ފްލެޓު ކޮމިޓީން ލަފާ ދީފައި އޮތީ މިދިޔަ ސަރުކާރުގެ ފައިނަލް ލިސްޓު ބާތިލުކޮށް، ގެދޮރުވެރިޔާ ސްކީމަށް އަލުން ހުޅުވައިލަން

ދަރުބާރުގޭގައި ގާއިމު ކޮށްފައިވާ ހައުސިން އަދި އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ ވަގުތީ އޮފީހަށް މީހަކު ވަންނަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ދަރުބާރުގޭގައި ގާއިމު ކޮށްފައިވާ ހައުސިން އަދި އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ ވަގުތީ އޮފީހަށް މީހަކު ވަންނަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިއުލާނުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން ކަނޑައަޅާފައިވާ ގޮތް ބެލުމަށް މި ސަރުކާރުން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީން ލަފާ ދީފައި އޮތީ މިދިޔަ ސަރުކާރުގެ ފައިނަލް ލިސްޓު ބާތިލުކޮށް ސްކީމަށް އަލުން ހުޅުވައިލަންކަން އެނގިއްޖެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުށަހެޅި ފޯމުތައް އިވެލުއޭޓު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔަ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ މަގުސަދަކީ ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ކުރިއަށް ގެންގޮސްފައި އޮތް ގޮތުން އެ ސްކީމުގެ ދަށުން ފްލެޓު ހޯދުމަށް އެދި ހުށަހެޅި ގިނަ ބަޔަކަށް ފްލެޓު ލިބުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ބަލައި އެ ކޮމިޓީން ރައީސް އަށް ލަފާ ދީފައި ވަނީ ތިން ކަމެއް ކުރުމަށެވެ. އެއީ:

  • ނޮވެމްބަރު 15، 2023 ގައި [ކުރީ ސަރުކާރުން] އިއުލާނުކުރި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ބާތިލު ކުރުން
  • ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދަން އެދި ހުށަހަޅާއިރު، ހުށަހަޅާންޖެހޭ ލިޔުންތަކާއި ޕޮއިންޓު ދޭނެ ރަނގަޅު އުސޫލެއް އެކުލަވައިލައި ސްކީމް އިސްލާހު ކުރުން
  • އިސްލާހު ކުރާ، ހަރުދަނާ އުސޫލެއްގެ ދަށުން ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލުން

ހައުސިން އެޑްވައިޒަރީ ކޮމިޓީން މިގޮތަށް ރައީސްއަށް ލަފާ އަރުވާފައި އޮތް ނަމަވެސް، އިއްޔެ ސަރުކާރުން ވަނީ ނޮވެމްބަރު 15، 2023 ގައި ކުރީ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި ތިބި މީހުންނަށް ފްލެޓު ދޭން ނިންމައި އެކަން އިއުލާނު ކޮށްފަ އެވެ.

އެ ލިސްޓުން އުނިކުރަން މިހާރު ނިންމާފައި ވަނީ މާލޭގައި އުޅުނު ކަމަށް ބުނެ ލިޔުން ހުށަހަޅާފައި ތިބި މީހުންގެ ތެރެއިން، އެހެން ރަށްރަށުގައި ވަޒަންވެރިވެ ދިރިއުޅޭކަން ދައުލަތަށް ސާބިތުވާ މީހުންނާއި އެހެން ފުލެޓެއް ނުވަތަ ބިމެއް އޮތް މީހުންނާއި އެމީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް މާލެ ސަރަހައްދުން ބިމެއް ލިބިފައިވާ މީހުންނެވެ.

ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު އިއްޔެ ވިދާޅުވީ އެ ހުރިހާ އެންމެންނާ ވެސް ހައުސިން މިނިސްޓްރީން ރަސްމީކޮށް ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެމީހެއްގެ ޝަރުތު ހަމަނުވާ ކަމަށް މިނިސްޓްރީއަށް ގަބޫލު ކުރެވޭ ސަބަބު ވެސް ލިޔުމުން އަންގާނެ ކަމަށެވެ. އެއަށްފަހު މިނިސްޓްރީގެ ނިންމުން ގޯސް ކަމަށް ގަބޫލު ކުރެވޭ ނަމަ އެޕީލް ކުރުމުގެ ފުރުސަތު ވެސް އެމީހަކަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓު ލިބޭ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗެއް ލިބިފައި އޮންނަ ހާލަތުގައި، އެމީހަކު އެ ބިން ދޫކޮށްލަން އެއްބަސްވާނަމަ، އެމީހަކަށް ފްލެޓު ލިބޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

ސަރުކާރުން އެގޮތަށް ނިންމާފައި ވީނަމަވެސް، ރައީސް މުއިއްޒުގެ އިސްނެންގެވުމަށް އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ގެދޮރުވެރިޔާ ސްކީމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ. އެއީ:

  1. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ހޯދަން އެދި ހުށަހެޅި އެޕްލިކޭޝަންތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އުސޫލާ ހިލާފަށްކަން އޭސީސީގެ ތަހުގީގުން އެނގޭކަން
  2. ފްލެޓު ލިބޭ މީހުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައެޅުމުގައި އަމަލު ކޮށްފައި ވަނީ އުސޫލާ ހިލާފަށްކަން
  3. ޕޮއިންޓު ދިނުމުގައި އަމަލު ކޮށްފައި ވަނީ އުސޫލާ ހިލާފަށްކަން
  4. ޕްރޮޕަޓީ ޗެކް ކުރުމުގައި ބަލާފައި ވަނީ އަދާހަމަކޮށްފައިވާ ޑޭޓާބޭސްއަކަށް ނޫންކަން
  5. ކަމާގުޅޭ ދައުލަތުގެ ހުރިހާ އިދާރާއަކުން މައުލޫމާތު އެއްކުރެވިފައި ނެތްކަން
  6. އުސޫލާ ހިލާފަށް އަނގަބަހުން އިރުޝާދުތަކެއް ދީފައިވާކަން
  7. ވަގުތީ ލިސްޓު އަދި ޝަކުވާ ހުށަހެޅުމުގެ މަރުހަލާގައި އިތުރު ލިޔެކިޔުން ހުށަހެޅޭނެކަމަށް އިއުލާނު ކޮށްފައި ނުވި ނަމަވެސް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ބައެއް އެޕްލިކަންޓުން ހުށަހެޅި އާ ލިޔެކިޔުމަށް ބިނާކޮށް ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމާއި އަދި އެ ލިޔެކިޔުމަށް ބިނާކޮށް ޕޮއިންޓަށް ބަދަލު ގެނެސްފައިވާކަން. ނަމަވެސް ހަމަ އެފަދައިން ލިޔުން ހުށަހެޅި ބައެއް އެޕްލިކަންޓުންނާމެދު އެ އުސޫލުން އަމަލު ކޮށްފައި ނުވާކަން، އެފަދައިން އަމަލު ކުރުމުގެ ސަބަބުން މި ސްކީމަށް ކުރިމަތިލާފައިވާ އެންމެންގެ މެދުގައި ހަމަހަމަކަމާއެކު އެއް މިންގަނޑަކުން އަމަލު ކޮށްފައި ނުވާކަން
  8. ގެދޮރުވެރިޔާ ސްކީމު ހިމެނޭގޮތުން އޭރުގައި އެކުލަވައިލި ގެދޮރުވެރިން ކޮމިޓީ ނިންމުންތައް މި ސްކީމުގެ ދަށުން އަމަލު ކުރެވޭ އުސޫލާއި ފުށުއަރާކަމާއި އަދި އެ ކޮމިޓީގެ ނިންމުންތަކާއި ކޮމިޓީން ބޭރުން ނިންމި ނިންމުންތައް މި ސްކީމުގެ ދަށުން އަމަލު ކޮށްފައިވާ ގޮތާއިވެސް ފުށުއަރާކަން
  9. ވަގުތީ ލިސްޓާއި ދާއިމީ ލިސްޓުގައި އެޕްލިކޭޝަނުގެ ފަރަގު އައިސްފައިވާކަން، އަދި އެކަން އެހެން މެދުވެރިވެފައިވާ ސަބަބެއް އެނގެން ނެތްކަން
  10. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ތެރެއިން 20 ޕަސެންޓު މީހުން ހުށަހަޅާފައިވާ ފޯމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް އޭސީސީން ފާހަގަކޮށްފައިވާއިރު، އެ ފޯމުތަކަށް ޕޮއިންޓު ދިނުމުގައި އަމަލު ކޮށްފައި ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމުގެ އުސޫލާ އެއްގޮތަށްކަން ނުވަތަ އޭރުގެ ގެދޮރުވެރިން ކޮމިޓީގެ ނިންމުމާ އެއްގޮތަށް 70 ޕަސެންޓު ޕޮއިންޓު ކޮމިޓީގެ މެންބަރުން ދިނުމަށް ނިންމި ނިންމުމާ އެއްގޮތަށްކަން ސާފުކޮށް އެނގެން ނެތްކަން

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox