ގަތަރުގެ އެންމެ ބޮޑު ގޭސް ޕްލާންޓުގައި ބާރުގަދަ ގޮވުމެއް: 13 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

Jun 23, 2026, 4:36 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ގަތަރުގެ އެންމެ ބޮޑު ގޭސް ފެސިލިޓީގައި ހިނގި ބާރުގަދަ ގޮވުމެއްގައި 13 މީހުން މަރުވެ، 66 މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.

ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި، ރަސް ލައްފާން އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެ ގައުމުގެ މައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ޕްލާންޓުގައި މި "ޓެކްނިކަލް އެކްސިޑެންޓް" ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. 

ގަތަރުގެ އެނާޖީ މިނިސްޓަރު ސާދު ޝެރީދާ އަލް ކާބީ ވިދާޅުވީ، މި ހާދިސާގެ ސަބަބުން އެ ގައުމުން ބޭރުކުރާ ގޭހުގެ އެކްސްޕޯޓަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ. އަދި މިއީ ހަމަލާއެއް ނުވަތަ ގަސްދުގައި ދީފައިވާ ގެއްލުމެއް ނޫން ކަމަށާއި، މިއީ ހިނގި އެކްސިޑެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސް ލައްފާން ބަނދަރަކީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓް ފެސިލިޓީ އެވެ. މި އަހަރުގެ ކުރީކޮޅު އީރާނުން ދިން ހަމަލާތަކެއް މި ސަރަހައްދަށް އަމާޒުވި އެވެ.

އާދީއްތަ ދުވަހު ހިނގި މި ގޮވުމުގެ ލޮޅުން ގަތަރުގެ ވެރިރަށް ދޯހާއާ ހަމައަށް އިހުސާސް ކުރެވުނު އިރު، ގޭސް ޕްލާންޓާ 70 ކިލޯމީޓަރު ދުރުގައި ދިރިއުޅޭ މީހުންގެ ގޭގޭގެ ކުޑަދޮރުތަކަށް ވެސް އޭގެ އަސަރުކޮށް، އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.

ޝެރީދާ އަލް ކާބީ އިތުރަށް ވިދާޅުވީ، ބަރްޒާން ލޯކަލް ގޭސް ސަޕްލައި ފެސިލިޓީގައި މި ގޮވުން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ ފެސިލިޓީގެ މަސައްކަތްތައް އަލުން ފެށޭނެ ދުވަހެއް ބުނަން ދަތި ކަމަށް އެނާޖީ މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މިހާރު ތަހުގީގެއް ފަށާފައިވާއިރު، މި ގޮވުމުގައި މަރުވި އެންމެންނަކީ އިންޑިއާ އާއި ޕާކިސްތާނަށް ނިސްބަތްވާ މީހުންކަން މިނިސްޓަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ދޯހާގައި ހުންނަ އިންޑިއާ އެމްބަސީން ބުނީ ގަތަރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެބްރޮންގައި ގެދޮރު ތަޅާލުމުން އާއިލާތައް ހާލުގައި ޖެހިއްޖެ

އިސްރާއީލު ސިފައިން ހެބްރޮންގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ގެދޮރާއި ވިޔަފާރިތައް ސުންނާފަތިކޮށް، އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނަކީ ފަލަސްތީނުގެ ދެ މީހަކު ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށްވާއިރު، މީގެ ސަބަބުން 2،000 އަށްވުރެ ގިނަ މީހުންގެ އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޔޫރަޕްގެ ސިޓީތަކުގައި މުޒާހަރާ، ފްރާންސުން 1000 މީހުން ހައްޔަރު

ފްރާންސްގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ކުރިއަށްދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 1،000 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް 70،000 ފުލުހުން ނެރެފައިވާއިރު، ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ވެސް ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ.

ގެތައް ބިމާހަމަކޮށް ފަލަސްތީނު މީހުން ހެބްރޮންއިން ބޭރުކުރަނީ

އިސްރާއީލުގެ ދެ ސިފައިން މަރާލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، ހެބްރޮން ސިޓީގެ މަގުތަކާއި ގެދޮރު ބިމާހަމަކޮށް އެތައް ސަތޭކަ އާއިލާއެއް ވަނީ މަގުމަތިކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 2،000 އެއްހާ މީހުން ގެދޮރުން ބޭރުކޮށް، ސިޓީ ބަންދުކޮށް އާންމު ރައްޔިތުންގެ ދަތުރުފަތުރާއި އަސާސީ ހިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ.

އުރުދުންގެ ފައްޅިއެއްގައި ބަޑި ޖަހައި ހަތް މީހުން މަރާލައިފި

އުރުދުންގެ ކަރަކްގައި ހުންނަ ފައްޅިއެއްގައި ބޭއްވި ޖަނާޒާއަކަށް ބަޑީގެ ހަމަލާތަކެއްދީ ހަތް މީހުން މަރާލައި 40 މީހުން ޒަހަމްކޮށްލައިފިއެވެ. މި ހަމަލާ ދިން މީހުން ހޯދުމުގެ ތަހުގީގު ސަރުކާރުން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ ގައުމުގައި ތިން ދުވަހުގެ ގައުމީ ހިތާމަ ވަނީ އިއުލާންކޮށްފައެވެ.

ހަނދުގައި މަރުކަޒެއް ގާއިމްކުރުމުގެ މަސައްކަތް އަވަސްކުރަނީ

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަނދަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި އެތަނުގައި މަރުކަޒެއް ގާއިމުކުރުމަށް ނާސާއިން ކުރާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައެވެ. މިގޮތުން 2028 ވަނަ އަހަރު ހަނދަށް މީހުން ބޭލުމަށް "އާޓެމިސް 4" މިޝަން ތާވަލުކޮށްފައިވާއިރު، ޗައިނާއާ އޮތް ވާދަވެރިކަމުގެ ސަބަބުން އިދާރީ ހުރަސްތައް ނައްތާލައި ސްޕޭސް އެކްސް ފަދަ އަމިއްލަ ކުންފުނިތަކާއެކު މަސައްކަތްތައް ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

ހިޓްލަރުގެ ހާއްސަ އިމާރާތެއްގައި ރޯކޮށްލައިފި

ޖަރުމަނުގެ ކުރީގެ ޑިކްޓޭޓަރު އެޑޮލްފް ހިޓްލަރަށް ހާއްސަކޮށް ބިނާކޮށްފައިވާ "އީގަލްސް ނެސްޓް" އިމާރާތުގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި 33 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އަލިފާން ނިއްވުމަށް ހުރަސްތަކެއް ކުރިމަތިވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ހައްޔަރުކުރި މީހާގެ ނަފްސާނީ މައްސަލައެއް ހުރިތޯ އާއި ސިޔާސީ މަގްސަދެއް އޮތްތޯ ފުލުހުން ދަނީ ބަލަމުންނެވެ.

ދެ ކުދިން ސަލާމަތް ކުރަން އުޅުނު މަޔަކު ގެނބިގެން މަރުވެއްޖެ

ފުލުހުން ބުނި ގޮތުގައި، އިނގިރޭސިވިލާތުގެ ނޮޓިންހަމްޝަޔާގެ ސްޓޭޕަލްފޯޑަށް ނިސްބަތްވާ ކަމަށް ބެލެވޭ އެ އަންހެން މީހާ، އޭނާގެ ފިރިމީހާ އާއި ދެ ފިރިހެން ދަރިންނާއެކު އެ ރަށުގެ ދެކުނު ފަރާތުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، ބާރު އޮއިގަނޑެއްގައި ޖެހި ދެ ކުދިން ބަހައިގެން ދިޔައީ އެވެ.

Newsletter

Get the latest news delivered straight to your inbox