މޯދީގެ ދަތުރުގައި އެމްޑީޕީގެ ލީޑަރުންނާ ބައްދަލު ކުރައްވާނެކަމުގެ އިޝާރާތެއް އިންޑިއާއިން ދީފި

Jul 23, 2025, 4:34 AM
މޯދީގެ ދަތުރުގައި އެމްޑީޕީގެ ލީޑަރުންނާ ބައްދަލު ކުރައްވާނެކަމުގެ އިޝާރާތެއް އިންޑިއާއިން ދީފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ލީޑަރުންނާ ބައްދަލު ކުރައްވާނެކަމުގެ އިޝާރާތެއް އިންޑިއާ ސަރުކާރުން ދީފި އެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަން ބާއްވަ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހެވެ. އެމަނިކުފާނު ރާއްޖެއިން ފުރާވަޑައިގަންނަވާނީ ހޮނިހިރު ދުވަހެވެ.

ބޮޑުވަޒީރުގެ ދަތުރުގައި ރާއްޖޭގެ އިދިކޮޅު ލީޑަރުންނާ ބައްދަލު ކުރައްވާނެތޯ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން، ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ވިދާޅުވީ، މޯދީގެ ދަތުރުގައި ބައްދަލު ކުރައްވާނެ ބޭފުޅުން ހަމަޖައްސަމުންގެންދާ ކަމަށެވެ.

Advertisement

ރާއްޖޭގެ އިދިކޮޅު ލީޑަރުންނާ ބައްދަލު ނުކުރައްވާނެ ކަމަކަށް މިސްރީ ވިދާޅެއް ނުވެ އެވެ. އަދަދު އަށް އެނގިފައިވާ ގޮތުގައި މޯދީގެ ދަތުރުގައި އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވަކިވަކިން ބައްދަލު ކުރައްވާނެ އެވެ.

މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ ވެގެންދާނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ހެޑް އޮފް ސްޓޭޓްއަށެވެ.

އޭގެ އިތުރުން، މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެ އެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާއިރު ދެ ގައުމުގެ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.

އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ނަމުގައި ކުރެއްވެވި ކެމްޕެއިނަކަށް ފަހު އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ޗައިނާއާއެކު ވަރަށް ގުޅުން ބަދަހި ކުރެއްވި އެވެ.

ޖެނުއަރީ 13، 2024، ގައި ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު ހުޅުލޭގައި ހުންނަވައި، އިންޑިއާގެ ނަން ވިދާޅުވުނުވެ ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ.

"ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.

އިންޑިއާއިން ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައި، ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުނު ކަމަށް ވެސް ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަންކަމަކަށް ޗައިނާއަކުންނެއް އެއްވެސްވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގައި، ދާދިފަހަކާ ޖެހެންދެން ފެނުނީ، މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ، އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައިވެސް އިށީނދެވެނީ، ވަކި ބައެއްގެ ހުއްދަ ހޯދައިގެންކަން،" ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖެއިން ފަހުން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ރައީސް މުއިއްޒުއަށް މަޖުބޫރުވެވަޑައިގަތީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުންނެވެ. އޭގެ ފަހުން އިންޑިއާއިން ވަނީ ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ރޯލްއޯވާކޮށްދީ، 800 މިލިއަން ޑޮލަރުގެ އަގު ހުރި ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީފަ އެވެ.

ގުޅުން ނޯމަލައިޒް ކުރުމުގެ މުގާބިލުގައި ރާއްޖެއިން އެއްބަސްވީ އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރުމަށާއި ލ. އަތޮޅުގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް އެޅުމުގެ މަސައްކަތް އިންޑިއާއަށް ދިނުމަށާއި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށެވެ.

އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ ނަމުގައި ތައްޔާރު ކުރި، ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ އެއްބަސްވުމެއްގައި ވެސް ރާއްޖެއިން ސޮއި ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox