ޕާކިސްތާނު ކަޝްމީރުގައި މުޒާހަރާ ހޫނުވެ 15 މީހުން މަރުވެއްޖެ

Jun 11, 2026, 10:22 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުގައި އެތައް ހާސް ބަޔަކު ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުންނާ ހިނގި ކުރިމަތިލުންތަކުގައި 15 މީހުން މަރުވެއްޖެ އެވެ. 

މަރުވި މީހުންގެ ތެރޭގައި އާންމުންގެ 11 މީހަކާއި ސަލާމަތީ ބާރުތަކުގެ ހަތަރު އޮފިސަރަކު ހިމެނެ އެވެ.

މި މުޒާހަރާތައް ފެށުނީ، ކުރިއަށް އޮތް އިންތިޚާބުގައި ރެފިއުޖީންނަށް ޚާއްސަކޮށްފައިވާ 12 ގޮނޑިއަކާ ދެކޮޅަށް އަޑުއުފުލުމަށް، އެކްޓިވިސްޓް ގްރޫޕްތައް ހިމެނޭ އިއްތިހާދެއް ކަމަށްވާ ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ (ޖޭއޭއޭސީ) އިން، އެ ސަރަހައްދުގެ ވެރިރަށް މުޒައްފަރްއާބާދަށް ހިނގާލުމެއް ބޭއްވުމަށް ގޮވާލުމާ ގުޅިގެންނެވެ.

މި ގޮވާލުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ވަނީ އެ ޖަމާއަތަކީ ދައުލަތާ ދެކޮޅު ބައެއް ކަމަށް ތުހުމަތުކޮށް، އެ ޖަމާއަތް މަނާކޮށްފަ އެވެ. އަދި އެ ޖަމާއަތުގެ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް، ސަރުކާރުގެ މި ނިންމުމާއެކު ވެސް އެތައް ހާސް ބަޔަކު ވަނީ އެ ހިނގާލުމުގައި ބައިވެރިވެފަ އެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފަ އެވެ.

ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، 10،000 އަށް ވުރެ ގިނަ މީހުން ހިމެނޭ މުޒާހަރާގެ ބޮޑު ގާފިލާއެއް މިހާރު އޮތީ ރާވަލްކޮޓް ސިޓީއާ ހަތަރު ކިލޯމީޓަރު ބޭރުގަ އެވެ.

ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުގެ ޕޫންޗް ޑިސްޓްރިކްޓް ކޮމިޝަނަރު ސަރުދާރު ވަހީދު ޚާން ވިދާޅުވީ، އެ ސަރަހައްދުގެ އަމަންއަމާންކަން ބެލެހެއްޓުމަށް ސަލާމަތީ ބާރުތަކުން ފޯރިމަރަމުންދާ ކަމަށާއި، އާންމުން ގޭގައި ތިބުމަށް އަންގާފައިވާ ކަމަށެވެ.

އަދި މުޒާހަރާގެ ބައިވެރިންގެ ގާފިލާ ރާވަލްކޮޓް ތެރެއިން ލާފައި މުޒައްފަރްއާބާދަށް ދިއުމުގެ ހުއްދަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީބީސީ އުރުދޫގެ ރިޕޯޓަރުން ބުނާ ގޮތުގައި، އެ ސަރަހައްދުގެ މިސްކިތްތަކުން ވެސް ދަނީ އާންމުން ބޭރަށް ނުނިކުތުމަށް ގޮވާލައި އިޢުލާންތައް ކުރަމުންނެވެ.

މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 50 މީހުންނަށް އަނިޔާވެފައިވާއިރު، މަރުވި މީހުންގެ އަދަދު މިއަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ބެލެވެ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޓަނެޓް ކަނޑާލުމާއި، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމާއި، ބާރުގެ ބޭނުންކޮށްގެން މީހުން މެރުން ފަދަ ކަންކަން ހިމެނޭ ގޮތަށް މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ހިންގާ "އަނިޔާވެރި އަދި ފުޅާ އޮޕަރޭޝަނުގެ" ސަބަބުން، އެ ސަރަހައްދުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބިރުގަންނަ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ނަމަވެސް، މި ހަމަނުޖެހުންތަކާ އެކު ވެސް މުޒައްފަރްއާބާދަށް ކުރާ ހިނގާލުން ދަނީ ކުރިއަށެވެ. އަދި ޖޭއޭއޭސީން ވަނީ އާންމު ހަޅުތާލަކަށް ވެސް ގޮވާލާފަ އެވެ. މީގެ ސަބަބުން މުޅި ސިޓީއަށް ވަނީ ހަމަހިމޭންކަން ވެރިވެފަ އެވެ. މަގުތައް އޮތީ ހުސްކޮށެވެ. ވިޔަފާރިތައް ބަންދުކޮށްފައިވާއިރު، ފުލުހުން ދަނީ މަގުތަކުގައި ފޯރިމަރަމުންނެވެ.

ވިޔަފާރިތައް ބަންދުކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމެއް ނުވަތަ ޖޭއޭއޭސީގެ ހަޅުތާލަށް ތާއީދުކުރުމުގެ ގޮތުން ކަމެއް ސާފެއް ނުވެ އެވެ.

މި މައްސަލައިގެ އަސްލަކީ، އަންނަ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ސަރަހައްދުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި، ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުން ބޭރުގައި ދިރިއުޅޭ ކަޝްމީރުގެ ރެފިއުޖީންނަށް 12 ގޮނޑި ޚާއްސަކުރުމެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް އެ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ޖޭއޭއޭސީން ގޮވާލަމުންދަނީ އެ 12 ގޮނޑި އުވާލުމަށެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ގޮނޑިތަކަކީ ވެސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިތަކަކަށް ވާންޖެހޭނެ އެވެ.

ނަމަވެސް، ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކަމާބެހޭ އިދާރާތަކުން ވަނީ ޖޫން މަހުގެ 5 ވަނަ ދުވަހު އެ ޖަމާއަތް މަނާކޮށްފަ އެވެ. އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަރުކާރުން ތުހުމަތު ކުރަނީ އެ ޖަމާއަތުން "ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވާ" ކަމަށާއި، އެމީހުންގެ އަމަލުތައް ހުރީ "ދައުލަތުގެ ސަލާމަތާއި އަމަންއަމާންކަމަށް ގެއްލުންވާ ފަދަ ގޮތަކަށް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox