ސިނގިރޭޓު ވިއްކާ މީހުން ސިޔާސީ ވާދަވެރިންގެ ގޮތުގައި ލޭބަލުކޮށް ވިޔަފާރި ހުއްޓާލަން ގޮވާލުމުން ބޮޑެތި ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފި

Apr 2, 2025, 6:08 PM
ރައީސް މުއިއްޒު: ބޮޑެތި ބައެއް ވިޔަފާރިތަކުން ދެކުނީ ރައީސް ގޮން ޖެއްސެވީ މިނިވަން ވިޔަފާރިއަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ބޮޑެތި ބައެއް ވިޔަފާރިތަކުން ދެކުނީ ރައީސް ގޮން ޖެއްސެވީ މިނިވަން ވިޔަފާރިއަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ސިނގިރޭޓު ވިއްކާ މީހުން ސިޔާސީ ވާދަވެރިންގެ ގޮތުގައި ސިފަ ކުރައްވައި، ސިނގިރޭޓުގެ ވިޔަފާރި ހުއްޓާލަން ރައީސް މުހައްމަދު މުއިއްޒު ގޮވައިލެއްވުމުން ރާއްޖޭގައި ވިޔަފާރި ކުރާ ބޮޑެތި ބައެއް ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިނގިރޭޓު ވިޔަފާރި ހުއްޓާލައި "އެހެން ކަމަކައިގެން އުޅެން" ރައީސް ގޮވައިލެއްވުމުން ބައެއް ވިޔަފާރިތަކުން އެކަން ދެކުނީ ރައީސް މިނިވަން ވިޔަފާރިތަކަށް ދެއްވި އިންޒާރެއްގެ ގޮތުގަ އެވެ. ސިނގިރޭޓު ވިޔަފާރި ކުރަނީ ރާއްޖޭގައި މަދު ބަޔަކަށްވާއިރު އެ ވިޔަފާރިތައް "ސިންގަލް އައުޓް" ކުރުމަކީ ވެސް ވިޔަފާރިތަކުގެ ކަންބޮޑުވުމެކެވެ.

"ވަރަށް ދެރަވެއްޖެ އަޅުގަނޑުމެން. ވަރަށް މާޔޫސްވެއްޖެ. މާދަމާ ނުކުމެވަޑައިގެން ވިދާޅުވެފާނެ އެހެން ވިޔަފާރިތަކާ ދިމާލަށް ވެސް އެހެން. ދެން އަޅުގަނޑުމެން ހިތަށް އަރަނީ ސިނގިރޭޓު ވާހަކަ އެކަނި ކީއްވެތޯ ދައްކަނީ؟ ރަލާއި އޫރު މަސް ވިއްކުން ހުއްޓާލަންވީ ނޫންތޯ؟،" ސަރުކާރުން ދަތިކޮށްފާނެތީ ނޫހުގައި ނަން ނުޖެހުމަށް އެދި މި ނޫހާ ވާހަކަ ދެއްކި ބޮޑު ވިޔަފާރިވެރިއަކު ބުންޏެވެ.

ރައީސް އޮފީހުން ޕްރޮޑިއުސް ކުރާ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ސިނގިރޭޓު ވިޔަފާރިރި ކުރަނީ އެމަނިކުފާނާ "އިދިކޮޅު ފިކުރުގެ މީހުން ކަމަށެވެ.

"ދެން އަޅުގަނޑު ބަލައިލާއިރުގައި، ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ މީހުން އިނގޭތޯ. އެ މީހުން މި މުޒާހަރާތަކަށް ވެސް އެބަ އެހީދޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް ރާއްޖޭގައި ސިނގިރޭޓު ވިޔަފާރި ކުރާ މައިގަނޑު ދެ ކުންފުންޏަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ ބައެއް ނޫނެވެ.

ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރާ މައިގަނޑު ދެ ކުންފުންޏަކީ ސީޖީޓީ ޕްރައިވެޓް ލިމިޓެޑް އާއި ބްލެންކްސް ޕްރައިވެޓް ލިމިޓެޑެވެ. ސީޖީޓީ ކުންފުނީގެ ވެރިންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ ބައެއް ނޫނެވެ. ބްލެންކްސްގެ މައިގަނޑު އެއް ހިއްސާދާރުގެ އަނބިކަނބަލުންނަކީ ސޯޝަލް އެންޑް ފެމިލީ ވެލްފެއާ މިނިސްޓަރު އައިޝަތު ޝިހާމް އެވެ.

އޭގެ އިތުރުން މިއަދު ވާހަކަ ދައްކަވަމުން ރައީސް ގޮވައިލެއްވީ ސިނގިރޭޓު ވިއްކާ މީހުން އެ ވިޔަފާރި ހުއްޓާލުމަށެވެ.

"އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް ސިނގިރޭޓު ވިޔަފާރިކުރާ މީހުންނަށް އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކައިގެން އުޅެން. މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ. މިއީ ކުޑަކުޑަ ގައުމެއް. މިއީކީ މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތާނގައި އެކަން ކުރަންވީކީއެއް. އަޅުގަނޑުމެން ކުޑަ މުޖުތަމައު ސަލާމަތްކުރިއްޔާ މާ ރަނގަޅެއްނު މިކަމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެއާއެކު ބައެއް ފަރާތްތަކުގެ ފާޑުކިޔުން ރައީސް މުއިއްޒަށް ވަނީ އަމާޒުވެފަ އެވެ. އޭގެ ތެރޭގައި ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހިމެނެ އެވެ.

"މަނިކުފާނާއި ސިޔާސީ ފިކުރު ތަފާތު ވާ މީހުން ދެން ވިޔަފާރި ވެސް ނުކުރަންވީ. ގާނޫނާއި ގަވާއިދުގެ ތެރެއިން، ސަރުކާރަށް ޓެކްސް ދައްކަމުންދާ ބަޔަކާއި މެދު ތިގޮތަށް ވާހަކަ ނުދެއްކޭނެ. ތީގެއިން ދައްކުވައިދެނީ މަނިކުފާނުގެ އަހްލާގީ ފެންވަރު. ކޮލިޓީއެއް ނެތްކަން. ގައުމުގެ އެންމެންނަށް ހަމަހަމަކޮށް، އިންސާފުވެރި ވެރިކަމެއް ކުރުމަށް މަނިކުފާނު ނުކުޅެދިފައިވާކަން. ސަރުކާރެއް ހިންގުމުގެ ގާބިލްކަމެއް މަނިކުފާނުގެ ނެތް! ރައީސްކަން ދޫކޮށްލާ އެހެންކަމަކާއި އުޅެންވީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަތުލުއާންމު ކުށަކަށް ހަދަނީ "ނުކުތާތަކަށް އަސަރުކޮށްފާނެތީ"

މިއީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ރާއްޖެއިން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށާއި، މި ބިލުގެ ސަބަބުން ފަލަސްތީނާއި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުޝާމް ފާހަގަކުރެއްވި. ސަރުކާރުން މި ބިލު ހުށަހަޅާފައި މި ވަނީ މައްސަލައިގައި ތަދައްހުލުވާން ހުށަހެޅިތާ ދެ އަހަރު ފަހުން.

"ރަސްމާލެ އަދި ނ. އަތޮޅު ޓައުންޝިޕް މަޝްރޫއު ހުއްޓާލަން ޖެހޭ"

ރަސްމާލެ މަޝްރޫއާއި ނ. އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، އެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ. ރަސްމާލެ އެއްބަސްވުން ހާމަކުރަން ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ބޮޑު ހޭދައަކުން ހިއްކާ ބިންތައް ބޭރުގެ ފަރާތްތަކަށް ހިލޭ ދިނުމާއި ރެޒިޑެންސީ ވިސާ ދޫކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ގާނޫނުލްއުގޫބާތު ބަދަލުކުރާ ބިލު އެޖެންޑާއިން ނަގައިފި

ގައުމަށް ގައްދާރުވުމާއި އިގްތިސާދަށް ގެއްލުންދިނުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ކުއްލި ގޮތަކަށް ވަނީ އުނިކޮށްފަ. މި ބިލުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ސަރުކާރުގެ މަޝްރޫއުތަކާ ދެކޮޅަށް އަޑުއުފުލާ ސިޔާސީ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ލިބުމުގެ ބިރު އޮތްކަން ފާހަގަކުރެވޭ.

ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ސަރުކާރުން ފަސްކޮށްފި. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުތައް ދޭން ވަނީ ހަމަޖެހިފަ.

ސަރުކާރުން އަބަދު ކުރާ ކަމަކީ އުނބަށް ޖެހުން: ޒިޔާދު

ޓެކްސް ގާނޫނަށް ގެންނަ ބަދަލުތަކާ ޒިޔާދު (ފިއްޓޭ) ވިދާޅުވީ، ސަރުކާރުން ގާނޫނުތަކަށް ތާއަބަދު ބަދަލު ގެނައުމަކީ "އުނބަށް ޖެހުން" ކަމަށް. އަދި، މަޖިލިސް މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލުކުރަމުންދާތީ، ގައުމުގެ ހަގީގީ މައްސަލަތަކަށް ހައްލު ނުލިބި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

ރަސްމާލެ ޑީލާ ގުޅިގެން ރިފަރެންޑަމަކަށް ދާކަށް ނުޖެހޭ: އައިބީ

ރަސްމާލެ މަޝްރޫއުގެ ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ނުޖެހޭނެ ކަމަށް މެންބަރު އައިބީ ވިދާޅުވި. އިދިކޮޅު މެންބަރުންނާއި ކުރީގެ ރައީސް ޔާމީން މިކަމުގައި ރެފަރެންޑަމަކަށް ދާން ގޮވާލެއްވި ނަމަވެސް، ސަރުކާރުން ދަނީ މި މަޝްރޫއަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން.

ވިލުފުށީ ހައުސިންއަށް ލިބުނު ޕޮއިންޓްތައް ފެންނާނީ ޕޯޓަލްއިން

ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލީ މީހުންނަށް ލިބުނު ޕޮއިންޓް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ. ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ، އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox