ސިޓީބިޓީ: ރައީސް މުއިއްޒުގެ "އިހުލާސްތެރިކަމުގެ" މީޒާން

Mar 10, 2026, 3:53 AM
ރައީސް މުހައްމަދު މުއިއްޒު

ރައީސް މުހައްމަދު މުއިއްޒު

ސިޔާސީ މައިދާނުގައި ލީޑަރެއްގެ އެންމެ ބޮޑު ސިފައަކީ ބަހާއި އަމަލު ދިމާވުމެވެ. ނަމަވެސް، ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދެއްކެވި ވާހަކަތަކާއި، ވެރިކަމަށް ވަޑައިގެންނެވި ފަހުން ފެންނަ ހަގީގަތްތަކާ ދެމެދު އޮތީ އުޑާއި ބިމުގެ ފަރަގެކެވެ.

ޕީއެންސީގެ މެންބަރުންގެ ތެރެއިން "މައްސަލަ ޖެހިގެން ގޭގައި ތިބި މީހުން" ނުކުމެ ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ގޮވައިލެއްވި އިރު، އެ މަނިކުފާނުގެ އަމަލުތަކުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

މުއިއްޒު ވެރިކަމަށް ގެނައުމުގެ މައިބަދައަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނެވެ. ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު، ޕީޕީއެމްގެ ދައުރު ކަނޑުވާލައި، އެ ޕާޓީގެ އިސް ސަފު އެއްފަރާތްކޮށް، އަދި ޕާޓީ ވެސް އުވާލައި، ޕީއެންސީ "މުށުތެރެއަށް" ލެއްވީއެވެ. މިއީ ސިޔާސީ ގޮތުން އެކުގައި މަސައްކަތްކުރި މީހުންނަށް ދިން ދޯކާއެކެވެ.

މުއިއްޒުގެ ސިޔާސީ ހަޔާތަށް ބަލާއިރު ފެންނަ އޮތީ ގޮނޑި ބޮލަށް ލައްވައިގެން އުޅުއްވި ތަނެވެ. ސިޔާސީ މަސައްކަތްތައް އަދާލަތު ޕާޓީން ފެއްޓެވި މުއިއްޒު ކުރިޔަށް ދެމިގަތީ، 2012 ފެބްރުއަރީ ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ބަދަލުކޮށް، އަލަށް އުފެދުނު މުހައްމަދު ވަހީދުގެ ސަރުކާރާއެކު އެވެ. އެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނެވީ އަދާލަތުގެ ޖާގައެއްގެ ގޮތުގަ އެވެ.

ނަމަވެސް 2018 ވަނަ އަހަރު ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމާއެކު ހައުސިން މިނިސްޓަރުކަން ދިފާއު ކުރެއްވުމަށް އަދާލަތު ޕާޓީން ވަކިވެ، އެމްޑީއޭއާ ގުޅިވަޑައިގަތެވެ. އަދި އެއަށް ފަހު އެ ދައުރުގެ ތެރޭގައި ޕީޕީއެމް އަށް ވެސް ބަދަލުވެވަޑައިގަތެވެ. ޕީޕީއެމްއިން ޕީއެންސީ އަށް ބަދަލުވީ ރިޔާސީ ޓިކެޓުގެ އެދުމުގަ އެވެ.

މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައްޔިތުންގެ މަޖިލީހު ރައީސް އަބްދުއްރަހީމްގެ ހިކުމަތާއި ހުޝިޔާރުކަމުން ކަމަށް ޝައްކެއް ނެތެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ކޮނޑާއިކޮނޑި ޖެހިގެން ހުންނެވި ނަމަވެސް، މި ސަރުކާރުގައި އަބްދުއްރަހީމަށް ވަރުގަދަކޮށް ހުންނެވުނީ ދުވަސްކޮޅަކަށެވެ. މުޅި ޕާޓީގެ ކޮންޓްރޯލް މަޑުމަޑު ނެންގެވުމަށް ފަހު އަބްދުއްރަހީމް އެކަހެރި ކުރެއްވި އެވެ.

މިއަދު އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި "ބައިންދާފައެވެ". ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކުގައި އެމަނިކުފާނުގެ ނުފޫޒު ކަނޑުވާލައި، ފިޔަކޮށާލާފައިވާކަން ސާފެވެ. ޕީއެންސީގެ ރައީސްގެ ގޮތުގައި ހުންނެވިޔަސް، ބާރެއް ނެތެވެ. ޕާޓީގެ ހަރަކާތްތަކުން ނުފެނެ އެވެ.

މި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކެމްޕޭން ފެށުނު ހިސާބުން ފެށިގެން މިއަދާހަމައަށް ފެންނަނީ ރައީސްގެ ދެމަފިރިކަނބަލުންގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވާ ތަނެވެ. މެންދުރު ފަހު މުއިއްޒު ދޮރުން ދޮރަށް ހިންގެވުމަށް ފަހު، ރޭގަނޑު ސާޖިދާ މުހައްމަދު އުޅުއްވަނީ ކެމްޕޭނު ޖަގަހަތައް ހުޅުއްވުމުގަ އެވެ.

މި ހަގީގަތްތައް މިހެން ހުރިއިރު، "މައްސަލަ ޖެހިފައި ތިބި މީހުންނަށް" ދައުވަތު ދެއްވުމަކީ ހަމައެކަނި ސިޔާސީ އޮޅުވައިލުމެކެވެ. އިހުލާސްތެރިކަމެއް ހުރި ނަމަ، އެންމެ ފުރަތަމަ އިންސާފުވެރިވާން ޖެހޭނީ އަމިއްލަ ޕާޓީއަށާއި، ވެރިކަމަށް ގެނައި މީހުންނަށެވެ. އެ މީހުންނަށް ދިން ދެރަ ފެންނަން އޮތްއިރު، އަލަށް ގުޅޭނެ ބަޔަކަށް އޮތީ ކޮން އިތުބާރެއް ހެއްޔެވެ؟

ރައީސްގެ ބަހާއި އަމަލު ދިމާނުވާހާ ހިނދަކު، މިފަދަ ގޮވައިލުންތަކަކީ ހަމައެކަނި "ސިޔާސީ ސްޓަންޓް" ތަކެއްގެ ގޮތުގައި ތާރީހު ހެކިވާނެއެވެ.

އިހުތިރާމާއެކު

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެންބަރެއް

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސްއާ ނުލައި ވެސް ރަސްމާލެއިން ދާއިމީ ނަފާ ހޯދިދާނެ

ރަސްމާލެ ޓޫރިޒަމަށް އީގަލް ހިލްސްއަށް ދޫކޮށްލައިގެން ނުވާނެ. އޭގެ ބަދަލުގައި، ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮންނަ "ރަސްމާލެ ހިއްސާ" ކުންފުނިން ބިމުގެ ކޮންޓްރޯލް ހިފަހައްޓައި، ދައުލަތް އެންމެ ލޯނެއް ވެސް ނުނަގައި، ވަޒީފާތަކަށް އަމާޒުކޮށް އަމިއްލަ ހަރަދު އަމިއްލައަށް ބަލަހައްޓާ ދިރުންހުރި ސިޓީއެއް ބިނާކުރަންވީ.

ރައްޔިތުންގެ 'އިހުތިރާމު އަތުލުމުގެ' މަޝްރޫއު

ރާއްޖޭގައި އަހުލާގާއި އިހުތިރާމު ކުރުމުގެ ސިފަ އާލާކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ ފަސް އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފަ. މި ކެމްޕޭނަކީ ދުނިޔޭގެ ބައެއް ޑިކްޓޭޓަރުން ރައްޔިތުންގެ އަހުލާގު ބައްޓަންކުރަން ހިންގި ފަދަ ހަރަކާތްތަކާ އެއްގޮތް ކަމެއް.

ފުށިދިއްގަރު ފަޅާއި ދިވެހިންގެ ހައްގު

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް "ރަސްމާލެ" މަޝްރޫޢު ފަށާފައިވާއިރު، މިއީ ދިވެހިންގެ މިލްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް، ދިވެހިން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިއްބާ ބިދޭސީން ރަށްވެހިކުރުމަށް މި މަޝްރޫޢު ބަޔަކާ ހަވާލުކުރުމަކީ ދިވެހިންގެ ޙައްޤުތަކަށް އުނިކަން އަންނާނެ، ޤައުމީ ސަލާމަތަށް އޮތް ބިރެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސިޔާސީ ނިންމުމެއް 99 އަހަރުގެ ގާނޫނީ އިލްތިޒާމަކަށް

ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު ހުސްނުވާ 99 އަހަރަށް ސޮއިކުރާއިރު މިއީ އާދައިގެ ސިޔާސީ ނިންމުމަކަށްވުރެ މާ ބޮޑު ގާނޫނީ އިލްތިޒާމެކެވެ. މި އެއްބަސްވުމުގެ ދަށުން އުފެދޭނޭ ގާނޫނީ އިލްތިޒާމުތައް ނިމުމަކަށް ގެނައުމުގައި ހުރި ގާނޫނީ ގޮންޖެހުންތަކަށް މި ލިޔުމުގައި ވާހަކަ ދައްކަ އެވެ.

ޝަރުތުތަކާއެކު ބްލީޗުން ދަތްއުނގުޅުން ހުއްދަކުރުން

ރަސްމާލެ ޕްރޮޖެކްޓް ޒަޔަނިސްޓުންނާ ގުޅުން އޮތް ބަޔަކަށް އެމީހުން ވަޒަންވެރިވުމުގެ ފުރުސަތު އޮތް ގޮތަކަށް ޝަރުތުތަކަކާއެކު ދިނުން ހުއްދަވާނެކަމަށް ނެރެގެން އުޅޭ ފަތުވާއަކީ ގެއްލުން ނުވުމުގެ ޝަރުތުތަކާއެކު ލައްފިލުވާލައިގެން ދަތް އުނގުޅުން ހުއްދަވާނެކަމަށް ބުނުން ފަދަ ސޮހޮލު ވަކާލާތެކެވެ.

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox