ޚަލީފާ އަބޫބަކުރުގެފާނުގެ ފަތްކޮޅެއް އުމަރުގެފާނު އިރާލެއްވި ހާދިސާ

އާޔަތްތަކާއި ހަދީސް ބަސްފުޅުތަކުގެ މަގުސަދުތަކާއި ސަބަބުތަކަށް ރިއާޔަތްކުރުމަކީ މުސްލިމުންގެ މަތިވެރި ސަހާބީންގެ މަންހަޖެކެވެ.

އާޔަތްތަކާއި ހަދީސް ބަސްފުޅުތަކުގެ މަގުސަދުތަކާއި ސަބަބުތަކަށް ރިއާޔަތްކުރުމަކީ މުސްލިމުންގެ މަތިވެރި ސަހާބީންގެ މަންހަޖެކެވެ.

މިވާހަކައަކީ ވެސް އިސްލާމީ ހުކުމްތައް ނެގުމުގައި ތިމާގެ ބުއްދި ބޭނުންކުރަންޖެހޭ ކަމަށް އޮތް ދަލީލެކެވެ. އާޔަތްތަކާއި ހަދީސް ބަސްފުޅުތަކުގެ ބޭރުފުށުގެ މާނައެކޭ އެއްގޮތަށް އޭގައި އެކުލެވިގެންވާ މަގުސަދުތަކާއި ސަބަބުތަކަށް ރިއާޔަތްކުރުމަކީ މުސްލިމުންގެ މަތިވެރި ސަހާބީންގެ މަންހަޖެއްކަން އެނގޭ ދަލީލެކެވެ. އަދި ހަމަ އެހެންމެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އިސްލާމީ ދައުލަތެއްގައި އޮންނަ މިންވަރާއި ގޮތާއި ނުފޫޒާއި ބާރުވެރި ފަރާތްތަކުން އިސްލާހީ މަސައްކަތުގައި ޝާމިލްވެގެން މެނުވީ ހަގީގީ ނަތީޖާއެއް ނުނެރެވޭނެކަމާއި މީހުން ފާޅުކުރާ ހިޔާލު ވެރިން ބަލައިގަތުމުގެ ނަމޫނާ ވެސް ފެނިގެންދާ އަސަރުގަދަ މަންޒަރެކެވެ.

ކީރިތި ޤުރުއާނުގައި ޒަކާތު މުދަލުން ބައިއެޅޭ މީހުންގެ ކެޓަގަރީތައް ބަޔާންކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ކެޓަގަރީއަކީ، އެބައެއްގެ ހިތްރުއްސުމަށް ޒަކާތު މުދަލުން ދެވޭ މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ؛ ކާފަރުންގެ ތެރެއިން އިސްލާމްވެދާނެކަމުގެ އުންމީދު އޮންނަ މީހުންނާއި، މުސްލިމުންނަށް އެބަޔެއްގެ ދުއްތުރާ ޖެހިދާނެ ކަލަ ކާފަރުންނާއި އީމާންކަން ބަލިކަށި މުސްލިމުންނެވެ.

މިކަމުން ހާސިލުކުރެވޭ މަގުސަދަކީ ކާފަރުންގެ ބައެއް ބޮޑުން މުސްލިމުންނާ ރަހުމަތްތެރިކަން އުފެއްދުމުގެ ތެރެއިން އެބައިމީހުންނާއި އެބައިމީހުންގެ ދަށުގައިތިބޭ މީހުންނަށް ހިދާޔަތުގެ މަގު ހޯދައިދިނުމެވެ. އޭރު އެޒަމާނުގެ ކަންކަންހުރި ގޮތުން ގަބީލާއެއްގައި ހުރި އާދައިގެ މީހަކު އިސްލާމްވިޔަސް އޭނާގެ ބޮޑެތީން އިސްލާމްދީނަށް ނަފުރަތުކުރާނަމަ، އޭނާގެ އިސްލާމްކަން ފާޅުކުރުމަކީ އޭނާއަށް ލިބިއޮންނަ މިނިވަންކަމަކަށް ނުވެ އެވެ.

Advertisement

އަނެއްކޮޅުން އެބައެއްގެ ނުބައިކަން އިންތިހާއަށްބޮޑެތި ކާފަރުންނާ ރަހުމަތްތެރިކަމެއް އުފެއްދުމުން ކޮންމެހެން ލިބެންނުޖެހޭ ދުއްތުރާތަކާއި އުނދަގޫތަކުން މުސްލިމުން ސަލާމަތްވެ އެވެ. އަދި އީމާންކަން ބަލިކަށި މުސްލިމުންނަށް ޒަކާތުން ބައިއެޅުމުން، އިސްލާމީ އުންމަތުގައި އެބައިމީހުން ހަރުދަނާވުމަށް ކޮންމެވެސް ބާވަތެއްގެ ދުނިޔަވީ ހިތްވަރަކަށް އެކަންވެ އެވެ. އެކިއިންސާނުންނަކީ ތަފާތު ބަޔެކެވެ. އިސްލާމްދީނަކީ އިންސާނީ ތަބީއަތާއި ގަރީޒާތައް އެއްކައިރިކުރާ ދީނެއް ނޫނެވެ.

މާތް ސަހާބީ ޞަފްވާން ބިން އުމައްޔާ އަކީ މާތް ނަބިއްޔާއަށް ކާފަރުކަމުގައި ނުހަނު ރުޅިއަރާ މީހެކެވެ. އޭނާގެ ބައްޕަ މަރުވީވެސް ބަދުރުހަނގުރާމައިގައި މުސްލިމުންނާ ހަނގުރާމަކޮށެވެ. ޞަފްވާން ބިން އުމައްޔާއަށް ސަތޭކަ ޖަމަލާއި އެނޫންވެސް ތަކެތި މާތް ނަބިއްޔާ ގަނީމާ މުދަލުގެ ތެރެއިން ދެއްވީ ކާފަރެއްގެ ގޮތުގައި ހުއްޓަ އެވެ. އަދި ޞަފްވާން ރިވާކުރައްވާ ގޮތުގައި، އިސްލާމްވުމަށްފަހުވެސް އެގޮތަށް މާތް ނަބިއްޔާ ޒަކާތާއި ގަނީމާ މުދަލުން އެކަލޭގެފާނަށް ދެއްވި އެވެ. މާތް ނަބިއްޔާއަށްވުރެ އިތުރަށް ލޯބިވާ އެހެން އިންސާނަކު ނެތުމަށްދާންދެން އެކަން ހިނގިކަމަށް ޞަފްވާން ވިދާޅުވެފައިވެ އެވެ. ފަހުން ޞަފްވާންއަކީ ރަނގަޅު މުސްލިމެއްކަމުގައިވެ ޖިހާދުކުރައްވައި އިސްލާމްދީނަށް އެތައް ނަސްރެއް ހޯއްދަވައިދެއްވި އެވެ.

މިބާވަތުން މާތް ނަބިއްޔާ ޒަކާތާއި ގަނީމާ މުދަލުގެ ހިއްޖެއްސުމަށް ދެވޭ ކެޓަގަރީއިން މުދަލުން ބައެއް ދެއްވި ބޭކަލުންގެ ތެރޭގައި އަބޫ ސުފްޔާން ބިން ޙަރްބްއާއި އެކަލޭގެފާނުގެ ދެ ދަރިކަލުން ޔަޒީދު އަދި މުޢާވިޔާގެފާނުވެސް ހިމެނިވަޑައިގަތެވެ. މިއީ ފަހުން އިސްލާމީ އުންމަތް ފަހުރުވެރިވާ ފަދަ އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ލީޑަރުންކަމުގައި ވެވަޑައިގަތް ސަހާބީންނެވެ.

ހަމަ މިގޮތަށް ޙަކީމް ބިން ޙިޒާމްއާއި އަބޫޖަހުލުގެ ބޭބެ އަލްޙާރިޘް ބިން ހިޝާމްއާއި އަދި ސުހައިލް ބުން ޢަމްރު އާއި އަލްއަޤްރަޢު ބިން ޙާބިސް އާއި ޢުޔައިނާ ބިން ޙިޞްނު ފަދަ ބޭކަލުންނަށްވެސް ހިތްރުއްސުމަށް ދެވޭ ބައިން މާތް ނަބިއްޔާ ބައިއަޅުއްވާފައިވެ އެވެ.

މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމަށްފަހު، އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި، މީގެ ތެރެއިން ޢުޔައިނާ ބިން ޙިޞްނާއި އަލްޢަޤްރަޢު ބިން ޙާބިސްއާ ދެބޭކަލުން އަބޫބަކުރުގެފާނުގެ އަރިހަށް އެއްދުވަހަކު އައިސް، ހިތްރުއްސުމުގެ ބައިން ދެވޭ ބައިގެ ތެރެއިން ބިމެއް ދެއްވުމަށް އެދިވަޑައިގަތެވެ. ދެން އަބޫބަކުރުގެފާނު ފަތްކޮޅެއް ލިޔުއްވާފައި ދެއްވުމުން އެކަމަށް ހެކިކުރުމަށް މީގެ ދެކަލުން އުމަރުގެފާނުގެ އަރިހަށް ދިޔަ އެވެ.

އުމަރުގެފާނު އެފަތްކޮޅު ބައްލަވާފައި އެފަތްކޮޅު އިރާލެއްވި އެވެ. އަދި އެކަލޭގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ތިޔަބައިމީހުންގެ ހިތްރުއްސުމަށް އެފަދައިން ދެއްވިއިރު، އިސްލާމްދީންވަނީ ނިކަމެތި ހާލެއްގަ އެވެ. މިހާރު ހަމަޔަގީނުން މާތް ﷲ ވަނީ އިސްލާމްދީން އިއްޒަތްތެރިކުރައްވާފަ އެވެ. ފަހެ ނިކަން ގޮސް މިކަންވޭތޯ އުޅެބަލާށެވެ! މާތް ﷲ ކަލޭމެންނަށް މިކަމުގައި ކުރިއެރުމެއް ނުދައްވާނެ އެވެ.

ދެން މީގެ ދެކަލުން ރުޅިއަރައިގެން އަބޫބަކުރުގެފާނުގެ އަރިހަށް ގޮސް ދެންނެވި އެވެ. "ޚަލީފާއަކީ ކަލޭގެފާނުހެއްޔެވެ؟ ނުވަތަ އުމަރުގެފާނުހެއްޔެވެ؟" ދެން އަބޫބަކުރުގެފާނު އުމަރުގެފާނުގެ ރައުޔަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، އައު ފަތްކޮޅެއް ލިޔެއެއް ނުދެއްވި އެވެ.

މާތް ނަބިއްޔާ ސުވަރުގެވަޑައިގަތުމަށްފަހު ޒަކާތާއި ގަނީމާގެ މުދަލުން ހިތްރުއްސުމަށް ދެވޭ ބަޔާ ބެހޭގޮތުން އިސްލާމީ ފިޤުހުވެރިންގެ މެދުގައި އޮތް ޚިލާފު އުފަންވެގެން އަންނަ އެއް ހާދިސާއަކީވެސްމި އެވެ. ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި އުމަރުގެފާނުގެ މިހާދިސާއިން ދަލީލު ލިބޭ ގޮތުގައި، އެކަމަކީ މާތް ނަބިއްޔާއަށްފަހު އޮތްކަމެއް ނޫނެވެ. އެޔާ އިދިކޮޅަށް ވިދާޅުވާ ބޭކަލުން ވިދާޅުވަނީ އެ ހުކުމް އަދިވެސް ދެމިއެބައޮތްކަމަށެވެ. އެކަމަށް މުސްލިމުންގެ ބޭނުންތެރިކަމާއި މަސްލަހަތު އުފަންވެއްޖެނަމަ، އެކަން އަދިވެސްކުރަންވީ އެވެ. އެއީ ސަބަބާ ގުޅިފައިވާ ހުކުމެކެވެ. އުމަރުގެފާނު އެހެން ހެއްދެވީ އެހިނދަށް އެސަބަބު ނެތުމުންނެވެ.

ފަހުޒަމާނުގެ ބައެއް އިލްމުވެރިން މި މައުލޫގައި ދެއްވާފައިވާ ފަތުވާތަކަށް ބަލާއިރު، ކާފަރުންކުރެ ހުނަރުވެރި އިލްމުވެރި މީހުންގެ ތެރެއިން އިސްލާމްވެދާނެކަމުގެ އުންމީދު އޮންނަ މީހުންނަށާއި، އިސްލާމީ ދައުލަތްތަކާ އެއްކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ވަކިކަމެއް ހާސިލުކުރުމަށް ގިނަ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ހާލަތުގައި ކާފަރު އެހެން ގައުމުތަކަށާއި، އަދި އަލަށް އިސްލާމްވާ މުސްލިމުންނަށް ހިތްރުއްސުމަށްދެވޭ ބައިން ދިނުމަކީ ހުއްދަވެގެންވާނެ ކަމެކެވެ.

އިސްލާމީ ފިގުހުގެ ވަރަށް ގިނަ ހުކުމްތައް ހުރީ ސަބަބާއި މަގުސަދާ ގުޅިފަ އެވެ. އާޔަތްތަކާއި ހަދީސްތަކުގެ އެތެރޭގެ މާނަޔާއި މަގުސަދަކީ މުސްލިމުންގެ ކާބަފައިން އިހުމާލުކޮށްލި އެއްޗެއް ނޫނެވެ. އުމަރުގެފާނުގެ ދެންނެވުނު ހާދިސާގައި އަބޫބަކުރުގެފާނު އެކަމަށް ރުހިވަޑައިގަތުން މިކަމުގެ ހެއްކަކަށް ފުދެ އެވެ. މިއީ ޤުރުއާނުގައި ކަނޑައެޅި ބަޔާންވެފައި އޮތް އާޔަތެއްގެ ތަފްސީރު އެބޭކަލުން ނަންގަވައި އަމަލުކުރެއްވި ގޮތެވެ.

ދެން އޮތީ މިހާދިސާއިން ފެންނަ ސިޔާސީ ފިލާވަޅުތަކެވެ. އަބޫބަކުރުގެފާނު ހަލީފާކަމަށް ގެނައުމުގައި އަދި އެކަމަށް އިސްވެ ބައިއަތު ހިފުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ އުމަރުގެފާނެވެ. ވަރަށް ގިނަ އެހެން ސަހާބީން އެކަމާމެދު ވަމުންދިޔަ ދެބަސްވުމާއި އަރާރުން ހުއްޓާލީވެސް އެއީ އުމަރުގެފާނު އިސްނަންގަވައި ކުރެއްވި ކަމަކަށްވާތީ އެވެ. އެއީ މާތް ނަބިއްޔާގެ ދުވަސްވަރާއި އޭގެ ފަހަށް އިސްލާމީ އުންމަތުގެ ބޮޑުންގެ މެދުގައި އޮތް އުމަރުގެފާނުގެ ހައިސިއްޔަތާއި ހައިބަތުގެ ސަބަބުން އެކަލޭގެފާނަށް ލިބި އޮތް އޮތޯރިޓީ އެވެ.

އެފަދަ އޮތޯރިޓީއާއި ހައިބަތާއި ނުފޫޒުހުރި މީހުން އިސްލާހަށް މަސައްކަތްކުރުން ލާޒިމްކަމުގެ ދަލީލަކަށް މިހާދިސާ ފުދެ އެވެ. ވެރިޔަކަށް ހުންނަ މީހާއާ އިދިކޮޅު ހިޔާލުފާޅުކުރުމުގައި މުޖުތަމައުގައި ތިބޭ ހަރުދަނާ ހައިބަތުހުރި ނުފޫޒުގަދަ މީހުން އުޅުމަކީ އިސްލާހީ މަސައްކަތުގެ އެންމެ އިފެކްޓިވް އެންމެ އެދެވޭ ގޮތްކަން މިކަމުން އަންގައިދެ އެވެ. އެކަންކުރީ އާދައިގެ މީހަކު ނަމަ، އެކަމަކީ ކިތަންމެ ބޮޑު ފިތުނައެއް ވެސް އުފެދިގެން ހިނގައިދާނެ ކަމެކެވެ. އެހެންވީމާ އިސްލާހަށް މަސައްކަތްކުރާ މީހަކީ، އެފަދަ ގާބިލުކަން ހުރި މީހަކަށްވުމަކީ ވެސް އިސްލާހީ މަސައްކަތުގައި ކޮންމެހެން ބޭނުންތެރިކަމެއްކަން މިކަމުން އެނގެ އެވެ.

އަނެއްކޮޅުން އަބޫބަކުރުގެފާނު އެދެއްކެވީ ރަނގަޅު ހިޔާލު ކޮންމެ ބާވަތަކުން ފާޅުކުރިޔަސް އެއީ ރަނގަޅު ހިޔާލެއްނަމަ، އެކަމަށް ވެރިން ރުހެންޖެހޭ ގޮތުގެ ނަމޫނާ އެވެ. އެއްކަލަ ދެބޭކަލުން އަބޫބަކުރުގެފާނުގެ 'އީގޯ' އަށް ފޮނުވާލި ހަމަލާއިން އެކަލޭގެފާނަށް ޒަހަމެއް ނުލިބުނެވެ. މިހާރު މީހުން ހަދާހެން، ތިޔަ އަދި ރަނގަޅުކަމެއް ވިޔަސް ތިޔަކަމަށް ގޮތް ކަނޑައަޅަންވާނީ، ތިމަންމަނިކުފާނުތާއޭ ވެރިޔަކީ ތިމަންމަނިކުފާނޭ ހިތްޕުޅަކަށް ނާރަ އެވެ. އެކަމުން އަބޫބަކުރުގެފާނުގެ މަތިވެރިކަން ވަކިދަށެއް ވެސް ނުވި އެވެ. ވީ އިތުރުނޫންތޯ އެވެ.

ފަހުގެ ޚަބަރު

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

ރަސްމާލެ މަޝްރޫއު: ލީޑަރެއްގެ ނުފޫޒަށްވުރެ ގައުމު ބޮޑު

ރަސްމާލެ މަޝްރޫއަކީ ސިޔާސީ ފިކުރުތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، މިކަމުގައި ސިޔާސީ ލީޑަރުންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ވިސްނަންޖެހެއެވެ. ނަމަވެސް މި މަޝްރޫއުގެ އެއްބަސްވުންތައް ސިއްރުކޮށްފައިވުމާއި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން، މިއީ ދައުލަތުގެ ހަޒާނާއަށް ބޮޑު ގެއްލުމެއް ލިބިދާނެ "ސްކޭމެއް" ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

މަޔޮއްޓޭގެ ބާ މިސްކިތް ބިނާކުރީ ދިވެހިންތަ؟

މަޔޮއްޓޭގައި ހުރި ތާރީޚީ ތަންގޯނީ މިސްކިތަކީ ދިވެހިރާއްޖޭގެ ހިރިގަލުގެ ބިނާވެއްޓާއި ގަލުވަޑާމުގެ ފަންނިއްޔާތާ ވަރަށް ބޮޑަށް އެއްގޮތް ސިފަތަކެއް އެކުލެވޭ ބިނާއެކެވެ. މި މިސްކިތް ބިނާކުރުމުގައި ބޭނުންކޮށްފައިވާ އުވަދެވުމާއި ހިރިގާ ކަނޑައިގެން ރޭނުމުގެ އުކުޅުތަކުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް މަސައްކަތްތެރިކަމުގެ ގުޅުން ހާމަވެއެވެ.

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox