗެއް ކައިގެން އަދި ދެއްވީމާ ދެއްވި އެއްޗެއް ބޮއިގެން، ހަމްދުކުރަމުން އަޅުގަނޑު އެތަނުން ނުކުމެގެން ދިޔައީ އެވެ. 

ފަހުގެ ޚަބަރު

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox