ގާނޫނީ ހަމަތަކުން ވެރިކަން ކުރުމުގެ ނިޔަތެއް މުއިއްޒުގެ ނެތް: ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ގާނޫނީ ހަމަތަކުގެ މަތީން ވެރިކަން ކުރުމުގެ ނިޔަތެއް ރައީސް މުހައްމަދު މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އާއި ޝަމްހީދު އަކީ ސުކޫލް ދައުރުން ފެށިގެން ދެ އެކުވެރިންނެވެ. އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނެވިއިރު އެ ދެ ބޭފުޅުން އެއްގެއެއްގައި އުޅުއްވި އެވެ. ވިލާ ގްރޫޕުގައި މުއިއްޒު މަސައްކަތް ކުރެއްވީ ޝަމްހީދުގެ ދަށުންނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އެ ދެ ބޭފުޅުން ކެބިނެޓުގައި ހިމެނިވަޑައިގެންނެވި އެވެ.

އަދަދު ނޫހުން ރޭ ގެނެސްދިން "އެތެރެފުށް" ޕްރޮގްރާމުގައި ޝަމްހީދު ވިދާޅުވީ މިހާރު ފެންނަމުން ދަނީ "ކުރީގެ މުއިއްޒުއެއް" ނޫން ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ މުއިއްޒުގެ މައްޗަށް ކުރެވޭ ހިޔާނާތާއި ވައްކަމާއި ދޮގު ހެދުމުގެ ތުހުމަތުގެ މައްޗަށެވެ. އަދި ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ދައުލަތުގެ ބާރުތައް މުށުތެރެއަށް ލުމަށް ކުރައްވާ މަސައްކަތަށެވެ.

އެގޮތަށް އަމަލު ކުރައްވަނީ ގާނޫނީ ހަމަތަކުގެ މަތީން ވެރިކަން ކުރުމުގެ ނިޔަތް މުއިއްޒުގެ ކިބައިން ގެއްލިފައިވާތީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"ގާނޫނީ ހަމަތަކުގެ މަތިން ވެރިކަން ކުރުމުގެ ވިސްނުން ގެންގުޅޭ މީހާއެއް ބާރުތަކެއް ބޭނުމެއް ނުވާނެ. އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ވެރިކަން ވެސް ނިމޭނެ. ހަމަ މި ފަސް އަހަރު ނުވަތަ ތިން އަހަރު ނިމުނީމަ ނިމުނީއެއް ނޫންތޯ. އެހެެންވީމަ ފުރަތަމަ ދުވަހު ތިމާގެ ނިޔަތަކީ ގާނޫނު އޮތްތާނގައި ބާއްވާފައި ވެސް ތިމާގެ ފަސް އަހަރު ނުވަތަ 10 އަހަރު ވެރިކަން ދަމަހައްޓަން ކަމަށް ވާނަމަ، ހުރިހާ ބާރެއް، ނުވަތަ ހުރިހާ ފަރާތެއް މުށުދަށު ލާނެ،" ޝަމްހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރާއި ޝަރުއީ ނިޒާމުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ޝަމްހީދު ފާހަގަ ކުރެއްވި އެވެ. އަދި ވައުދު ނުފުއްދި މަތި މައްޗަށް ވައުދުވުމުން ދާއިރު، ހަދަމުންދާ ދޮގުތައް ރައްޔިތުންނަށް އެނގޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެފަދައިން އެމަލުކުރަނީ ސަރުކާރުގެ ބާރު އޮތުމުން "ހުރިހާ ކަމެއް ވެސް ވާނެއޭ" ހިތަށް އަރާތީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަންދޫބުންނެއް މިހާރު ނެތް

ރައްޔިތުންގެ މަޖިލީހުގެ ބާރު މުއިއްޒު ނެންގެވުމަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލަކީ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔުމެވެ. އެކަމަށް ހާއްސަ ގާނޫނެއް ހަދަންޖެހެ އެވެ.

މިހާތަނަށް އެ ގާނޫނު ވުޖޫދު ނުކުރިޔަސް، ގާނޫނު އަސާސީގައި އެގޮތަށް ލިޔުނީ މަޖިލީހުގެ ގާނޫނީ ބާރު އަތުލުމުގެ ނިޔަތުގައި ކަމަށާއި އެ ބަދަލު ދެމި އޮތްހާ ހިނދަކު "ރައްޔިތުންގެ މަންދޫބުންނެއް" ނެތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"ގާނޫނުއަސާސީއަށް އެ ގެނެވުނު ބަދަލު ދެމިއޮތްހާ ހިނދަކު ރައްޔިތުންގެ މަންދޫބުންނެއް ނޫން ފުރިހަމަ މާނައިގައި ތިބީއަކީ. އެހެންވީމާ ހިނގާނީ ރައީސުލްޖުމްހޫރިއްޔާގެ ބާރު،" އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީ އަށް ގެނައި އެ ބަދަލު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލޭނެ ކަމަށް އެ ކޯޓުން ނިންމުމާއެކު، ހަތް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަޒުމިރާލްދާ ޒާހިރުގެ މައްސަލައެއް އޭސީސީ ލައްވައި އުފައްދައި، އެ ފަނޑިޔާރުން ސަސްޕެންޑު ކުރި އެވެ.

އޭސީސީން ބަލަން ފެށި މައްސަލައިގެ ކުރިއެރުމެއް ނެތެވެ.

ނަމަވެސް އެ މައްސަލައިގެ މައްޗަށް ބިނާކޮށް ފުރަތަމަ ސަސްޕެންޑު ކުރުމަށް ފަހު، ފަހުން ސުލޫކީ މައްސަލަތަކެއް ބަލައި ފަނޑިޔާރުން ވަކިކުރި އެވެ. ނަމަވެސް މަގާމުން ވަކިކުރުމުގެ ކުރިން ސުއޫދު އިސްތިއުފާ ދެއްވި އެވެ.

އޭނާ އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓަށް މުއިއްޒު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމު ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށް އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ.

މާލިއްޔަތު ކޮމިޓީގެ ދައުރު އަދާ ނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަޅުއެޅުވުމާއެކު، މަޖިލީހުގެ އެންމެ މުހިންމު ކޮމިޓީކަމުގައިވާ މާލިއްޔަތު ކޮމިޓީ ވެސް ޕެރަލައިޒު ވެފައިވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެ ކޮމިޓީގައި ކުރިން ސަރުކާރުގެ މައްސަލަތައް ބަލަން ފެށިކަމަށާއި ނަމަވެސް މިހާރު އެފަދަ ހުރިހާ މައްސަލައެއް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުގެ ކުންފުނިތަކުގައި ހިންގާފައި ހުރި ހުރިހާ ޕްރޮކިއުމެންޓެއްގެ ހުރިހާ ޑޮކިއުމެންޓެއް ވެސް މާލިއްޔަތު ކޮމިޓީއަށް ގެނައި. އެކަމަކު އެ ގެނައިތަނާ ވީގޮތެއް ނޭނގޭ. އިތުރަށް ކުރިޔަށް ނުގެންދޭ. އެހެންވީމަ ކޮންމެވެސް ހިސާބަކުން އެ ހުރިހާ މައްސަލައެއް ބެލުން ހުއްޓުވާލާ. އެހެންވީމަ ހަގީގަތުގައި އަޅުގަނޑުމެންނަށް މިއަދަކު ނޭނގެ. އާންމު ރައްޔިތެކޭ އަޅުގަނޑުމެންނެކޭ ތަފާތެއް ނެތް. ސޯޝަލް މީޑިއާއިން ފެންނަ އެއްޗެއް ފެންނަނީ،" ޝަމްހީދު ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތަށް ފާރަވެރިވެ، ވާނުވާ ބެލުމުގެ ގާނޫނީ ޒިންމާ އޮތް ކޮމިޓީއެއް ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކަމެއް ކޮމިޓީން ނުކުރާ ކަމަށާއި އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކޭނެތޯ ނުވަތަ ނޫންތޯ ބަލައިލަން ވެސް ކޮމިޓީން އަދި މަޖިލީހުން ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅިވި އެވެ.

މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ވެރިކަން ކުރާ ޕީއެންސީއަށް އޮތްއިރު، ރައްޔިތުންނާ ގުޅޭ މުހިއްމު މައްސަލަތައް ވެސް ކުރިއަށް ގެންދަން ޕީއެންސީގެ މެންބަރުން ވޯޓެއް ނުދެއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox