ނެޝަނަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޝްރޫއެއް ކަމަށް ބުނެ ކެމްޕެއިނެއް ފަށައި، ޓީޒާ ވީޑިއޯއެއް ލޯންޗު ކުރިފަހުން "ދިވެހިރާއްޖެ 2.0" ގެ އެއްވެސް މަސައްކަތެއް ނުފެށުނެވެ.
ދިވެހިރާއްޖެ 2.0 ގެ ނަމުގައި ހަދާފައި އިން 12 ސިކުންތުގެ ކުރު ވީޑިއޯއެއް ރައީސް މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޕޯސްޓު ކުރެއްވީ މާޗް 20، ގަ އެވެ.
އެއާއެކު ޑިޖިޓަލް ގެ ނަމުގައި ސަރުކާރުން ވަނީ ވެބްސައިޓެއް ވެސް ލައިވްކޮށްފަ އެވެ. ނަމަވެސް އެ ވެބްސައިޓުގައި އިނީ ފްރަންޓު ޕޭޖެއް އެކަންޏެވެ. އަދި މަޝްރޫއުގެ ތައާރަފެއް ކަމަށް ވެބްސައިޓުގައި ބުނެފައި އިނީ އެއީ ނެޝަނަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން މަޝްރޫއުއެއް ކަމަށެވެ.
ރައީސް މުއިއްޒު އެ ވީޑިއޯ ޕޯސްޓު ކުރުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން އެއަށް ހުއްޓުނެވެ. އަދި އެ މަޝްރޫއުގެ ތަފުސީލު ހޯދަން ވެސް ވަރަށް ގިނަ ބަޔަކު އެދިފައި ހުއްޓެވެ. ނަމަވެސް އެ ވީޑިއޯއަށްފަހު މިހާތަނަށް އެ މަޝްރޫއުގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއްނުވެ އެވެ.
ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަންގެ ނަމުގައި ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހާއްސަ ވައުދުތަކެއް ހިމަނާފައި ހުއްޓެވެ. އޭގެ ތެރޭގައި ޕޭޕަލް ފަދަ ޕްލެޓްފޯމްތަކުން ފައިސާ ފޮނުވޭނެ އަދި ލިބޭނެ ގޮތް ހެދުމާއި ގޫގްލް ފަދަ ކުންފުނިތަކުގެ ސްޓޮކް ރާއްޖެއިން ގަނެވޭނެ ގޮތް ހެދުމާއި ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ރާއްޖޭގައި ގާއިމް ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ސަރުކާރު ހިންގުމުގައި އޭއައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް އެއް ކޯލް ސެންޓަރަކުން ދެވޭނެ ގޮތް ހެދުމާއި ކަރުދާސް ބޭނުންނުކޮށް ސަރުކާރުގެ އޮފީސްތައް ހިންގުމާއި ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ލިޔެކިޔުންތަކެއް ޑިޖިޓަލް ކުރުމާއި މާލޭގެ ޓްރެފިކް ނިޒާމް އޭއައި ބޭނުންކޮށްގެން ޑިޖިޓަލައިޒް ކުރުން ހިމެނެ އެވެ.












